އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ލ. މާވަށު، މާޒީ، އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު މިއަދު އައްޔަންކުރައްވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އަބްދުއްއަޒީޒު، އެ މަގާމަށް އައްޔަންކުރައްވާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ހުންނެވި އަހުމަދު އާހިދު ރަޝީދުގެ ދައުރު ހަމަވުމާ ގުޅިގެންނެވެ.

އެހެންވެ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 44 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ އިޖުރާއާތުތަކާ އެއްގޮތަށް، ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސް ވަނީ އަބްދުލްއަޒީޒު އެ މަގާމަށް އައްޔަންކުރައްވާފައެވެ.

އަބްދުލްއަޒީޒަކީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު ވުޖޫދުވުމަށްފަހު، އެންމެ ފުރަތަމަ އިންފޮމޭޝަން ކޮމިޝަނަރުކަން ކުރެއްވި ބޭފުޅާއެވެ. އޭނާ ވަނީ 22 ޖުލައި 2014 އިން ފެށިގެން 22 ޖުލައި 2019 އާ ހަމައަށް ފަސް އަހަރުގެ ދައުރެއް އެ މަގާމުގައި ފުރިހަމަކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަންވެސް ކުރިން ކުރައްވާފައިވާ އަދި އަދަބިއްޔާތާއި ބަހުގެ ދާއިރާއިން ފާހަގަކޮށްލެވޭ ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ އަބްދުލްއަޒީޒު އެންމެ ފަހުން އަދާކުރައްވަމުން ގެންދެވީ އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމެވެ.