މާހައުލަށް ވެރިވެގެންއައީ އާދަޔާ ޚިލާފު ހިމޭންކަމެކެވެ. އިސްވެ އެއްވެސް މީހާކު ވާހަކައެއް ނުދެއްކިއެވެ. އެކަކުއަނެކަކަށް ބަލައިލާ ނަޒަރުގައި ވަނީ ނުތަނަވަސްކަމެވެ. އެއީ ލޯބިވާ ޢާއިލާއެއްގެ ފަރާތުން ފެންނާނެ ސިފައެއް ނޫނެވެ.

ފިރްދައުސްގެ ސަމާލުކަން އަނެއްކާވެސް ހުއްޓުނީ އަތުގައި އޮތް ފޯނަށެވެ. އޭނަގެ އެއަމަލުން ސިމްރާއާއި ވާހަކަދައްކަން ބޭނުންނުވާކަން ހާމަކޮށްދިނެވެ. ދުވަސްތަތަކަށްފަހު އަންހެން ދަރިފުޅު ފެނުމުން އެދަރިފުޅުގެ ހާލު އޮޅުންފިލުވައި ދިރުއުޅުމުގެ ކަންތައް ދާގޮތް ބަލައިލުމުގެ ކުޑަ ވެސް ޝައުޤުވެރިކަމެއް އޭނަގެ ނެތެވެ. އޭނަގެ ފަރާތުން ފެނުނީ ނުރުހުމެވެ. ސިމްރާއަށް ބަލައިލި ނަޒަރުގައި ފޮރުވިފައި އޮތީ ފޫހިކަމެވެ.

ސިމްރާއަށް ފާހަގަ ކުރެވުނަސް މާޔޫސް ނުވީ އާކަމަކަށް ނުވާތީއެވެ. ބައްޕަގެ ފަރާތުން އަބަދުމެ އޭނައަށް ފެނިފައިވަނީ އެސިފައެވެ. ދުރުކަމެވެ. އަންހެންކުއްޖަކަށް ވީތީ އޭނަ ދެކެ ބައްޕަ ރުޅިއަންކަން ސިމްރާއަށް އޮތީ ޔަޤީންވެފައެވެ. ދުލުން ނުބުނިކަމުގައި ވިޔަސް ބަހާއި އަމަލުން ބައްޕަ ވަނީ އެހިތުގައި އޮތް ނަފުރަތު ސާބިތުކޮށްދީފައެވެ. ދުވަހަށްދުވަހަކަށް އެގުޅުން ގޯސްވަމުންދަނީ އެހެންވެގެންނެވެ. ބައްޕައާއި ގާތް ގުޅުމެއް ބާއްވަން މަސައްކަތްކުރިޔަސް ކާމިޔާބުނުވާ ސަބަބުތައް ބައިވަރެވެ. ބައްޕައަކީ ބޯހަރު އަދި ގޮތް ދޫނުކުރާ މީހެކެވެ.

''އަވަހަށް އިށީނދޭ...'' ސުލްހަ ޤާއިމުކުރަން އުޅުނީ ރަޒީއާ އެވެ. އޭނަ އިނީ ފިރްދައުސްގެ ކަނާތްފަރާތުގައި ހުރި ގޮނޑީގައެވެ. ކުރިމަތީ ހުރި ގޮނޑިތަކަށް ރަޒީއާ އިޝާރާތްކޮށްލިއެވެ.

އާރިޒް މަޑުކޮށްގެން ހުރީ ސިމްރާ އަށެވެ. އަބަދުވެސް އާރިޒް ބަލަނީ ސިމްރާ އަށެވެ. މަންމައާއި ބައްޕަގެ ފަރާތުން ލިބެންޖެހޭ ލޯތްބާއި އަޅާލުން އޭނައަށް ލިބެނީ ސިމްރާގެ ފަރާތުންނެވެ. އެހެންކަމުން އެހިތުން ސިމްރާއަށް ދެވިފައިވާ މަޤާމާއި އިހްތިރާމް ބޮޑެވެ. ސިމްރާގެ ފިޔަވަޅުގެ ދަށުން ނޫނީ ކުރިއަށް ދާން އާރިޒް ބޭނުމެއް ނުވެއެވެ. ގޭތެރޭގެ ފިނި މާހައުލާއި، ހިމޭންކަމާއި، ބަންދުދޮރުތަކުގެ ތެރޭގައި ކުރެވޭ ޒުވާބާއި، ހަޅޭކުގެ އަޑުތަކުން އޭނައަށް ހިމާޔަތް ދިނީ ވެސް ސިމްރާއެވެ. ވަކިންތަނެއް ހޯދައިގެން ސިމްރާ ދާން ނިންމި ދުވަހު އާރިޒް ދެރަވިއެވެ. ކަންބޮޑުވިއެވެ. ޝަކުވާ ކުރަން ހިތަށް އެރިއެވެ. ނަމަވެސް ސިމްރާގެ ހާލަތާއި، އެނިންމުމުގެ ފަހަތުގައިވި ސަބަބުތައް ތަޖުރިބާކޮށްފައިވާތީ ނުރުހުންތެރިކަމެއް ނުއުފެދުނެވެ. އެއާއި ޚިލާފަށް އޭނަ ފަހުރުވެރިވިއެވެ. ފުރާފުރިހަމަވެގެން އޭނަ ވާން ބޭނުމީ ދޮންތަ ފަދައިން ހިތްވަރުގަދަ މީހަކަށެވެ.

