ވައިގެ ތެރެއިން ކުއްލިއަކަށް 300 ފޫޓު ތިރިއަށް ވެއްޓުނު އެއާ އިންޑިއާގެ ފްލައިޓެއްގެ ކެޕްޓަން ހެދި ދެވަނަ ޑްރަގް ޓެސްޓުން އޭނާ މަރިޖުއާނާއަށް ޕޮޒިޓިވްވެފައިވާ ކަމަށް ހަބަރުތައް ބުނެފިއެވެ.

މި ހާދިސާ ހިނގާފައިވަނީ މި މަހުގެ 4 ވަނަ ދުވަހު ތައިލެންޑުގެ ފުކެޓުން ފުރައިގެން އިންޑިއާގެ ދިއްލީއަށް ދަތުރުކުރި އެއާ އިންޑިއާގެ ފްލައިޓް "އޭއައި-2379" ގައެވެ.

އެއާބަސް އޭ320 މަރުކާގެ މި ބޯޓު ދަތުރުކުރަމުން ދަނިކޮށް ކުއްލިއަކަށް 300 ފޫޓު ތިރިއަށް ވެއްޓުމުގެ ސަބަބުން، ބޯޓުގައި ތިބި 137 ފަސިންޖަރުންނާއި 8 ކްރޫންގެ ތެރެއިން 20 ފަސިންޖަރުންނާއި 4 ކްރޫންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވެއެވެ.

މި ހާދިސާއަށްފަހު ބޯޓުގެ ދެ ޕައިލެޓުން ވެސް މަސްތުވާތަކެއްޗަށް ޓެސްޓުކުރިއިރު، ފަސްޓް އޮފިސަރުގެ ނަތީޖާ ނެގެޓިވްވި ނަމަވެސް ކެޕްޓަންގެ ފުރަތަމަ ޓެސްޓާއި އޭގެ ފަހުން ހެދި ކަށަވަރުކުރުމުގެ ޓެސްޓުން ވެސް މަރިޖުއާނާ ބޭނުންކޮށްފައިވާކަން ދައްކާފައިވާ ކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.

މިކަމާ ގުޅިގެން އެއާ އިންޑިއާއިން ރަސްމީކޮށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް، ތަހުގީގު ނިމެންދެން ދެ ޕައިލެޓުން ވެސް ވަނީ ފްލައިޓް އޮޕަރޭޓުކުރުމުން އެކަހެރިކޮށްފައެވެ. މިހާރު މި ހާދިސާ ތަހުގީގުކުރަމުން އަންނަނީ އިންޑިއާގެ އެއާކްރާފްޓް އެކްސިޑެންޓް އިންވެސްޓިގޭޝަން ބިއުރޯ (އޭއޭއައިބީ) އިންނެވެ.