ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަރިހުގައި ކުރީގެ ނައިބު ރައީސް އަދި އެ މަނިކުފާނުގެ އިސް ގާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު ފަދަ ބޭފުޅުން ތިއްބެވުމުން އެކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ރާއްޖޭގެ އެންމެ ބޮޑު ޕާޓީ، ޕީއެންސީން ރޭ ބޭއްވި އެ ޕާޓީގެ ހަރުގެ ޖަލްސާގައި ކުރިން ރައީސް ޔާމީންގެ އެންމެ އަރިސް އަބްދުއްރަހީމް ވިދާޅުވީ، ނައިބު ރައީސްކަމުން ޑރ. ޖަމީލް ވަކިކުރަން ވަޑައިގެންނެވީ ސީދާ ރައީސް ޔާމީން ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ، ޖަމީލް ވަކިކުރަން ރައީސް ޔާމީން ވަޑައިގަތީ މޭ ޑޭގައި ބަގާވާތެއް ރޭވިކަމުގެ ތުހުމަތަށް ކަމަށާއި ނަމަވެސް ރައީސް ޔާމީނުގެ އަރިހުން ހެކި ގެންނަން ދެންނެވީ އޭނާ ކަމަށެވެ.
"އަޅުގަނޑު ދެންނެވީ ނައިބު ރައީސް ވަކިކުރަން ވޯޓު ދޭނީ ތަފްސީލް ދިނީމައޭ. ތަފްސީލު ދިނީމާ. ތަފްސީލު ދެންނެވީމާ ފާޑެއްގެ ކަރުދާސްތަކެއް ހިފައިގެން އައިސް ދައްކާފައި ވިދާޅުވީ މި ހުރީއޭ މޭ ޑޭގައި ޖަމީލު އޮތީ ތިމަންނާއާ ދެކޮޅަށް ބަގާވާތް ރާވާފައޭ ގޮސް ހުރީ ރިސޯޓެއްގައޭ. އެ ޖަމީލު މިއަދު މި ހުރީ ކައިރީގައި ބޯ ޖަހަން. ކަރު އުފުރައިގެންދާވަރަށް ކޮންމެ އެއްޗެއް ބުނީމަ އެބަ ބޯ ޖަހާ،" އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ، ރާއްޖޭގައި އޭނާ އާއި ފަލާހު ދައްކާނެ ވާހަކަ އަޑުއަހާނެ ބައެއް ނެތިގެން ނޫޅުއްވާ ކަމަށާއި އަޑުއަހާނެ މީހުން ނެތީ ޖަމީލާއި ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މަލީހު ގޮވައިގެން ރައީސް ޔާމީން ދައްކަވާ ވާހަކަފުޅު ކަމަށެވެ.
"އެ މީހުން (މަލީހާއި ޖަމީލް) ބަލައިގަންނަ ބަޔަކު މިތަނަކު (ރާއްޖެއަކު) ނޫޅޭ. އެކަމަކު ކީއްކުރާނީ. އެ މީހަކު އިންނަންވި މީހަކާތާ އެމީހަކު އިނދެގެން އުޅޭނީ،" އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް އިތުރަށް ވިދާޅުވީ، ޕީއެންސީގެ ތެރޭގައި ރެނދު އަޅުވާނެ އެއްވެސް ފަންޑިތައެއް ރައީސް ޔާމީނަށް އެނގިވަޑައިނުގަންނަވާނެ ކަމަށެވެ. އަދި ރައީސް ޔާމީންގެ ވެރިކަން ނިމުނީ ބޮޑާކަމާއި ބައިތުލްމާލު ދިރުވާލުމުން ކަމަށްވެސް ވިދާޅުވިއެވެ.
އަލީ ޔާމިން
އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)
އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)
އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)
ކޮމެންޓް