މޯލްޑިވްސް ހާފް މެރަތަންގެ އެކްސްޕޯ މިރޭ ހުޅުމާލޭގައި ފަށަން ތައްޔާރުވެއްޖެއެވެ.

މިރޭން ފެށިގެން މިމަހުގެ 13 ވަނަ ދުވަހުގެ ރެއަށް ހުޅުމާލޭ ސިންތެޓިކް ޓްރެކްގައި މޯލްޑިވްސް ހާފް މެރަތަން އެކްޕޯ ކުރިއަށްދާ އިރު، މިރޭ ހާއްސަ ޕެނަލް ޑިސްކަޝަންއެއް ކުރިއަށް ގެންދަން ވަނީ ނިންމައިފައެވެ. އެއީ "ރަނިން ޓުގެދާ: ބިލްޑިން އަ ހެލްތިއާ، ގްރީނާ އެންޑް ސޭފާ މޯލްޑިވްސް"ގެ ނަމުގައެވެ.

ތަޖުރިބާކާރުން ހިމެނޭ އެ ޕެނަލް ޑިސްކަޝަންގައި ބައިނަލްއަގުވާމީ ފިޓްނަސް އައިކަން، އެންޑުއަރެންސް އެތުލީޓް އަދި ކުރީގެ ބޮލީވުޑް އެކްޓަރު މިލިންދު ސޯމަން ބައިވެރިވާނެއެވެ. އަޔަން މޭން ޓްރައިއެތުލީޓް މިލިންދަކީ މޯލްޑިވްސް ހާފް މެރަތަންގެ އެމްބެސެޑަރެވެ.

އެކްސްޕޯ ކުރިއަށް ގެންދަން މޯލްޑިވްސް ހާފް މެރަތަންއިން ނިންމާފައި ވަނީ މުނިފޫހިފިލުވުމުގެ ހަރަކާތްތަކާ ވެސް އެކުގައެވެ. އެގޮތުން ލަވަކިޔުންތެރިޔާ ޝައްމޫން މުހައްމަދު (ޝަންމު)ގެ ހުށަހެޅުންތައްވެސް މިރޭ ފެނިގެންދާނެއެވެ. އަދި މިއަދާއި މާދަމާ ހަވީރު ފަހަކުން ރޭގަނޑު 10 އަކަށް އެކިއެކި ހަރަކާތްތައް އެކްސްޕޯގެ ތެރެއިން ކުރިއަށްދާ އިރު، ކޮންމެ ރެއަކުވެސް ތަޖުރިބާކާރުންގެ ޕެނަލް ޑިސްކަޝަންއެއް ކުރިއަށް ގެންދަން ވަނީ ނިންމައިފައެވެ.

މިމަހުގެ 13 ވަނަ ދުވަހުގެ ހަވީރު ކުޑަކުދިންނަށް ހާއްސަ އިވެންޓެއްވެސް އެކްސްޕޯގެ ތެރެއިން ކުރިއަށް ގެންދަން ނިންމާފައިވެއެވެ. އަދި އެކްސްޕޯގެ ތެރެއިން މޯލްޑިވްސް ހާފް މެރަތަން 2026 ގެ ބިބް ދޫކުރުން ވެސް ކުރިއަށް ދާނެއެވެ. އަދި ފިޓްނަސް ޗެލެންޖްތަކުގެ އިތުރުން ފޮޓޯ ނެގުމާއި ދުވުމާ ގުޅޭ ހާއްސަ ސާމާނު ވިއްކުންވެސް އެ ސަރަހައްދުން ކުރިއަށް ގެންދަން ވަނީ ނިންމައިފައެވެ.

މިފަހަރު މޯލްޑިވްސް ހާފް މެރަތަންގެ ރޭސް އިވެންޓް އޮންނާނީ މިމަހުގެ 14 ވާ ހުކުރު ދުވަހުގެ ހެނދުނު ހުޅުމާލޭގައެވެ. އެެގޮތުން ހާފް މެރަތަން އާއި 15 ކިލޯމީޓަރު ދުވުން ފަތިހު 5:15 ގައި ފަށާ އިރު، ހެނދުނު 6:00 ގައި "ޓަފް ޓެން" ފަށާނެއެވެ. އަދި 7:30 ގައި ފަސް ކިލޯމީޓަރު ބައި ފަށާ އިރު، 8:30 ގައި ފަށާނީ ކުޑަކުދިންގެ ދުވުމުގެ އެކި ޑިވިޝަންތަކެވެ.

މިލިންދާއެކު މިރޭ އޮންނަ ޕެނަލް މޮޑްރޭޓް ކޮށްދޭނީ ނަޝީތު ތޯހާއެވެ. މިލިންދުގެ އިތުރުން އައި ރަނާސް މޯލްޑިވްސްގެ ފައުންޑާ އަދި ރައީސް ހުސައިން ޝުޖާއު، އޮކިއުޕޭޝަނަލް ތެރަޕީ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް ތޯހާ އަދްލޭއާއި ވެލްނެސް އެޑްވޮކޭޓް، އެންޑިއުރެންސް އެތުލީޓް އަދި ލައިފްސްޓައިލް އިންފްލުއެންސާ އަންކިޓާ ކޮންވާރާއި ސޭވް ދަ ބީޗް މޯލްޑިވްސްގެ ކޯ ފައުންޑާ ހަސަން އަހުމަދުވެސް ޕެނަލްގައި ބައިވެރިވާނެއެވެ.