ސިމްރާ ގޮސް އިށީނީ މަންމައާއި ޖެހިގެން ހުރި ގޮނޑީގައެވެ. އާރިޒް ވެސް ސިމްރާގެ ވާތްފަރާތުން ހުރި ގޮނޑީގައި އިށީނެވެ. އަތުގައި އޮތް ފޯނާއި ކުޅެމުން ދިޔަ ފިރްދައުސްގެ ލޮލުގައި އެމަންޒަރު އަޅައިގަތެވެ. އޭނަގެ ތުންފަތަށް ވެރިވީ މަލާމާތުގެ ހިނިތުންވުމެކެވެ. ފާޑަކަށް އާރިޒަށް ބަލައިލިއެވެ.

ގޮނޑީގައި ހަމަޖެހުނު އާރިޒަށް ފެނުނެވެ. އެއާއެކު އޭނައަށް ދަތްޕިލަޖައްސާ ބާރުކޮށްލެވުނެވެ. އޭނަގެ އަތުގައި ދޮންތަ ހިފާލުމުން، ދޮންތަގެ މޫނަށް އާރިޒް ބަލައިލިއެވެ. ހިމޭންކަމުގެ ދުލުން އެދެމެދުގައި ވާހަކަތަކެއް ދެކެވުނެވެ. ދިގު ނޭވާއަކަށްފަހު އާރިޒް ބޯޖަހާލިއެވެ.

އޭނަ ބުނި ގޮނޑީގައި ސިމްރާ އިށީންނަން ދެކޮޅު ހެދުމުން ރަޒީއާ ހިތްމަނުޖެހުނެވެ. ސިމްރާއާއި ފިރްދައުސްގެ ގުޅުން ރަނގަޅުކުރަން އޭނަ ކުރާ މަސައްކަތަށް ފާޅުގައި ސިމްރާ ދެކޮޅު ހަދާތީ ރުޅި އައެވެ. އެކަމުގެ ފަހަތުގައި އޮތް ސަބަބު އެނގުނަސް ފެންނަކަމަށް ނުހެދިއެވެ. ގޭތެރޭގެ މަސްލަހަތު ރަޒީއާއަށް ނޭނގެނީއެއް ނޫނެވެ. ފިރްދައުސްގެ މިޒާޖު އެންމެ ރަނގަޅަށް ދަސްވެފައިވަނީ އޭނަ އަށެވެ. ނަމަވެސް ފިރިމީހާ ދެކެ ވާ ލޯތްބާއި ކުރާ އިހުތިރާމުން ދަރިންގެ ހަމަޖެހުމާއި މުސްތަޤުބަލު ޤުރުބާންކުރަން ރަޒީއާ ހުންނަނީ ތައްޔާރަށެވެ. އޭނަގެ ނަޒަރުގައި ފިރްދައުސްއަކީ ހުދު ކާފޫރެވެ. ފިރްދައުސްގެ އަނދިރިފަރާތް ކިތަންމެ ދުވަހަކު ތަޖުރިބާކުރަން ޖެހުނުކަމުގައި ވިޔަސް ހަޤީޤަތަށް ލޯހުޅުވަން އޭނަގެ ނަފުސު ދެކޮޅުހަދާ ސަބަބަކީ އެއެވެ.

ގޭތެރޭގައި ތަފާތު އުސޫލުތަކެއް އޮވެއެވެ. އެއީ ފިރްދައުސްގެ ނިންމުންތަކެވެ. އޭނައަކީ ޢާއިލާގެ އިސް މޭސްތިރިއެވެ. ނިންމުންތަކާއި ފަހު ބަސް އިއްވުމުގެ ހައްޤު އޮންނަން ޖެހެނީ ހަމައެކަނި އޭނައަށެވެ. އޭނަ ބުނާ ގޮތަކަށް އެންމެ ޖެހޭނީ ރުހި ޤަބޫލުވާށެވެ. ހީވަނީ ''ޑިކްޓޭޓާރ ޝިޕް''އެއްގެ ދަށުން ކުރިއަށް ދާހެންނެވެ. ރޭގަނޑުގެ ކެއުން ނުފެށިފައި އޮތީ ވެސް އެހެންވެގެންނެވެ. ފިރްދައުސް ކާން ނުފަށާތީއެވެ. އެހުރިހާއިރު ވަންދެން މާހައުލަށް ވެރިވެފައި އޮތީ މަރުގެ ހިމޭންކަމެވެ. އަތްގާތްކޮށްލަދޭން ހުރި ހާދިމްކުއްޖާ ވެސް ހުރީ ބިރުންނެވެ. ފަހަރަކު މީހެއްގެ މޫނަށް ބަލަމުން ދިޔަ އެވެ. އެއީ އާދައިގެ ޢާއިލާއެއް ނޫންކަން ފަސް މޭލު ދުރުން ބަލައިލިފި މީހަކަށް ވެސް ފެންނާނެއެވެ.

''މީހަކަށް މަޑުކުރަނީތަ؟...'' ސިމްރާއަށް އަހާލެވުނެވެ. ގޯހެއް އުޅޭކަމުގެ ހިލަން ވިއެވެ.

