އޭޑީކޭ ހޮސްޕިޓަލުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ރޮބޮޓިކް ސާޖަރީ މެދުވެރިކޮށް ކަކުލުގެ ހުޅު ބަދަލުކުރުމުގެ ދެ އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ކޮށްފިއެވެ.

އޭޑީކޭ ހޮސްޕިޓަލުން ބުނީ އިއްޔެ މި އޮޕަރޭޝަންތައް ކޮށްފައިވަނީ ޒަމާނީ އާ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަމަށާއި މިއީ ރާއްޖޭގެ ސިއްހީ ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.

މި އޮޕަރޭޝަންތަކާ ގުޅޭގޮތުން އޭޑީކޭ ގުރޫޕް އޮފް ކޮމްޕެނީސްގެ ޗެއާމަން އަދި ސީއީއޯ އަހުމަދު ނާޝީދު ވިދާޅުވީ، ރާއްޖޭގައި މިވަގުތު ލިބެން ނެތް ހާއްސަ ހިދުމަތްތައް ތަރައްގީކުރުމަށާއި ސިއްހީ ދާއިރާއަށް އިންވެސްޓްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވާ ބާރުއެޅުއްވުމާއި ހިތްވަރުދެއްވުން ފާހަގަކޮށް އެ މަނިކުފާނަށް ޝުކުރުއަދާކުރައްވާ ކަމަށެވެ.

މީގެ އިތުރުން ނާޝިދު ވިދާޅުވީ ރޮބޮޓިކް ސާޖަރީއަށް ކުރި އިންވެސްޓްމަންޓަކީ މި މިސްރާބަށް އަޅާލެވުނު މުހިންމު ފިޔަވަޅެއް ކަމަށާއި އެކަމުގެ ސަބަބުން ރާއްޖެއަށް ޒަމާނީ ޓެކްނޮލޮޖީއާއި ފަންނީ ގާބިލުކަން ލިބި، ސިއްހީ ނިޒާމު އަމިއްލަ ފައިމައްޗަށް ތެދުވުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

އޭޑީކޭގައި އެ ސާޖަރީތައް ކޮށްފައިވަނީ "ވެލީސް" ކިޔާ ރޮބޮޓެއް ބޭނުންކޮށްގެންނެވެ. ޖޯންސަން އެންޑް ޖޯންސަން މެޑްޓެކުން އުފައްދާފައިވާ "ވެލީސް" އަކީ އިންފްރާރެެޑް ކެމެރާއަކާއި އޮޕްޓިކަލް ޓްރެކާ ބޭނުންކޮށްގެން ސާޖަރީކުރާ ރޮބޮޓެކެވެ.