ފުޓުބޯޅަ ކޯޗު އިހުސާން އަބްދުލްޣަނީ (ސާންތި)ގެ ހަނދާނަށް ހިދުމަތުގެ ގައުމީ އިނާމު ދެއްވައިފިއެވެ.

ހއ. އުތީމުގައި މިއަދު ހެނދުނު ބޭއްވި ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ސާންތިގެ ހަނދާނަށް ހިދުމަތުގެ ގައުމީ އިނާމު އަރުވާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. ސާންތިގެ އާއިލާގެ ފަރާތުން އިނާމާ ހަވާލުވެވަޑައިގެންނެވީ ސާންތިގެ ކޮއްކޮ އަހުސަން އަބްދުލްޣަނީއެވެ.

ރާއްޖޭގެ ފުޓުބޯޅައަށް ގިނަ ހިދުމަތްތަކެއްކޮށްދިން ކޯޗު ސާންތި ނިޔާވީ މިދިޔަ އަހަރުގެ މާޗް މަހުގެ 22 ގައެވެ. ސާންތި ނިޔާވި އިރު، އޭނާ ދިޔައީ ދެތިން އަހަރު ދުވަހު ކެންސަރު ބައްޔާ ހަނގުރާމަކުރަމުންނެވެ.

ސާންތިއަކީ ރާއްޖޭގެ ފުޓުބޯޅަ ކުރިއެރުވުމަށް ނުހަނު އަގުހުރި މަސައްކަތްތަކެއް ކުރި ކޯޗެކެވެ. ހާއްސަކޮށް ޒުވާން ކުޅުންތެރިން އުފެއްދުމުގައި ސާންތި އަބަދުވެސް ފާހަގަކޮށްލެވުނީ ތަފާތު ކޯޗެއްގެ ގޮތުގައެވެ.

ސާންތި ކޯޗު، 2001 ވަނަ އަހަރު ގައުމީ ޓީމުގެ ކޯޗިން ސްޓާފެއްގެ ގޮތުގައި މަސައްކަތް ކުރަން ފެށި އިރު، 2008 ވަނަ އަހަރު ރާއްޖެއިން ފުރަތަމަ ފަހަރަށް ސަރަހައްދީ އެންމެ ބޮޑު މުބާރާތް، ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައިވެސް އޭނާ ފާހަގަކުރެވިފައިވެއެވެ.

އޭގެފަހުން ސާންތި ކޯޗު ވަނީ ކްލަބު އީގަލްސްގެ ކޯޗުކަމުގައި ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ޒުވާން ޓީމެއް ބިނާކޮށް، ގައުމީ ޓީމާ ހަމައަށް އެ ކްލަބުން ގިނަ ތަރިންތަކެއް ނެރެދީ، އެ ކްލަބަށް ކާމިޔާބީތައް ހޯދައިދީފައިވެއެވެ. އަދި އޭގެފަހުން ރާއްޖޭގެ ފުޓުބޯޅައިގެ ޓެކްނިކަލް ޑިރެކްޓަރުކަމާ ވެސް ހަވާލުވެ ސާންތި ވަނީ ފުޓުބޯޅައިގެ ކުރިއެރުމަށް ވެސް ތަފާތު ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

ސާންތިއަކީ ކުޅިވަރަށް ހިދުމަތް ކުރުމުގައި ޒުވާނުންގެ ގައުމީ އިނާމުވެސް ހޯދާފައިވާ ހިދުމަތްތެރިއެކެވެ.