''ބައްޕަގެ ކެމްޕައިން ލޯންޗްކުރާ ހަފްލާއަށް ދަރިފުޅު އަންނަންވާނެ...'' ރަޒީއާއަށް ފެށީ އެހެން ވާހަކައެކެވެ. އާދައިގެ މަތިން ސިމްރާއަށް ޖަވާބު ދިނުން މުހިންމުކަމަކަށް ނުވިއެވެ.

ފިރްދައުސްއަކީ ސަރުކާރު ހިންގާ ޕާޓީގެ، ގަލޮޅު އުތުރު ދާއިރާގެ މަޖިލީސް މެންބަރެކެވެ. ދެ ދައުރު ނިމި މިހާރު އޭނަ އެދަނީ ތިންވަނަ ދައުރަކަށް ގޮނޑި ކާމިޔާބުކުރަން ތައްޔާރުވަމުންނެވެ. ސިޔާސީ ދާއިރާގައި ފިރްދައުސްއަކީ މަޝްހޫރު މޫނެކެވެ. ސަރުކާރުގެ އެކިއެކި އިވެންޓްތަކުގައި ބައިވެރިވުމުގެ އިތުރުން ޓީވީތަކުން ފެންނަ ފަރިތަ މޫނެކެވެ. އާންމުންގެ ހައްޤުތައް ހޯދަން ވަކާލާތުކުރުމުގެ ނަތީޖާއެއްގެ ގޮތުން މީހުންގެ އިހުތިރާމު އޭނައަށް ލިބިފައިވެއެވެ. ފިރްދައުސްގެ އަސްލު ސިފަ ފެންނަނީ ހަމައެކަނި އޭނަގެ ޢާއިލާ އަށެވެ. އެއީ ދެމޫނުގެ ވެރިއެކެވެ. މަކަރާއި ހީލަތުން ފުރިފައިވި މީހެކެވެ.

މޭޒުމަތީ ހުރި ފެންޖަގުން ތަށްޓަށް ފެން އަޅަން އުޅުނު ސިމްރާ ގަނޑުވިއެވެ. އޭނައަށް ލަސް ނޭވާއެއް ދޫކޮށްލެވުނެވެ.

''މަންމާ...'' ސިމްރާ ބުނަން އުޅުނެވެ. އޭގެ ކުރިން ރަޒީއާ ވާހަކަދައްކަން ފެށިއެވެ.

''ދިސް އިޒް ނޮޓް އެ ރިކުއެސްޓް، އެކަހަލަ އިވެންޓެއްގައި ޢާއިލާ ބައިވެރިވާން ޖެހޭނެ، އެހެން ނޫނީ މީހުން ފާޑުފާޑުގެ ވާހަކަދައްކަން ފަށާފާނެ، މިހާރު ވެސް މީހުން ކިޔާ އެއްޗިސް މަދެއް ނޫން...'' ރަޒީއާ ރުންކުރުވިއެވެ.

''ދެއާރ އިޓް އިޒް...'' ސިމްރާއަށް ބުނެވުނެވެ. އެއީ އޭނަގެ އަމިއްލަ ނަފުސަށް ބުނަން އުޅުނު ޖުމްލައަކަށް ވިޔަސް ދުލާ ހަމައަށް އައިސްފިއެވެ. މަންމައަށް އަބަދު މުހިންމުވާނީ މީހުން ބުނެފާނެ އެއްޗެކެވެ. މުޖުތަމައު ތެރޭގައި ''ޕާފެކްޓް'' ޢާއިލާއެއްކަމުގެ އިޝްތިހާރުކުރަން ބޭނުން ވެއެވެ. ބޭރުފުށުން ހަމަޖެހޭ ޢާއިލާއެއްކަމުގެ ތަމްސީލު ކުޅުނަސް، ހަޤީޤަތް އޮތީ މުޅިން އެހެން ފަތްތަރެއްގައެވެ. އެހަޤީޤަތަށް މަންމަގެ ލޯ ހުޅުވޭނީ ކޮންދުވަހަކުން ހެއްޔެވެ؟

''ސިމްރާ!...'' ފިރްދައުސްއަށް ބަލަމުން ރަޒީއާ ހަރުކަށިކަމާއެކު ގޮވާލިއެވެ.

ކުރިން ބޮލަށް އާރާފައި ހުރި ބާރާއި ރިހުން ގަދަވިކަމުގެ އިހުސާސް ސިމްރާއަށް ކުރެވުނެވެ. ފެންތަށިން ކޯވަރެއް ބޯލަމުން ނިތްކުރީގައި އޭނައަށް ފިރުމާލެވުނެވެ. ސިމްރާގެ މޫނުން ފެނުނު ވޭނުގެ އަސަރު ފަހުމުކުރެވުނީ ހަމައެކަނި އާރިޒަށެވެ. ކަންބޮޑުވެފައި އާރިޒް ސުވާލުކޮށްލުމުން ސިމްރާ ފަނޑު ހިނިތުންވުމެއް ދިނެވެ.

