އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ކުރިއަށްގެންދާ މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމްގެ 13 ވަނަ އިންޓޭކްގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
އަންނަ މަހުގެ 11 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 24 ވަނަ ދުވަހުގެ މެންދުރު 12:00 އެވެ. އައިޖީއެމްއެޗުން ބުނި ގޮތުގައި، މި ފަހަރުގެ އިންޓޭކްގައި ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ 24 ފަރާތަކަށެވެ.
މި ޕްރޮގްރާމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި، މެޑިކަލް ކޮލެޖަކުން ނުވަތަ ޔުނިވާސިޓީއަކުން އެމްބީބީއެސް ފުރިހަމަކުރިކަމުގެ ސެޓްފިކެޓް އޮތުމާއި، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް (އެމްއެމްޑީސީ) ގެ ޕްރޮވިޝަނަލް ރެޖިސްޓްރޭޝަން ސެޓްފިކެޓް އޮތުން ހިމެނެއެވެ. މީގެ އިތުރުން، ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި އެއްވެސް ކުށުގެ ރެކޯޑެއް ނެތުން ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.
ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތެރޭގައި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން އެކްރެޑިޓްކޮށްފައިވާ އެމްބީބީއެސް ސެޓްފިކެޓާއި އެމްއެމްޑީސީގެ ރެޖިސްޓްރޭޝަންގެ އެޓެސްޓްކޮށްފައިވާ ކޮޕީގެ އިތުރުން، އައިޑީކާޑު ނުވަތަ ޕާސްޕޯޓުގެ ކޮޕީއާއި، ޕޮލިސް ކްލިއަރެންސް ސެޓްފިކެޓް އަދި ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް ހިމެނެއެވެ.
އައިޖީއެމްއެޗުން ފާހަގަކުރި ގޮތުގައި، ޝަރުތު ފުރިހަމަވާ 24 އަށްވުރެ ގިނަ ފަރާތުން ކުރިމަތިލައިފިނަމަ، ބައިވެރިން ހޮވުމުގައި އިސްކަން ދޭނީ އެމްބީބީއެސް ފުރިހަމަކުރި ތާރީހަށް ބަލައި، ކޯސް ފުރިހަމަކުރި ފަހުން ގިނަ ދުވަސްވެފައިވާ ފަރާތްތަކަށެވެ.
ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފޯމު އައިޖީއެމްއެޗްގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 12:00 އަށް ދަރުމަވަންތަ ހޮސްޕިޓަލްގެ އެންއެޗްއޭ އޮފީހުން ފޯމު ލިބެން ހުންނާނެއެވެ. ފުރިހަމަކޮށްފައިވާ ފޯމާއި ކަމާގުޅޭ ލިޔެކިޔުންތައް ހުށަހަޅަން ޖެހެނީ ވެސް އެ އޮފީހަށެވެ. އީމެއިލްގެ ޒަރިއްޔާއިން ފޯމު ބަލައިނުގަންނާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.
ޕްރޮގްރާމަށް ހޮވޭ ފަރާތްތަކުން، ޕްރޮގްރާމް ފެށުމުގެ ކުރިން ހޮސްޕިޓަލުން އެންގުމުން ސެޓްފިކެޓްތަކުގެ އަސްލު ހުށަހަޅަން ޖެހޭނެއެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް 3335191 އަށް ގުޅުމަށް އައިޖީއެމްއެޗުން ވަނީ އެދިފައެވެ.
އައިޖީއެމްއެޗް
އައިޖީއެމްއެޗް
އައިޖީއެމްއެޗް
ކޮމެންޓް