ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން "ވިޒިޓް މޯލްޑިވްސް އިޔާ 2027" ގެ ރަސްމީ ޝިއާރަކަށް "އައިލެންޑްސް އާ އަސް" އިއުލާނުކޮށްފިއެވެ.
މި ޝިއާރު އިއުލާނުކޮށްފައިވަނީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ބޭއްވި މިއަހަރުގެ ތިންވަނަ ކުއާޓަރުގެ "މޯލްޑިވްސް ޓޫރިޒަމް އިންޓެލިޖެންސް ބްރީފިން" ގައެވެ. މި އިއުލާނު ނެރެފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގެ އިސް ޖަމިއްޔާތަކާ ގުޅިގެންނެވެ.
ވީއެމްސީން ބުނީ މި ޝިއާރުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ޖަޒީރާވަންތަކަން ފުރިހަމައަށް ބަލައިގަނެ، ރަށްތައް ރަމްޒުކޮށްދޭ ކަންކަން ފުޅާކުރުން ކަމަށާއި އަދި އާންމުކޮށް މަޝްހޫރު "ސަން، ސޭންޑް އެންޑް ސީ" ގެ އިތުރުން އެޑްވެންޗަރާއި، ރޮމޭންސް، ފެމިލީ، ސަގާފަތް، ލަގްޒަރީ، މައިސް، ވެލްނެސް އަދި ތިމާވެށި ހިމެނޭހެން ފަތުރުވެރިކަމުގެ ތަޖުރިބާތައް ފުޅާކުރުމަށް އަމާޒު ހިިފާފައިވާ ކަމަށެވެ.
ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ ވިދާޅުވީ، މި ޝިއާރަކީ ދިވެހި ގައުމިއްޔަތުގެ އަސާސީ ސިފަތަކާ ގުޅިފައިވާ ނަމެއް ކަމަށާއި ރާއްޖޭގެ ރަށްތަކުން ވަނީ އިޖުތިމާއީ ގުޅުންތަކާއި ދިރިއުޅުމުގެ ވަސީލަތްތަކާއި މަސައްކަތްތަކާއި އާދަކާދަތަކާއި ދުނިޔެއަށް މަރުހަބާ ކިޔާ ގޮތް ބައްޓަންކޮށްދީފައި ކަމަށެވެ.
"ވިޒިޓް މޯލްޑިވްސް އިޔާ 2027 އިން އަޅުގަނޑުމެންގެ ފަތުރުވެރިކަމުގެ ސިނާއަތާއި ރައްޔިތުންނާއި ބައިވެރިން އެއް ގައުމީ ޕްލެޓްފޯމެއްގެ ދަށުން ގުޅުވާލައި، މުޅި ދުނިޔެއަށް އަޅުގަނޑުމެންގެ އައިޑެންޓިޓީ އިތުރު ފުރިހަމަކާއެކު ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
ވިޒިޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އިބްރާހީމް ޝިއުރީ ވިދާޅުވީ، ބައިނަލްއަގުވާމީ ގޮތުން މިހާރުވެސް ރާއްޖެއަށް އޮންނަނީ ވަރަށް ފުރިހަމަ ތަސައްވުރެއް ކަމަށާއި ވިޒިޓް މޯލްޑިވްސް އިޔާ 2027 ގެ ބޭނުމަކީ އެ ތަސައްވުރަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުން ކަމަށެވެ.
"އައިލެންޑް އާ އަސް އަކީ ރާއްޖޭގެ ތަފާތު އެކި ވާހަކަތައް ކިޔައިދިނުމަށް ބިނާކުރެވިފައިވާ ސާދާ ހިޔާލެއް. މީގެ ސަބަބުން ދިވެހިރާއްޖެ ދެނެގަނެ، ތަޖުރިބާކުރެވޭ ގޮތް ފުޅާކުރެވިގެންދާއިރު، ދިވެހިރާއްޖޭގެ އަސްލު ދެމިއޮންނާނެ ގޮތަށް، ހާއްސަ ސިފަތައް ފާހަގަކުރެވިގެންދާނެ،" އޭނާ ވިދާޅުވިއެވެ.
މި ޝިއާރާއެކު ތައާރަފުކުރި ވިޝުއަލް ޑިރެކްޝަން ބިނާވެފައިވަނީ ރާއްޖޭގެ އިޖުތިމާއީ އަދި ތިމާވެށީގެ ހާއްސަ އަށް ރަމްޒެއްގެ މައްޗަށެވެ. މީގެ ތެރޭގައި މާކަނާ، ފިޔާތޮށި ފިނިފެންމާ، ގޮނު، ބޮޑުމަސް، ސަންގު، ރަންކަކުނި، ފެހުރިހި އަދި ނޫ ލަނޑާ ހިމެނެއެވެ.
ވިޒިޓް މޯލްޑިވްސް އިޔާ 2027 ގެ މުޅި ކެމްޕޭނާއި ބްރޭންޑިންގެ ރަސްމީ ލޯގޯ އިފްތިތާހުކުރުމަށް ހަމަޖެހިފައިވަނީ 2027 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތިންވަނަ ދުވަހު ބާއްވާ ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައެވެ.
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން
ކޮމެންޓް