އެއީ ހުވަފެނެކަށް ވުމަށް ސިމްރާގެ ހިތް އެދުނެވެ. އެހަޤީޤަތް ޤަބޫލުކުރަން އޭނަގެ ޒަމީރު ބޭނުން ނުވާތީ އެވެ. ނަމަވެސް އޭނައަށް މަޖުބޫރުވީ އެކަމާ ކުރިމަތިލާށެވެ. ހޭލާ ހުއްޓާ ހުވަފެން ފެންނަން ވެއްޖެނަމަ އެއީ ބޮޑު ގޯހެކެވެ. އެހެންނޫނަސް އޭނަގެ ކުރިމަތީ ހުރި ޒުވާނާގެ ސޫރަ ހުވަފެނުން ވިޔަސް ފެންނަން އޭނަގެ ހިތެއް ނުރުހޭނެއެވެ. ވީފޫއްސެއްގެ ބޮޑުކަމާއެކު ސިމްރާ ތުންއަނބުރާލިއެވެ. ލޭގެ ޕްރެޝަރު މައްޗަށް ދާން ފެށިކަމުގެ އިހުސާސާއެކު، ލަސްލަހުން ދިގު ނޭވާއެއް ދޫކޮށްލެވުނެވެ.
ޒުވާނާއަށް ވެސް ސިމްރާ ފެނި ލިބުނީ ހައިރާންކަމެވެ. ފިޔަވަޅުތައް މަޑުޖައްސާލައި ލޮލުގައި އަޅާފައި އޮތް ރޭބަން އަވިއައިނު ނަގައި ގަމީހުގެ ޖީބަށް ލިއެވެ. އެއަށްފަހު ފަރުވާތެރިކަމާއެކު ސިމްރާއަށް ބަލަން ފެށިއެވެ. ޒުވާނާގެ ތުންފަތަށް ވެރިވި ހިނިތުންވުމުން ހާމަކޮށްދިނީ ދެނެފަރިތަކެމެވެ. އެވަގުތު ސިމްރާ އައިރޯލްކޮށްލި މަންޒަރު ފެނި ޒުވާނާގެ ހިނިތުންވުން ފުންވެއްޖެއެވެ. އެހިނިތުންވުން ފަހުން ބަދަލުވީ ލާނެއް ކަމަށެވެ. ނުރުހުމާއެކު ސިމްރާ ބަލަން ހުރުމުން މަޖާކަމަކަށް ވިއެވެ. ހީވަނީ ސިމްރާގެ އެފަދަ އާދަތަކަށް ހޭނިފައި ހުރިހެންނެވެ. ޖިންސުގެ ޖީބަށް އަތްޖަހާލަމުން، ކަޅުކަންގަދަ ދެލޯ ސިމްރާއަށް ހުއްޓާލައި، ލަސްލަހުން އެއްބުމަ އަރުވާލައިފި އެވެ. ސިމްރާގެ އިޝާރާތަކަށް ހުރި ޝައުޤުވެރިކަން ފާޅުކޮށްލި ކަހަލަ އެވެ.
''ވަޓް އެ ބިގް ސަޕްރައިޒް...'' ޒުވާނާގެ ބަރު އަޑު ސިމްރާގެ ކަންފަތުގައި ގުގުމާލިއެވެ. އެއާއެކު ހަށިގަނޑުގެ ލޯލިތައް ކޮޅަށް ޖެހުނުކަމުގެ އިހުސާސް ކުރެވިގެން ދިޔަ އެވެ. ގޮތް ނޭނގޭ އެއިހުސާސްތަކަށް ސިމްރާ ސަމާލުކަމެއް ނުދިނެވެ. ޒުވާނާއަށް ރައްދުދޭން އުޅެފައި، މަޑުޖެހިލެވުނީ ޒުވާނާގެ ފަހަތުން ހުއްޓުނު ޝަރަފް ފެނިފައެވެ. ވަކިވަކިން ޝަރަފާއި ޒުވާނާއަށް ސިމްރާ ބަލައިލިއެވެ. ޝަރަފާއި އޮތް ގުޅުން އޮޅުންފިލުވަން ސިމްރާ ޝައުޤުވެރި ވިއެވެ. މިގޭ ކުރިން ދުވަހަކު އެޒުވާނާ ޝަރަފާއެކު ފެނިފައެއް ނުވެއެވެ. އެހެންކަމުން ހިތުގައި އުފެދުނު ސުވާލުތަކުގެ ޖަވާބު އޭނަ ހުރީ ބޭނުން ވެފައެވެ. އެހެނަސް އިސްވެ އަހާކަށް ނުކެރުނެވެ. ޕްރޮފެޝަނަލް ވާން ޖެހޭތީއެވެ. އެއާއެކު ސިމްރާއަށް މަޖުބޫރުވީ ޝުއޫރުތައް ހަމައަކަށް އަޅުވާށެވެ.