''ކީއްވެ އެއްޗެއް ނުބުނެ ތިއިންނަނީ؟، މީޑިއާތަކާއި ނޫސްވެރިން އަންނާނެ، ސިމްރާ ތިއުޅެނީ ބައްޕައާއި މަންމަގެ ރެޕިއުޓޭޝަން ހަރާބުކުރަންތަ؟...'' ރަޒީއާ ދުލެއް ނުކުރިއެވެ. އޭނަގެ ރާގާއި ލަފުޒުތައް އަތުރަމުން ދިޔަ ގޮތުގެ ފަހަތުގައި ދަންތުރައެއް ފޮރުވިފައި އޮތެވެ. އެކި ގޮތްގޮތަށް ވާހަކަ އަނބުރައިގެން ވެސް ސިމްރާ އެއްބަސްކުރުވުން އެއީ ރަޒީއާގެ މަޤުސަދެވެ. ރަޒީއާއަކީ ވިސްނުންތޫނު އަދި މީހުންގެ ޖަޒުބާތުތަކުގެ ނާޖާއިޒް ފައިދާނަގަން ކުޅަދާނަ މީހެކެވެ. ފިރްދައުސްއަށް ރަޒީއާގެ ފަރާތުން ފެންނަ ކަމުދާ ސިފައަކީ އެއެވެ. އެއަށްފަހު ރަޒީއާގެ ރީތިކަމެވެ. ތަދަށް ބުނާނަމަ ރައީއާއަކީ އޭނަގެ ''ޓްރޮފީ ވައިފް'' އެވެ. ލޯބިން އުޅެނީ ހަމައެކަނި ރަޒީއާ އެވެ.

''ޝެޑިއުލް ބަލާފަ ޖަވާބެއް ދޭނަން، މިދުވަސްކޮޅު ވަރަށް ބިޒީ...'' ސަލާމަތްވެވޭނެހެން ސިމްރާ ބުނެލިއެވެ.

''ބިޒީ ވާންޖެހޭ ވަރަށް މަސައްކަތް ކުރެވޭ؟...'' ފުރަތަމަ ފަހަރަށް ފިރްދައުސް ވާހަކަދެއްކިއެވެ. އަޑުގައި ވަނީ ފޫހިކަމެވެ. ދާދިފަހުން ސިމްރާއަށް ލިބުނު ޕްރޮމޯޝަން އޭނައަށް ނޭނގެނީއެއް ނޫނެވެ. ސިމްރާ އޮތީ ޢާއިލާއަށް އެޚަބަރު ދީފައެވެ. އެފަހަރު ފިރްދައުސްއަށް އަޑު އިވުނު ކަމަކަށް ނުވިއެވެ. އޭނައަށް އެކަމުގެ ހިލަން ވީ ސަރުކާރުގެ ފަރާތުން ކުރިއަށްގެންދިޔަ ބިޒްސަން ސެމިނާއެއްގެ ތެރެއިންނެވެ. ސިމްރާއާ މެދު ފިރްދައުސް ފަހުރުވެރިވާނެ މިންވަރާ ގުޅިގެން މީހަކު ދެއްކި ވާހަކަތަކަށްފަހުގައެވެ. ސިމްރާ މަސައްކަތްކުރާ ތަރި ކޮންސްޓްރަކްޝަނަކީ އެދާއިރާގައި ރާއްޖޭގެ އެންމެ މަޤުބޫލު ކުންފުންޏެވެ. އެހެންކަމުން ވިޔަފާރީގެ ދާއިރާގައި ސިމްރާގެ ކާމިޔާބީގެ ވާހަކަތައް ދެކެވެއެވެ. ހާއްސަކޮށް ފިރްދައުސްގެ ދަރިފުޅަށް ވުމުންނެވެ. އެދުވަހު ވެސް ސިމްރާގެ ބުރަ މައްސައްކަތާއި، ކާމިޔާބީގެ ހިއްސާ ނެގީ ފިރްދައުސް އެވެ. ދަރިފުޅު ދެކެ ވާ ލޯތްބާއި، ދިން މިނިވަންކަމާއި އެއްބާރުލުމުގެ ސަބަބުންކަމަށް ބުނެ ފާޅުގައި ދޮގު ހެދިއެވެ. ދޮގު ހެދުމަކީ ފިރްދައުސްއަށް އުނދަގޫ ކަމެއް ނޫނެވެ.

''ބައްޕަގެ ސުވާލަށް ޖަވާބުދީބަލަ!...'' ސިމްރާ އަނގައިން ނުބުނެ އިންނަން ފެށުމުން ރަޒީއާ އަމުރުކުރިއެވެ.

''ޝެޑިއުލް ބަލާފަ ޖަވާބެއް ދޭނަން...'' ކުރިން ބުނި ޖުމްލަ ސިމްރާ ތަކުރާރުކުރިއެވެ.

ފިރްދައުސް ޖަހާލީ މަލާމާތުގެ ހިނިގަނޑެކެވެ. ސިމްރާއަށް އެއަޑު އިވުމާއެކު މޭގައި އުފެދިގެން އައީ ތޫނު ރިހުމެކެވެ. ވީދެރައާއެކު އެރީތި މޫނުގެ ކުލަވަރު އޮއްސެން ނެގީ ހިނދުކޮޅެކެވެ. ދުލުން އިޤުރާރު ނުވިއަސް ބައްޕަގެ ރުހުން ލިބޭތޯ އޭނަ މަސައްކަތްކުރެއެވެ. އަމިއްލަ ނަފުސަށް އޮޅުވާލަން އުޅުނަސް، ކާމިޔާބު މީހަކަށް ވުމުގެ ފަހަތުގައި ފޮރުވަފއިވަނީ ފަހަރުވެރިކަމާއެކު އޭނައަށް ބައްޕަ ބަލައިލާނެ ދުވަހަކަށް ކުރެވޭ ދިގު އިންތިޒާރެވެ. އޭގެ ސަބަބުން އަމިއްލަ ނަފުސު ދެކެ ސިމްރާއަށް ރުޅި އާދެވެއެވެ. އަޑުލެވެއެވެ. ނަމަވެސް ސިކުނޑީގެ ފުނުގައި، ޖަޒުބާތުގެ އެންމެ އަޑީގައި އަދިވެސް އޭނަގެ ކުޑައިރުގެ ނަފުސު ފޮރުވިފައި ވެއެވެ. ބައްޕަގެ ލޯތްބަށް އިންތިޒާރުކުރި މައުސޫމް އަންހެއްކުއްޖާ އަދިވެސް ހުއްޓި އެހުންނަނީ ލޯތްބާއި އޯގާތެރިކަމާއެކު ބަލައިލާނެ ހިނދަކަށެވެ. ސަމާސާކޮށްލައި ހެއްވާލާނެ އިރަކަށެވެ.

''ވަޓް ޑަސް ދެޓް މޭކް ޔޫ؟، ޕެތެޓިކް...'' އޭނަގެ ޒަމީރު ހަނދާންކޮށްދިނުމާއެކު ސިމްރާގެ ދެލޮލުގައި އުދާސްކަމުގެ އޮޔެވަރު އުފެދުނެވެ. އެއާއެކު އަވަސްއަވަހަށް އެސްފިޔަތައް ތަޅުވާލެވުނެވެ.

ޖަޒުބާތުގެ ފުންކަނޑުގައި ބެހެމުން ދަނިކޮށް ގޭގެ ބެލް ޖަހާލި އަޑު އިވުނެވެ. ސިމްރާގެ އިތުރުން އާރިޒަށް ލިބުނީ ހައިރާންކަމެވެ. ނަމަވެސް ފިރްދައުސްގެ މޫނުން ފެނުނު ޝޫއޫރުތަކުން އޭނަގެ އިންތިޒާރަށް ނިމުން އައިކަން އަންގައިދިނެވެ. ރަޒީއާ ބަލައިލީ ހާދިމްކުއްޖާއަށެވެ. އެއާއެކު އެކުއްޖާ ދެފަޔަށް ބާރުލަމުން ހިނގައިގަތީ މައިދޮރާއި ދިމާއަށެވެ. ސިމްރާއަށް އެދިމާއަށް ބަލައިލެވުނެވެ. އެއަށްފަހު އޭނަގެ ނަޒަރު ހުއްޓުނީ މަންމަ އަށެވެ. ކުއްލިޔަކަށް ކުރިމަތީ ހުރި ތަށްޓާއި، އުލާއި ސަމުސާތަކުގެ ތަރުތީބު މަންމައަށް މުހިންމުވެއްޖެހެން ސިމްރާއަށް ހީވިއެވެ.

ސުވާލު އުފެދިފައި ވަނިކޮށް ކާކޮޓަރިއަށް ވަން ޒުވާނާ ފެނުމާއެކު ސިމްރާ ގޮނޑިން ތެދުވުނީ ކުއްލިޔަކަށެވެ. ވަގުތުން ސިމްރާގެ ތަބީއަތު ބަދަލުވެ އެމޫނުގެ ޝުއޫރުތައް ބަދަލުވެއްޖެއެވެ. ދެލޮލުން ފެންނަފެށީ ހިތްހަމަނުޖެހުމެވެ.

''ސިމްރާ...'' ބައްޕަގެ އަޑުގައިވަނީ އިންޒާރާއި ހަރުކަށިކަމެވެ. ގޮނޑިން ތެދުވެގެން ގޮސް އެޒުވާނާއާއި ސަލާމްކުރުމަށް ފިރްދައުސް އަތްދިއްކޮށްލިއެވެ. އޭރު ފިރްދައުސްގެ މުޅި މިޒާޖު ބަދަލުވެހެން ހިނގައްޖެއެވެ. އުފާވެރި ހިނިތުންވުމެއް ތުންފަތުގައި ވިއެވެ. އެޒުވާނާއާއި ސަމާލްކޮށްލަމުން ކޮނޑުގައި އަތްޖައްސާލަމުން ކާމޭޒަށް އިޝާރާތްކޮށްލައިފިއެވެ. ފިރްދައުސް ހީވަނީ މުޅިން އެހެން މީހެއް ހެންނެވެ.

ސިމްރާއަށް ހުރިހާ އެއްޗެއް ފަހުމްކުރެވުނެވެ. އެހާވަރުން އޭނައަށް މަންމަ ގުޅި ސަބަބެވެ. ރޭގަނޑުގެ ކެއުމަށް ހާއްސަކުރެވިފައި ހުރި އެއްޗިއްސެވެ. މަންމަގެ ހިމޭންކަމެވެ. އޭނައަށް ކުށްވެރިކުރެވުނީ އަމިއްލަ ނަފުސެވެ. މަންމަގެ ބަހަށް އިތުބާރުކުރާ ކޮންމެ ފަހަރަކު ލިބެނީ ހިތްދަތިކަމެވެ. ނޫނީ އޮޅުވާލުމެވެ. އޭނައަށް ވިސްނޭނީ ކޮން އިރަކުން ހެއްޔެވެ؟ އަމިއްލަ ނަފުސުގެ އެއްވެސް އަގެއް ނެތްކަމުގެ އިހުސާސް ސިމްރާއަށް ކުރެވުނެވެ. އެއާއެކު އޭނަ ގާތަށް އައީ ރުޅިއެވެ. އެޖަޒުބާތުތައް ކޮންޓްރޯލްކުރަން ސިމްރާ މަސައްކަތްކުރިއެވެ.

