ކޮރަޕްޝަން ކުރިއަށްދަނީ ތަންފީޒީ އިދާރާތަކުން ކަންކުރާގޮތުގެ ސަބަބުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ، ފެނަކަ ކޯޕަރޭޝަންގެ މުދަލާއި ހިދުމަތް ހޯދުން، ކުންފުނީގެ މާލީ ހާލަތާއި ހިސާބުތައް ބެލެހެއްޓުމާ ގުޅޭ ހާއްސަ އޮޑިޓް ރިޕޯޓް ދިރާސާކުރުމަށްފަހު މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އެކުލަވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ރިޕޯޓުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

ނާޒިމް ވިދާޅުވީ، ފެނަކައިގައި ކަންކަން ހިނގައިދިޔަގޮތާއި ކޮރަޕްޝަން ހިނގިގޮތް، އެ އޮޑިޓް ރިޕޯޓުގައި އޮޑިޓާ ޖެނެރަލް ވަރަށް ރަނގަޅަށް ފާހަގަ ކޮށްފައިވާ ކަމަށެވެ.

ނަމަވެސް އެ ރިޕޯޓް ނެރުނުތާ އަހަރަކަށްވުރެ ގިނަދުވަސް ވީ އިރުވެސް އެންޓިޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ދިވެހި ފުލުހުންގެ ހިދުމަތަށް ކަމެއް ނުކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ.

"މިހާރު ހިނގަމުންދާ އޭސީސީގެ ދައުރު އަންނަ އަހަރުގެ މާޗް މަހުގެ ނަިޔަށް ނިމޭނެ، އަޅުގަނޑު އެ ކޮމިޝަންގެ ފަސް މެންބަރުންނަށް ދަންވާލާހިއްވޭ އެބޭފުޅުން އަމިއްލައަށް ވިދާޅުވެ ދެއްވަފާނަންތޯއޭ އެބޭފުުޅުން، މިދިޔަ ފަސްއަހަރު ކުރެއްވި މަސައްކަތަށްފަހު ނުކުމެ ރައްޔިތުން ކުރިމަތީގައި އިސް އުފުލާލައިގެން މަގުމަތީގައި ހިނގާލެވޭވާރުގެ ހިދުމަތެއް ކޮރަޕްޝަނާ ދެކޮޅަށް ދެވިއްޖެ ކަމަށް،"

ނާޒިމް ވިދާޅުވީ އެންމެ ފަރާތަކަށް ފިޔަވަޅު އެޅޭނެ، ކުދި ކުދި ކަންތައްތަކުން ފެށިގެން ބޮޑެތި ހިޔާނާތްތައް އެ އޮޑިޓް ރިޕޯޓުގައި ހިމެނޭ ކަަމށެވެ.

"މިސާލަކަށް އެއްްޗެއްހި އޯޑަރުކުރިތާ ތިންދުވަސް ތެރެގައި މުދާހިފައިގެން ބޯޓު ރާއްޖެ އައިސް ބަދަރަށް ވަދެފައި އެބަހުރި، އެބައޮތް ފަސް ޕާޗޭސް އޯޑަރެއްގެ ވާހަކަ ބުނެފައި އެބައޮތް، އެއީ 21 ވަނަދުވަހު ޕާޗޭސް އޯޑަރުދިނީ 24 ވަނަ ދުވަހު ބޯޓު ވަނީ، އެހެންވީމަ މިހިރީ ދުރާލާ ރާވައިގެން ކޮށްފަހުރި ސިދާ ފެންނަންހުރި ވަންކަންތައް ފިޔަވަޅުއަޅަން އުނދަގޫ ކަންތައްތަކެއް ނޫންމީ،"

ނަމަވެސް ނާޒިމް ވިދާޅުވީ، އެކަންތައްތަކަށް އަދިވެސް ފިޔަަވަޅު އަޅާފައި ނުވާ ކަމަށެވެ.