''ޒުވައިލްއަށް ސިމްރާ އެނގޭތަ؟...'' ޒުވައިލްގެ ފަހަތުން ހުއްޓުނު ޝަރަފްގެ އަޑުގައިވަނީ ހައިރާންކަމެވެ.
ސުވާލުގެ ނަޒަރަކުން ސިމްރާއަށް ޒުވައިލް ބަލައިލިއެވެ. ސިމްރާ ލައްވާ ޝަރަފްގެ ސުވާލަށް ޖަވާބުދޭން އުޅޭ ކަހަލައެވެ.
''ލައްބަ، އެކުގަ ކޮލެޖަށް ދިޔައީ...'' ގަދަކަމުން ހިނިތުންވަމުން ސިމްރާ ބުންޏެވެ. ޒުވައިލްއާއި އަލުން ބައްދަލުވާން އޭނަ ހަމަ އެހާ ބަދުނަސީބީ ހެއްޔެވެ؟ ދުނިޔެ މަތިން އޭނަ އެންމެ ފޫހިވާ މީހުންގެ ލިސްޓުގެ ކުރީގައި އޮންނާނީ ޒުވައިލް އެވެ. ކައިސަން އެލިސްޓަށް އެރުމުގެ އެތައް އަހަރެއް ކުރިން ލިސްޓުގެ އެއްވަނައިގައި އޮތީ ޒުވައިލް އެވެ. މާޒީގެ ތެރެއަށް އޮބިގެން ގޮސްފައިވާ ކޮލެޖްގެ ދުވަސްތައް ހާނދާނަށް އަންނަން ފެށުމުން ރުޅިގަދަވުން ނޫންކަމެއް ނުވިއެވެ. ޒުވައިލް ދެކެ އޭނަ ރުޅި އަންނަ ސަބަބުތައް ބައިވަރެވެ. ރެޔާ ދުވާކު ކިޔައިދިނަސް ޝަކުވާތަކަށް ނިމުމެއް ނާންނާނެއެވެ.
ކޮލެޖް ނިމި ދަސްވެނިވުމުން އޭނަ އުފާވީ ދެން އިތުރަށް ޒުވައިލްއާއި ބައްދަލު ނުވާނެތީ އެވެ. ނަމަވެސް ތަޤަދުދީރުގެ ނުބައި ސަމާސާ ދެކިބަލާށެވެ. ޒުވައިލް އެހުރީ އޭނަގެ ކުރިމަތީގައެވެ.
''ދެޓްސް ގުޑް، އެހެންވީމަ ބޮޑު އިންޓްރޮޑަކްޝަނެއް ބޭނުމެއް ނުވާނެތާ...'' ޝަރަފް ހިނިތުންވެލަމުން ޒުވައިލްގެ ކޮނޑުގައި ޖަހާލިއެވެ. އޭނައާއި ޒުވައިލްގެ ދެމެދުގައި އޮތް ގުޅުން ވެސް ސިމްރާއަށް އޮޅުންފިލުވައިދިނެވެ. ''ޒުވައިލް އިޒް މައި ބްރަދާރ-އިން-ލޯ...''
ޝަރަފަށް ސިމްރާއާއި ޒުވައިލްގެ ދެމެދުގައި އޮތް ނުތަނަވަސްކަން ފާހަގަނުކުރެވުނެވެ. ޝަރަފް އިޝާރާތްކޮށްލީ ރެސްޓޯރެންޓަށް ވަންނަން ހުރި ދޮރަށެވެ. ކުރީގައި ހުރެފައި، ޖީބުން ނެގި ތަޅުދަނޑިން ބިއްލޫރި ދޮރު ހުޅުވަން އުޅުނެވެ.