''އައިމް ސޮރީ، އައި ހޭވް ޓު ގޯ...'' ސިމްރާ މަޢާފަށް އެދުނެވެ.

''ސިމީ؟...'' އެޒުވާނާ ގޮވާލިއެވެ.

ސިމްރާ ބަލައިލިއެވެ. ކައިސަންގެ މޫނުން ހައިރާންކަން ދުށްޓަސް، އައިސްފައި ހުރި ރުޅީގެ ސަބަބުން އެކަމަށް ސިމްރާ ސަމާލުކަމެއް ނުދިނެވެ. އޭނަ ހުރީ ކައިސަން ދެކެ އިންތިހާއަށް ހިތްހަމަނުޖެހިފައެވެ. އޭނަގެ ނިންމުން އޮންނާނީ ސާފު ބަހުން ކައިސަންއަށް އަންގާދީފައެވެ. ބައްޕަގެ ދައުވަތަކަށް އެގެއަށް އަނބުރާ އައުމުން އަންގައިދެނީ އޭނަގެ ނިންމުމަށް ޤަދަރުނުކުރާކަމެވެ. އޭގެން އެކަނި ވެސް ކައިސަންގެ ޝަހުސިއްޔަތު ހާމަކޮށްދެއެވެ. އޭނައަށް ކައިސަންގެ ފަރާތުން ގަޔާވާ އެންމެ ސިފައެއް ވެސް ނުފެނެއެވެ. ވީފޫއްސާއެކު ސިމްރާ އަވަސްވެގަތީ ދާށެވެ.

ފިރްދައުސް ހަޅޭއްލަވައިގަތެވެ. އެއަޑަށް ގޭގެ ތަނބުތައް ގުޑައިގެން ދާހާ ވިއެވެ. ސިހުނުވަރުން ރަޒީއާ ދެލޯމަރައިލިއެވެ. އޭނަގެ ހަށިގަނޑަށް ވަރުގަދަ ލޮޅުމެއް އައެވެ. ހިތް އަވަސްވެ ދެލޯ މަރާލެވުނެވެ. ހީވީ ފިރްދައުސްގެ ފަރާތުން އަމާޒުވެދާނެ ހަމާލާއަކަށް ތައްޔާރުވިހެންނެވެ. ބިރުވެރިކަމެއްގެ ތެރޭގައި ހުރިހެންނެވެ.

ސިމްރާ މަޑެއް ނުކުރިއެވެ. ބައްޕަގެ ހަޅޭކުއްގެ އަޑަށް ބިރެއް ވެސް ނުގަތެވެ. ބައްޕަގެ އިންޒާރުތަކުން ޖެހިލުންވި ދުވަސްތައް މަޒީއާއެކުވެގެން ގޮސްފިއެވެ. އަމިއްލަ ނަފުސުގެ ދިފާއުގައި ތެދުވަން އޭނަ ދަސްކޮށްފިއެވެ. މީހާކު ބުނާ އެއްޗަކުން ނުވަތަ ދޭ އިންޒާރަކުން އޭނަގެ އަޒުމެއް ނުގުޑާނެއެވެ. ދިރިއުޅުމުގެ ހާލަތުން އޭނަ ފިލާވަޅުތަކެއް ދަސްކޮށްފިއެވެ. އަނބުރާ އަނދިރީގެ ތެރެއަށް ދިރިއުޅުން ހުށަހެޅުމުގެ ފުރުސަތެއް ހަމަހިލާ ނުދޭނެއެވެ. އޭނަގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވެން އޮތީ އޭނަ އަށެވެ.

ކައިސަން ބަލައިލީ ފިރްދައުސް އަށެވެ. ލޯމަތިން ނިއުޅެމުންދާ މަންޒަރާ މެދު ކައިސަން ނުރުހުނު މިންވަރު އަންގައިދިނީ އޭނަގެ މޫނުންނެވެ. ބުމަގޮށްޖެހި ރުޅީގެ ކުލަވަރު ދެލޮލުން ފާޅުވާން ފެށިއެވެ. ކައިސަން އަކީ ރީތި ޒުވާނެއް ކަމަކު އޭރު އޭނަގެ މޫނަށް އިއިސްފައިވި ބަނަކަމުން ފެންނަނީ ނުރައްކާތެރި ސިފައެއްގައެވެ. މީހުން ޖެހިލުންވާނެ ފަދަ ނުރައްކާތެރި ވިދުވަރެއް ކަޅުކަންގަދަ ދެލޮލުގައި ވިއެވެ.

ރަޒީއާ ހިނގައިގަތީ ސިމްރާގެ ފަހަތުންނެވެ. ފިރްދައުސް އުޅުނީ ކައިސަން އާއި ވާހަކަދައްކާށެވެ. އާރިޒް ވެސް ކޮޅަށް ތެދުވިއެވެ.

''ކޮބާތަ ސިމްރާގެ މައްސަލައަކީ؟، ގެއަށް އަންނަ މެހެމާނުންނަށް އިހުތިރާމްކުޑަކޮށްފަ ތިހެން ތިދަނީ އަހަރުމެންގެ އަގުވައްޓާލަންތަ؟...'' ރަޒީއާ ބުނެލިއެވެ. މައިދޮރުން ނިކުތް ސިމްރާއަށް މަޑުޖެހިލެވުނެވެ. ފަސްއެނބުރި މަންމައަށް އޭނަ ބަލައިލިއެވެ.

''އައި ހޭވް ނޭވާރ ޑިސްރެސްޕެކްޓެޑް ޔޫ، ނޮޓް ވަންސް...'' ސިމްރާ ހުރީ ވަރުބަލިވެފައެވެ. ރުޅީގެ މައްޗަށް ކުރި ހޯދީ މޮޅިވެރިކަމެވެ.

''ދެންމެ ކަންތައްކުރި ގޮތުން ބުނެދެނީ އެހެންކަމެއް...'' މޭގައި ދެއަތް ހުރަސްކުރަމުން ރަޒީއާ ބުނެލިއެވެ.

''އަޅެ މަންމަ ކަންތައް ކުރި ގޮތް ގޯހެއް ނޫންތަ؟، އަޅުގަނޑު ގާތު ދޮގުހަދައިގެން ގެނައުމުގެ ބޭނުމަކީ ކޮބާތަ؟، ކައިސަންއާއި ބައްދަލުކުރަން އަޅުގަނޑު ބޭނުންނުވާނެކަން މަންމައަށް ރަނގަޅަށް އެނގޭނެ، އަޅުގަނޑުގެ ނިންމުން އޮންނާނީ ބުނެދީފަ...'' ސިމްރާ ބުންޏެވެ. މަންމައަށް އޭނަގެ ޖުމްލަ އަޑު ނީވޭނެކަން ސިމްރާއަށް ޔަޤީންވީ، މަންމަ ބުމަގޮށްޖަހާލިތަން ފެނިފައެވެ. ފާރަކަށް ވިސްނައިދޭން އުޅުނަސް އެއަށްވުރެން ރަނގަޅު ނަތީޖާއެއް ނިކުންނާނެއެވެ.

''ކައިވެނި ކުރާ އުމުރު ތިހެން ހުރެ ތިދަނީ، އެހެންވީމަ ސިމްރާގެ މައިންބަފައިންގެ ހައިސިއްޔަތުން ރަނގަޅު ޒުވާނަކާ ސިމްރާގެ ކައިވެނި ކުރުމުގެ ހައްޤު އަހަރުމެންނަށް ލިބިގެންވޭ!... އަހަރެން މީ ސިމްރާގެ މަންމަ... ދަރިއަކަށް ދެރަގޮތެއް ވުމަށް އެއްވެސް މަޔަކު ނޭދޭނެ، ކައިސަން އަކީ ރަނގަޅު ޒުވާނެ، ޒިންމާދާރު ވަޒީފާއެއްގަ އެހުރީ، ބަލައިލަން ކުޑަކޮށް ވެސް ހުތުރެއް ނޫން، ކައިސަން ބޭނުންވާ ކޮންމެ އަންހެންއްކުއްޖަކު ލިބެން އޮއްވާ ސިމްރާއާއި ކައިވެނި ކުރަން ހުށަހެޅުން އެއީ ހާދަ ބޮޑު ނަސީބެކޭ، އެފަދަ ފުރުސަތެއްގެ އިންތިޒާރުގައި ކިތައް އަންހެންކުދިން ތިބޭނެ...'' ރަޒީއާއަށް ސިމްރާގެ ވިސްނުން ނަގައެއް ނުގަނެވުނެވެ.

''އެހެންވީމަ އެއިން އަންހެންކުއްޖަކާ ގުޅެން ކައިސަން ގާތު ބުނެލަންވީނު؟... އައިމް ސޮރީ، އައި ޑޯންޓް ލައިކް ހިމް... އަހަރެން ބޭނުމެއް ނޫން ކައިސަންއާ ކައިވެނިކުރާކަށް، މަންމައަށް ނުވިސްނެނީ ކީއްވެގެންތަ؟...'' ސިމްރާ ބުންޏެވެ. އޭނަ ބެލީ މަޑުމައިތިރިކަމާއެކު ވާހަކަދެއްކޭތޯއެވެ. މަންމައާއި ޒުވާބުކުރުން ހުތުރުކަމަކަށްވާތީއެވެ.

''އުމުރުން 32 އަހަރު ތިވަނީ... ތިހެން ހުސްހަށިބަޔަށް ހުރެގެން މީހުން ބުނެފާނެ އެއްޗަކަށް ސިމްރާ ނުވިސްނަންތަ؟...'' ރަޒީއާ ރައްދުދިނެވެ.

''ޕްލީޒް...'' ސިމްރާއަށް އާދޭހާއެކު ބުނެވުނެވެ. ޖަޒުބާތުތައް އުތުރިއަރައިގަތުމުން ނުރޮވުނީ ކިރިޔާއެވެ. މަންމައަށް އޭނަގެ އިހުސާސްތައް ނުފެންނީ ކީއްވެގެން ހެއްޔެވެ؟

ރޮވިދާނެހެން ހީވުމާއެކު ސިމްރާ ފުރަގަސްދިނެވެ. ބާރުބާރަށް ހިނގައިގަނެފައި، ވަކި ހިސާބަކުން ދުވެފައި ކަހަލަ ގޮތަކަށް ގޮސް ގޭޓުން ނިކުތެވެ. ރަޒީއާ ހުރީ ބަލަންށެވެ.

