މި އަހަރު ނިމެންވާއިރަށް ރާއްޖޭގެ މަސްވެރިން ބާނާ މަސް ސްޓޯރު ކުރުމަށް 9500 ޓަނުގެ ކޯލްޑް ސްޓޯރޭޖް ގާއިމް ކުރަން ނިންމައި އެކަމުގެ އަމަލީ މަސައްކަތް ކުރަމުންގެންދާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.
ޕީއެސްއެމް ނިއުސްގެ ރޭގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ފިޝަރީޒް މިނިސްޓްރީން ސްޓޭޓް މިނިސްޓަރު މުހައްމަދު މުއްތަލިބް ވިދާޅުވީ ބޯޓުތަކާއެކު މިހާރު ރާއްޖޭގައި ރައްކާ ކުރެވެނީ 9000 ޓަނުގެ މަސް ކަމަށާއި މަސްވެރިކަމުގެ މޫސުމެއްގައި ދުވާލަކު 700، 600 ޓަނުގެ މަސް ބާނަން ފެށުމުން، ޖާގައިގެ ދަތިތައް ވަރަށް ބޮޑަށް ދިމާވާ ކަމަށެވެ.
"ނަމަވެސް މިއަދު ކުރަމުންދާ މަސައްކަތުން މި ޑިސެމްބަރު 10 އަންނަ އިރު ފެލިވަރުގައި 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމްކުރެވި އޮޕަރޭޝަނަށް ގެނެވޭނެ، ކޫއްޑޫގައި 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖު ގާއިމް ކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިޔަށް އެބަދޭ. މ. މުލަކުގައި 500 ޓަނުގެ ކޯލްޑް ސްޓޯރޭޖު ގާއިމް ކުރުމުގެ މަސައްކަތް ކުރިޔަށް އެބަދޭ. އަދި ސެޕްޓެމަބަރު، އޮކްޓޯބަރު މަހުގެ ތެރޭގައި ހއ. ގައި 1000 ޓަނުގެ ކޯލްޑް ސްޓޯރޭޖު ގާއިމް ކުރުމުގެ މަސައްކަތް ފެށިގެންދާނެ،" މުއްތަލިބް ވިދާޅުވިއެވެ.
ޅ. ފެލިވަރުގައި ސަރުކާރުން ތަރައްގީ ކުރަމުން އަންނަ ކޯލްޑް ސްޓޯރޭޖު ފެސިލިޓީގެ މަސައްކަތް ނިންމައި މިއަހަރުގެ މަސްވެރިންގެ ދުވަހަށް އޮޕަރޭޝަނަށް ގެންނަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓާ އޮފް ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސް އަހްމަދު ޝިޔާމް ވަނީ ވިދާޅުވެފައެވެ.
މި މަހުގެ ފުރަތަމަ ދުވަހު ރައީސް އޮފީހުގައި ކުރިޔަށްގެންދިޔަ ނިއުސް ކޮންފްރެންސްގައި މިނިސްޓަރު ވިދާޅުވީ، އުމްރާނީ ގޮތުން މަސްވެރިކަމުގެ ދާއިރާ ތަރައްގީ ކުރުމުގެ މަސައްކަތްތަކުގެ ތެރެއިން މިވަގުތު އެންމެ އިސްކަމެއްދީގެން ކުރަމުންދަނީ، މަސް ގަނޑުކޮށް ރައްކާކުރެވޭނެ ފެސިލިޓީތައް އިތުރު ކުރުމުގެ މަސައްކަތްތައް ކަމަށެވެ.
އެގޮތުން އަތޮޅުތަކުގެ ހަތް ރަށެއްގައި 11،000 ޓަނުގެ މަސް ރައްކާ ކުރެވޭ ކޯލްޑް ސްޓޯރޭޖު ފެސިލިޓީތައް ގާއިމުކުރުން ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.
ފާތިމަތު ލިއުޝާ
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް
ކޮމެންޓް