ފުރުސަތުގެ ބޭނުން ހިފައި ސިމްރާގެ ގާތަށް ޒުވައިލް ޖެހިލިއެވެ. އެއާއެކު ސިމްރާގެ ނޭފަތުގައި ޖެހުނީ ޒުވައިލް ބޭނުންކޮށްފައި ހުރި ސެންޓްގެ ވަހެވެ. ބޭއިހްތިޔާރުގައި ނޭފަތް ދަމާލެވުނެވެ. ކޮން ސެންޓެއްކަން ނަގައިގަންނަން ސިމްރާއަށް އުނދަގުލެއް ނުވިއެވެ. އެއީ ކުރިން ވެސް ޒުވައިލް ބޭނުންކުރާ ސެންޓެވެ. މިވީ އަހަރު ތެރޭގައި ބަދަލެއް އައިސްފައެއް ނުވެއެވެ. ފޫހިވާކަމަށް ހެދުނަސް އެވަސް ސިމްރާއަށް ކަމުދިޔައެވެ. އެއްބަސްވާން ހިތާއި ނަފުސު ދެކޮޅު ހެދިޔަސް އެސެންޓް ކަމުގޮސްގެން، ސެންޓު ވިއްކާ ފިހާރައަކަށް ގޮސް އެއީ ކޮން ސެންޓެއްތޯ އޭނަ ހޯދިއެވެ. ފުޅިއެއް ވެސް ގަތެވެ. ވަސްބަލައިލުމުގެ ނިޔަތުގައެވެ. އެހެނަސް ހިތް އެދުނު ވަހެއް އޭގައި ނުހުރެއެވެ. ދެންމެ ނޭފަތުގައި އެޖެހުނީ އޭނަ ހޯދަން ބޭނުންވާ ވަހެވެ. އޮޅުންބޮޅުންވި ޚިޔާލުތަކާއެކު ސިމްރާ ދުރަށް ޖެހުނެވެ. އެވީ ކިހިނެއް ހެއްޔެވެ؟
''ޑޯންޓް ޔޫ ލުކް ތްރިލްޑް ޓު ސީ މި އެގެއިން؟...'' ޒުވައިލް ދިމާކޮށްލުމާއެކު ސިމްރާ ކަޅިއަޅައިގަތެވެ. މޭގައި ދެއަތް ހުރަސްކޮށްލީ ނުރުހުމާއެކުގައެވެ. އެމަންޒަރު ފެނި ޒުވައިލްއަށް ހީނލައިފިއެވެ. އެފިރިހެންވަންތަ މޫނަށް ދިރުން ގެނެސްދެމުންނެވެ. ބަރު ހުނުމުގެ ތެރެއަށް ހިނދުކޮޅަކަށް ސިމްރާ ގެއްލުނެވެ. ޤަބޫލުކުރަން އުނދަގުލަސް ޒުވައިލްއަކީ ފިރިހެންވަންތަ ޒުވާނެކެވެ. ދިގު އިސްކޮޅެކެވެ. ގަވައިދުން ޖިމަށްދާކަމުން ހެކި ކަސްރަތީ ހަށިގަނޑުން ހާމަކޮށްދެއެވެ. ކަޅިކަންގަދަ ރާޅުބާނީ އިސްތަށިގަނޑުވަނީ މައްޗަށް ގެންގޮސް ސްޓައިލްކޮށްފައެވެ. ބައެއް އިސްތަށިކޮޅުތައް ނިތް މައްޗަށް ފައިބާފައި ހުއްޓެވެ. ބަލާބެލުމަށް އިސްތަށިގަނޑު ވަރަށް މަޑުވާނެކަމަށް ފެނެއެވެ. އެއިސްތަށިގަނޑުގެ ތެރޭގައި އަތްތިލަ ހިންގާލަން އަތްމުނިމުނިކަވައިގަތުމުން، ސިމްރާއަށް އޭނަގެ ޒަމީރަށް އަޑުލައިގަނެވުނެވެ. އެ ޚިޔާލު އައީ ކިހިނެއް ހެއްޔެވެ؟ އޭނަ ހަމަ ރަނގަޅަށް ވެސް ދުނިޔެއިން މޮޔަވީއެވެ.