ދޮންތަގެ މޮޅިވެރިކަން ފެނި، މަންމަ އޯގާތެރިކަން އިހުތިޔާރުކޮށްފާނެކަމުގެ މޮޔަ ޚިޔާލުގައި އާރިޒް ހުއްޓެވެ. ދެފަރާތަށް ބޯހޫރާލީ ދޮންތަ ގޭޓުން ނިކުތް މަންޒަރު ފެނިފައެވެ. އެއާއެކު އާރިޒް ދުއްވައިގަތެވެ.

ސައިކަލަށް އެރި ސިމްރާގެ ދެލޮލުން ކަރުނަ ފޭދުނެވެ. ސައިކަލުގެ މުއްގަނޑުގައި ބާރަށް ހިފަމުން ދިގު ނޭވާއެއް ވެސް ދޫކޮށްލިއެވެ. ހިތާމައާއި މާޔޫސްކަމުގެ ބަނަކަމުން އޭނަ ހާސްކޮށްލިއެވެ. އެފަދަ ހާލެއްގައި ވަނިކޮށް އާރިޒްގެ އަޑު ސިމްރާއަށް އިވުނެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލަމުން ސިމްރާ ހިނިތުންވެލިއެވެ.

''އައިމް ފައިން...'' ސިމްރާ ދޮގު ހެދިއެވެ.

''ނޯ!، ޔޫ އާރ ނޮޓް...'' އާރިޒް ބުންޏެވެ. އިތުރަށް ދެކޮޅުހަދަން ސިމްރާ މަސައްކަތެއް ނުކުރިއެވެ.

އާރިޒް ގޮސް ސިމްރާގެ ގައިގައި ބައްދާލިއެވެ. އެފަދަ ގާތްކަމެއް ބޭނުންވެފައިވި ސިމްރާގެ އިހުސާސްތައް އުތުރިއަރައިގަތެވެ. މިދުނިޔޭގައި އޭނައާއި އާރިޒް ތިބީ ގިނިކަންޏާ އެކަންޏޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެކަކުއަނެއްކަކަށް ހިމާޔަތާއި އަޅާލުންދީގެން ކުރިއަށް ދިއުން ނޫން ގޮތެއް ނެތެވެ.

''ދެއި ކާންޓް ފޯސް ޔޫ ޓު މެރީ ސަމްވަން ޔޫ ޑޯންޓް ލައިކް...'' އިރުކޮޅެއްފަހުން ސިމްރާއާއި ދުރަށް ޖެހިލަމުން އާރިޒް ބުންޏެވެ.

''އުމުރަށް ވުރެން ދޮށީވެއްޖެ ދޯ...'' ސިމްރާ އުޅުނީ ސަމާސާއެއް ކުރާށެވެ. އެހެނަސް އާރިޒްގެ މޫނުން ފެނުނީ ސީރިޔަސް ކަމެވެ.

''އެހެންނޫނަސް ދޮންތަގެ ތި ފިއާރސަމް އެޑިޓިއުޑް ކޮންމެކޮންމެ މީހަކަށް ހޭންޑްލް ނުވާނެ، އެމީހަކު ވާން ޖެހޭނީ ވަރަށް ޕޭޝެންޓް މީހަކަށް...'' އާރިޒް ސާމާސާކޮށްލީ އެދެމެދަށް ވެރިވާން އުޅުނު ނުތަނަސްކަމަށް ނިމުމެއް ގެންނަންށެވެ.

''މަލާމާތްކުރަނީތަ؟...'' ސިމްރާއަށް ހެވުނެވެ.

''ނޫން، މީ ހަޤީޤަތް...'' އާރިޒް ބުނެލިއެވެ.

''ތިހެންވީމަ ތި މީހަކު ހޯދަން ނިކުންނަން ވީ ދޯ؟...'' ސިމްރާއަށް ފިކުރުކޮށްލެވުނެވެ. އޭނަގެ ހަޔާތާއި ގުޅިފައިވާ ބައިވެރިޔަކީ ކާކު ހެއްޔެވެ؟ އެމީހަކާއި ބައިވެރިވުމުގެ ނަސީބު ލިބޭނީ ކޮން ދުވަހަކުން ހެއްޔެވެ؟

''ޑޯންޓް އާސްކް މީ، އައި ޑޯންޓް ނޯ...'' ކޮނޑުއަރުވާލަމުން އާރިޒް ބުނެލިއެވެ.

ސިމްރާއަށް ހެވުނެވެ. އާރިޒާއި ވާހަކަދައްކާލެވުމުން ހިތަށް ލުޔެއް ލިބުނެވެ. އަނެއްކާ ވެސް މޫސުން ގޯސްކޮށްލަފާނެކަމުގެ އިންޒާރުތައް ލިބެން ފެށުމުން ސިމްރާއަށް މަޖުބޫރުވީ ދާށެވެ. އާރިޒާއި ވަދާއުގެ ސަލާން ބަދަލުކުރަންޖެހުމުން ސިމްރާ ހުރީ ޚިޔާލަކަށް ގެއްލިފައެވެ. އާރިޒާށް ފާހަގަވިއެވެ.

''އައިލް ބީ ފައިން...'' އާރިޒް ބޯޖަހާލިއެވެ. އިރުކޮޅެއް ވަންދެން އާރިޒަށް ބަލަން އިނދެފައި ސިމްރާ ސައިކަލު ދުއްވާލިއެވެ.

(ނުނިމޭ)