ސަރުކާރުގެ ހަރަދުގައި ބިނާކުރާ އަލްމަދަރުސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގެ އާ އިމާރާތުގެ މަސައްކަތް ކުރިއަށް ގޮސްފައިވާ މިންވަރު، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްލަވައިލައްވައިފިއެވެ.

އަރަބިއްޔާގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން އާރްސީސީއާ ހަވާލުކުރީ 12 ނޮވެމްބަރު 2024 ގައެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި އަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް ރައީސް އެ ސަރަހައްދަށް ވަޑައިގަތުމުން މަރުހަބާ ދެންނެވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއުގެ އިތުރުން އާރްސީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ރަޝީދެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ރައީސްގެ މި ޒިޔާރަތުގައި، އަރަބިއްޔާ ސްކޫލުގެ ބައެއް ދަރިވަރުންގެ އިތުރުން މަތީ ތައުލީމު ހާސިލުކުރުމަށް އެދިއެދި ތިބި ބައެއް ދަރިވަރުން އެމަނިކުފާނާ ބައްދަލުކުރައްވައި އެ ދަރިވަރުންގެ ޝުއޫރުތައް ހިއްސާކުރެއްވި ކަމަށެވެ.

އެ ދަރިވަރުންގެ ޝުއޫރުތައް އަޑުއެއްސެވުމަށްފަހު ރައީސް ވަނީ އެ ދަރިވަރުން ހިއްސާކުރެއްވި ކަންކަމުގައި ސަރުކާރުން ވެދެއްވެންހުރި އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަންދެއްވައި ސަރުކާރުން މަތީ ތައުލީމަށް ދެއްވާ ހާއްސަ އިސްކަން ފާހަގަކުރައްވާފައި ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ އަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް ޑިސެމްބަރުގެ ނިޔަލަށް ނިންމައި އަންނަ 2027 ވަނަ އަހަރުގެ ދިރާސީ އާ އަހަރުގައި ކިޔަވައިދޭން ފެއްޓުމަށް ވަނީ ހަމަޖެހިފައެވެ.

ޖުމްލަ 8 ފަންގިފިލާއަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ މި ސްކޫލުގެ ކްލާސްރޫމްތަކާއެކު ކިޔަވައިދިނުމަށް ބޭނުންވާ ޒަމާނީ އިތުރު ވަސީލަތްތައް ގާއިމުކުރެވޭނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ އަރަބިއްޔާ ސްކޫލް ޒަމާނީކޮށް، ފުޅާ ދާއިރާއެއްގައި އަރަބި ބަހުން ތައުލީމު ދެވޭ މަރުކަޒަކަށް އެ ސްކޫލް ހެދުމާއެކު، މާލެއިން އެކަށޭނަ ބޮޑު ބިމެއްގައި، ޖާގައިގެ ގޮތުން ތަނަވަސް، ޒަމާނީ އާ އިމާރާތެއް ބިނާކޮށް، އެތަނަށް އަރަބިއްޔާ ސްކޫލް ބަދަލުކުރުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެެއް ކަމަށެވެ.