ޝަރަފް ދޮރު ހުޅުވުމުން ސިމްރާ ގޮސް އެދިމާގައި މަޑުކޮށްލިއެވެ. އޭނަގެ އަތްދަބަހުން ނެގި އައިޕެޑު ނަގައި، ފަހަތުން ހުއްޓުނު ޒުވައިލްއަށް ސަމާލުކަން ނުދީވޭތޯ ބެލިއެވެ. ގިނަ ދުވަސްވެފައި ހުރުމުން އެތެރޭގައި ހިރަފުހުގެ އަސަރު ހުއްޓެވެ. އެކަމަށް ވީހާވެސް އަވަހަކަށް ހައްލު ގެންނާނެކަމަށް ބުނަމުން ރެސްޓޯރެންޓްގެ ބާކީ ހުރި މަސައްކަތްތަކުގެ ތަފުސީލުތައް ސިމްރާ ދިނެވެ. މާދަމާއަށް ތާވަލް ކުރެވިފައި އޮތް މީޓިންގައި އިތުރު މަޢުލޫމާތުތައް ހިއްސާކުރެވޭނެކަމަށް ބުންޏެވެ. އޭރު ތިރީ ފަންގިފިލާ ބަލައިލުމަށްފަހު އެންމެން ތިބީ ރެސްޓޯރެންޓްގެ ޓެރެސްގައެވެ. އެދިމާއިން ވަރަށް ރީއްޗަށް މޫދު ފެނެއެވެ. ވިލުނޫކުލައާއި ހުދު ދޮންވެލިގަނޑު އެއްތަންވެފައި އޮތް މަންޒަރު ވަރަށް ފުރިހަމައެވެ. ރެއިލިންގް ކައިރިއަށް ހުއްޓުނު ސިމްރާ އޭނަގެ ފޯނުގައި އެމަންޒަރު ރައްކާކޮށްލިއެވެ. ޒުވައިލްގެ ނަޒަރު އިހުސާސްކުރެވި ސިމްރާއަށް އުނދަގޫ ވިއެވެ.
''ހުސެއިން ބުނިދޯ ބަދަލުތަކެއް ގެންނަން ބޭނުންވާ ވާހަކަ؟...'' ޝަރަފް ސުވާލުކުރީ ތިރިއަށް ފައިބާފައެވެ.
''ލައްބަ...'' އައިޕެޑް އަތްދަބަހަށް ލަމުން ސިމްރާ ބުނެލިއެވެ. އޭނަގެ ހަވަނަ ހިއްސަށް ކަމެއް ނަގައިގަނެވުނެވެ. އެއާއެކު ސިމްރާގެ ހިތް ތެޅިލައިފިއެވެ. މެޔަށް ފިނިވާން ފެށިއެވެ. އޭނަގެ ނަޒަރު ހުއްޓުނީ ޒުވައިލް އަށެވެ. ޒުވައިލް އައުމުގެ ފަހަތުގައި އޮތް ސަބަބު ސިމްރާއަށް ނަގައިގަނެވުނީއެވެ. އުދާހުން ފުރިގެންވި ނޭވާއެއް ދޫކޮށްލެވުނެވެ. މިއަދާއި ކުރިއަށް ހުރި ދުވަސްތައް ހަރާބުވެއްޖެކަމުގެ ހިތާމައިގައި ލޮލުން ކަރުނަ ހިލޭހާ ވިއެވެ.
''ދެން ރެސްޓޯރެންޓްގެ މަސައްކަތްތައް ބަލާނީ ޒުވައިލް...'' އިތުރު ތަފުސީލަކާނުލައި ޝަރަފް ބުނެލިއެވެ.
