ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރުސީ) ގައި މިހާރު ފެތުރެމުންދާ އިބޯލާ ރޯގާ، ތާރީހުގައި ވެސް އެންމެ ގިނަ މީހުން މަރުވި އިބޯލާ ރޯގާއަށް ވެދާނެ ކަމުގެ އިންޒާރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން މިއަދު ދީފިއެވެ.

ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔެސުސް ވިދާޅުވި ގޮތުގައި، މިހާރު ބަލި ފެތުރެމުންދާ ބާރުމިނުގައި ކުރިއަށްދާ ނަމަ، 2014 އިން 2016 އަށް ހުޅަނގު އެފްރިކާގައި ފެތުރުނު، 11،000 އަށްވުރެ ގިނަ މީހުން މަރުވި އިބޯލާ ރޯގާއަށް ވުރެ މި ފަހަރުގެ ރޯގާގެ ނުރައްކާ ބޮޑުވާނެއެވެ. މި ރޯގާއަކީ މިހާތަނަށް އެންމެ ހަލުވިކަމާއެކު ފެތުރެމުންދާ އިބޯލާ ރޯގާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ޑަބްލިއުއެޗްއޯއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިހާތަނަށް 4،470 އަށް ވުރެ ގިނަ މީހުންނަށް ބަލިޖެހިފައިވާއިރު، އޭގެ ތެރެއިން 2،060 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މިއާއެކު ބަލީގައި މަރުވާ މީހުންގެ ނިސްބަތް އުޅެނީ 46 ޕަސެންޓުގައެވެ. މި ފަހަރު ފެތުރެމުންދަނީ އިބޯލާ ވައިރަހުގެ ވަރަށް މަދުން ނޫނީ ނުފެންނަ ބާވަތެއް ކަމަށްވާ "ބުންޑިބުގްޔޯ" ސްޓްރެއިން ކަމަށާއި، މިއީ އަދި ވެކްސިނެއް ނުވަތަ ފަރުވާއެއް ހޯދިފައިވާ ބާވަތެއް ނޫން ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

މި ރޯގާ ރަސްމީކޮށް އިއުލާންކޮށްފައިވަނީ މިދިޔަ މެއި މަހުގެ 15 ވަނަ ދުވަހު ނަމަވެސް، ޑަބްލިއުއެޗްއޯއިން ބުނި ގޮތުގައި ވައިރަސް ފެތުރެން ފަށާފައިވަނީ ފެބްރުއަރީ މަހުގެ ތެރޭގައެވެ. މިހާރު ކޮންގޯގެ ފަސް ޕްރޮވިންސަކަށް ބަލި ފެތުރިފައިވާއިރު، ބަލި ކޮންޓްރޯލް ކުރުމަށް ކުރާ މަސައްކަތްތަކަށް ހުރަސްއެޅިފައިވަނީ އިރުމަތީ ސަރަހައްދުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި، ދަތުރުފަތުރު ކުރުމުގައި ހުރި ދަތިތަކުގެ އިތުރުން ސިއްހީ މަސައްކަތްތެރިންނަށް މުސާރަ ނުދޭތީ ކުރަމުންދާ މުޒާހަރާތަކުގެ ސަބަބުން ކަމަށް އެ ޖަމިއްޔާއިން ފާހަގަކުރެއެވެ.

ޑަބްލިއުއެޗްއޯގެ ހެލްތު އިމަޖެންސީ އޮޕަރޭޝަންސްގެ ޑިރެކްޓަރު ޑރ. އަބްދިރަހްމާން މަހަމޫދު ވިދާޅުވި ގޮތުގައި، މިހާރު އޮތް ހާލަތަށް ބަލާއިރު ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި ބަލި ފެތުރުން އެންމެ މައްޗަށް ދާނެ ކަމަށް ލަފާކުރެވެއެވެ. ނަމަވެސް ހާލަތު ގޯސްވެއްޖެ ނަމަ، މި މުއްދަތު ނުވަ މަހާއި 12 މަހާ ދެމެދުގެ މުއްދަތަކަށް ދިގުލައިގެން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މި ރޯގާއާ ގުޅިގެން ޑަބްލިއުއެޗްއޯއިން ވަނީ ބައިނަލްއަގުވާމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ. ކޮންގޯގެ އިތުރުން އަވަށްޓެރި ޔޫގަންޑާއިން ވެސް މި ބަލީގެ 20 ކޭސް ފެނި، ދެ މީހަކު މަރުވެފައިވާ ކަމަށް ރަސްމީ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ.