ނޭޕާލަށް ދާދި ފަހުން ކުރިމަތިވި ފެންބޮޑުވުމުގެ ކާރިސާގައި މަރުވެފައިވާ ކަމަށް ބަލައި، އާއިލާއިން ހިތާމަފާޅުކުރުމުގެ ރަސްމިއްޔާތު ފަށާފައި ވަނިކޮށް، 10 ދުވަސް ފަހުން އުމުރުން ދުވަސްވީ އަންހެނަކު ދިރިހުއްޓައި ސަލާމަތްކޮށްފިއެވެ.
ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ނުވާކޮޓް ޑިސްޓްރިކްޓްގެ ބެޓްރާވަތީ އަވަށުން ސަލާމަތްކޮށްފައި ވަނީ އުމުރުން 64 އަހަރުގެ ޗަންދިކާ ކުމާރީ ޝްރެސްތާއެވެ. އޭނާ ފެނިފައި ވަނީ ފެންބޮޑުވުމުގެ ސަބަބުން ވެއްޓިފައިވާ އޭނާގެ ހަތަރު ބުރީގެ ގޭގެ ތެރޭގައި، ފެނާއި ކިސަޑުގެ ތެރޭގައި އުފެދިފައިވާ ވައި ވަންނަ ކުޑަ ޖާގައެއްގެ ތެރޭގައި ތާށިވެފައި އޮއްވައެވެ.
ނޭޕާލްގެ ފުލުހެއް ކަމަށްވާ މަހެންދްރަ ދަރްނާލް ވިދާޅުވި ގޮތުގައި، އެ އިމާރާތް ވަނީ ފެންގަނޑާއެކު އޮޔާގޮސް ކިސަޑުގަނޑެއްގެ ތެރޭގައި ތާށިވެފައެވެ. އަދި އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދަނިކޮށް، އޭނާ ސަލާމަތްކުރުމަށް އެދި ގޮވަމުންދިޔަ އަޑު އިވުނު ކަމަށް ދަރްނާލް ވިދާޅުވިއެވެ. ހޮނިހިރު ދުވަހު 45 މިނެޓަށް ކުރިއަށްގެންދިޔަ މީހުން ސަލާމަތްކުރުމުގެ އޮޕަރޭޝަނަކަށް ފަހު، އޭނާ އެ ތަނުން ނެރެ އަސްކަރީ ހޮސްޕިޓަލަކަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އާއިލާއާ ގުޅައިގެން މައުލޫމާތު ސާފުކުރިއިރު، އޭނާ މަރުވެފައިވާ ކަމަށް ބަލައި 11 ދުވަހުގެ ހިތާމަފާޅުކުރުމުގެ ރަސްމިއްޔާތު އާއިލާއިން ފަށާފައިވާ ކަމަށް ދަރްނާލް ވިދާޅުވިއެވެ.
ބެޓްރާވަތީ އަވަށަކީ ނޭޕާލަށް ކުރިމަތިވި ފެންބޮޑުވުމުގެ ކާރިސާގައި އެންމެ ބޮޑަށް ގެއްލުންވި އެއް ސަރަހައްދެވެ. އެ އަވަށުގެ ބާޒާރުމަތީގެ އިތުރުން ދިރިއުޅޭ ގެތައް ވަނީ ކިސަޑާއި ވެލީގެ ދަށުވެފައެވެ.
ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ކާރިސާގައި ނޭޕާލުން 1،300 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، އެތައް ހާސް ބަޔަކު ވަނީ ގެއްލިފައެވެ. މީހުން ސަލާމަތްކުރާ ޓީމުތަކުން އަންނަނީ ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުވެފައިވާ މީހުން ހޯދުމަށް ކޮނުމުގެ މަސައްކަތްތައް ކުރަމުންނެވެ. އަދި ދިރިހުރި މީހަކު ފެނޭތޯ ބެލުމަށްޓަކައި އިމާރާތްތަކުގެ ތެރެއަށް ވަދެ، ކަށަވަރުކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން އަންނަނީ ކުރަމުންނެވެ.
ނޭޕަލް
ނޭޕަލް
ނޭޕަލް
ނޭޕަލް
ކޮމެންޓް