ޝަރަފާއި ޒުވައިލް ބަދަލުކޮށްލި ނަޒަރު ސިމްރާއަށް ފާހަގަ ކުރެވުނެވެ. ޒުވައިލް ބޯޖަހާލި ގޮތެވެ. ޒުވައިލްގެ ކޮނޑުގައި ހިފާލަމުން ޝަފަދް ހިނިތުންވެލި ގޮތެވެ. ކުއްލިޔަކަށް މާހައުލަށް ނުތަނަވަސްކަމުގެ ހިޔަނި އެޅުނު ކަހަލައެވެ. ކުރިން ޒުވައިލްގެ މޫނުން ފެނުނު ލާނެއްކަމެއް މިހާރަކު ނެތެވެ. ބަޔާންކުރަން ދަތި ޝުޢޫރުތަކެއް ފަޅި ސިކުންތުކޮޅަކަށް އެދެލޮލުން ފެނުނެވެ. ސިމްރާ ހައިރާންވިއެވެ. ކޮންމެވެސް ބޮޑު ސިއްރެއް އޮތް ކަހަލައެވެ. ތަނުގެ މަސައްކަތްތައް މެދުކެނޑުމުގެ ފަހަތުގައިވަނީ އެސިއްރު ކަހަލައެވެ. އޮޅުންފިލުވުމުގެ ހައިސިއްޔަތު ނެތުމުން ސިމްރާ އަލިއަޅުވާލީ ހަމައެކަނި ރެސްޓޯރެންޓްގެ ކަންތަކަށެވެ. އެހެންނޫނަސް ޒުވައިލްގެ ޒާތީ މަޢުލޫމާތު އެނގެން އޭނަ ބޭނުމެއް ނޫނެވެ.
ސައިޓު ބަލައި ނިމުމުން ދިއުމުގެ ހުއްދައަކަށް ސިމްރާ އެދުނެވެ. މާދަން ހެނދުނު އޮތް މީޓިންގްއަށް ހުރިހާ ރިޕޯޓެއް ތައްޔާރުކުރާނެކަމަށް ބުނެލަމުންނެވެ. އެވަގުތު ޒުވައިލް ވާހަކަދެއްކިއެވެ. ސިމްރާއަށް މަޖުބޫރުވީ މަޑުކުރާށެވެ. ކޮނޑުގައި އޮތް އަތްދަބަހުން ޒުވައިލްގެ ގައިގައި ޖަހާފާނަމޭ ވެސް ހިތަށް އެރިއެވެ. އޭނައަކީ މީހުންގެ މައްޗަށް އަނިޔާވެރި ވާ ހިތްވާ މީހެއް ނޫނެވެ. ނަމަވެސް ޒުވައިލްއަކީ އަބަދު އޭނަގެ ކެތްތެރިކަން އިމްތިހާނުކުރާ މީހެކެވެ. ދާން އުޅެނިކޮށް އޭނަ ހުއްޓުވުމުގެ ބޭނުމެއް އެބައޮތް ހެއްޔެވެ؟
''އައިމް ލުކިންގް ފޯވާޑް ޓު ވޯކިން ވިތް ޔޫ...'' ސަލާމްކުރުމަށް އަތް ދިއްކޮށްލަމުން ޒުވައިލް ބުނެލިއެވެ.
ޝަރަފް ހުރުމުން ސިމްރާއަށް މަޖުބޫރުވީ ޒުވައިލްގެ އަތުގައި ހިފާށެވެ. އެއަތުގެ ހޫނު އިހުސާސްކުރެވުމުން މެޔަށް ފިނިވެލިއެވެ. އޭނައަށް އިސްއުފުލައިލެވުނީ އިހުތިޔާރަކާ ނުލައެވެ. ޒުވައިލް ހުރީ ސިމްރާއަށް ބަލަހައްޓައިގެންކަމުން ދެޒުވާނުންގެ ހަތަރުކަޅި ބައްދަލުވިއެވެ. ސިހުރެއްފަދަ އެފުރިހަމަ ދެލޮލުގެ ބާރުގައި ސިމްރާ ހައްޔަރުވިއެވެ. ހޭވެރިކަންވީ ޒުވައިލް އެއްލޯމަރައިލުމުންނެވެ. ވަގުތުން ޒުވައިލްގެ އަތުން ސިމްރާ ދޫކޮށްލިއެވެ. އޭނަގެ ނަޒަރު ޝަރަފަށް ހުއްޓުނީ ޒުވައިލްގެ އެސަމާސާ ފާހަގަކުރެވުނުތޯ ބަލައިލުމަށެވެ. ހަމަޖެހުމުގެ ނޭވާއެއްދޫކޮށްލީ ޝަރަފް ފޯނަށް ގެއްލިފައި ހުރުމުންނެވެ.
