އޮފީސްތަކާއި ކުންފުނިތަކުގެ މީޑިއާ/ޕީއާރް އޮފިސަރުންނަށް އަމާޒުކޮށް ހާއްސަ ތަމްރީނު ޕްރޮގްރާމެއް ހިންގަން ޝަހީބު މީޑިއާ އިން ނިންމައިފިއެވެ.

ޝަހީބު މީޑިއާ އިން "މީޑިއާއަށް އަހުލުވެރިކުރުވުމުގެ މަތީފެންވަރުގެ ތަމްރީނު ޕްރޮގްރާމް" ކުރިޔަށްގެންދަނީ މިމަހުގެ 23 އިން އަންނަ ސެޕްޓެމްބަރު 3 އަށެވެ.

އެ ޕްރޮގްރާމްގައި ރައްޔިތުންނާ ގުޅުންހުރި އެކިއެކި މަޝްރޫއުތަކާއި އިވެންޓުތަކާއި ޕްރޮޑަކްޓްތަކާ ގުޅޭ މައުލޫމާތުތައް، ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމުގައި އެކިއެކި މުވައްސަސާތަކުގެ އެންމެ އިސް ދައުރެއް އަދާކުރާ މީޑިއާ/ޕީއާރް އޮފިސަރުން ތާޒާކޮށް، އަދާހަމަކުރުން ކުރިޔަށްގެންދަން ވަނީ ނިންމައިފައެވެ.

ވިހި ގަޑިއިރުގެ މި ތަމްރީނުގައި، މީޑިއާ/ޕީއާރް އޮފިސަރުން ދިވެހި މީޑިއާއަށް އަހުލުވެރިކުރުވައި، މީޑިއާއާ ގުޅުން ބަދަހިކުރުމުގެ ހުނަރުތައް ދަސްކޮށް ދިނުމަށް ވަނީ ނިންމައިފައެވެ.

އެ ޕްރޮގްރާމް ކުރިޔަށްގެންދަނީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގައި ރޭގަނޑު 8- 10 އަށެވެ.

މި ތަމްރީނު ޕްރޮގްރާމުގައި ކިޔަވައިދޭނީ ފާއިތުވީ ފަންސަވީހަކަށް އަހަރުގެ ތެރޭގައި، ރާއްޖޭގައި އެންމެ ގިނަ ނޫސްވެރިން ތަމްރީނުކޮށް އަމަލީ މައިދާނަށް ނެރެފައިވާ، ދިވެހި ނޫސްވެރިކަމުގެ 35 އަހަރުގެ ތަޖުރިބާކާރެއް ކަމަށްވާ މުހައްމަދު ޝަހީބެވެ.

އޭނާއަކީ ޝަހީބު މީޑިއާގެ ޕްރެޒިޑެންޓުގެ އިތުރުން އަދިވެސް އޮންލައިންގެ ސީއީއޯ އަދި އެޑިޓަރެވެ. މި ތަމްރީނު ޕްރޮގްރާމު ބައިވެރިންނަށް، ޗީފް ގަވަންމަންޓް ސްޕޯކްސްޕާސަން މުހައްމަދު ހުސެއިން ޝަރީފު (މުންދު) ހާއްސަ ތަގްރީރެއް ދެއްވުމަށް ހަމަޖެހިފައިވެއެވެ.

މި ޕްރޮގަރާމްގައި ބައިވެރިވުމުގެ ފީއަކީ 3500 ރުރިޔާއެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި، ބައެއް މުވައްސަސާތަކަށް ވަނީ ހިލޭ ފުރުސަތު ދީފައެވެ. އެ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް އެކިއެކި އޮފީސްތަކާއި ކުންފުނިތަކަށް މިހާރު އަންނަނީ ދައުވަތު ފޮނުވަމުންނެވެ.