ޒުވައިލްއަށް ފުރަގަސްދެމުން ސިމްރާ ހިނގައިގަތީ ސައިކަލާއި ދިމާއަށެވެ. ކުދިކިޔަމުން އޭނަ ދިޔަ އެވެ. ސައިކަލުގެ މަޑި ދަށުން ނެގި ހެލްމެޓް ބޮލުގައި އަޅަމުން ޒުވައިލްއަށް ބަލައިލިއެވެ. ޖިންސުގެ ޖީބަށް އަތްޖަހައިގެން ޒުވައިލް ބަލަން ހުރިތަން ފެނުމުން ސިމްރާ ތުންއަނބުރާލިއެވެ.
''ވަރަށް ފޫހިވޭ...'' ސައިކަލު ދުއްވާލުމުގެ ކުރިން ސިމްރާ ހިތާހިތުން ބުނެލިއެވެ. ''މައި ލައިފް ކެނޮޓް ގެޓް އެނީ ވޯސް ދޭން ސިދް...''
ސިމްރާ ގޮސް ގޯޅިން އޮބާލަންދެން ޒުވައިލް ބަލަހައްޓައިގެން ހުއްޓެވެ. އޭނަގެ ތުންފަތުގައިވީ މާނަފުން ހިނިތުންވުމެކެވެ. ޝަރަފް ގޮވާލުމުން ކާރަށް އަރަން ފަހަތުން ހިނގައިގަތެވެ. އޭރު ވެސް އޭނަގެ ހަނދާނުގައި ވަނީ ސިމްރާ އެވެ. އޭނައަށް ހެވުނީ ސިމްރާގެ މޫނަށް ގެންނަ ހަރަކާތްތައް ސިފަކުރެވުމުންނެވެ. ލޮލަށް ހަދައިލާ ގޮތެވެ. ތުންއަނބުރާލާ ގޮތެވެ. ނޭފަށް ކުޑަކޮށްލައި ބުމަ ކައިރިކޮށްލާ ހިނދު މޫނު ފެންނަ ގޮތުގެ ޗާލުކަމެވެ.
ކޮލެޖަށް ފަހު ސިމްރާއާއި ދެން ބައްދަލުވެދާނެ ކަމަށް އޭހަ ހުރީ އުއްމީދުކޮށްގެނެއް ނޫނެވެ. އެލިބުނު ސަޕްރައިޒް އޭނައަށް ވަރަށް ބޮޑަށް ކަމުގޮސްފިއެވެ. އެންމެ ބޮޑަށް ހިތްހަމަޖެހުނީ ސިމްރާއެކު ވަގުތު ހޭދަކޮށްލުމުގެ ފުރުސަތު ލިބޭނެތީއެވެ. މިފަހަރު ކަންތައްވާގޮތް ބަލައިލުމުގެ ޝައުޤު ވަރަށް ބޮޑަށް އުފެދުނެވެ. ތަފާތު ޚިލާތުތައް ވެސް ގިނަވެގެތެވެ. ހިތުގެ ފުނުގައި ފޮރުވިފައިވި ޖަޒުބާތުތަކުގައި އަލުން ވިންދުޖަހާލި ކަހަލައެވެ. އަމިއްލަ ނަފުސަށް ހިނިތުންވެލަމުން ޒުވައިލް ކާރަށް އެރިއެވެ.
*****
ހަވީރުގެ ވަގުތެވެ. ޒުވައިލް އޮތީ ގޭގެ ޓެރަސްގައި ހުންނަ އުނދޯލީގައެވެ. އެދިމާގައި ހުންނަނީ ތަފާތު ގަސްތައް ބަހައްޓާފައެވެ. ގަސްތަކުގައި ފަރިވަމުންދާ މާތަކުގައި ހިތްގައިމުކަމެއް ވިއެވެ. އުނދޯއްޔަށް އެއްފައި ލައިގެން އަނެއްފައިން މަޑުމަޑުން އުނދޯލި ހެއްލަމުން ދިޔައެވެ. ބޮލު ދަށަށް އެއްއަތް ލައްވައިގެން އޮތް އިރު އޭނަގެ ނަޒަރު ހުއްޓިފައި ވަނީ އުޑުގައި ދައުރުވަމުންދާ ކަފަވިލާ ތަކަށެވެ. ސިމްރާއާއި ބައްދަލުވީއްސުރެން ފެށިގެން އޭނަގެ ޚިޔާލުތަކާއި ގުޅިފައިވަނީ އެއާދަޔާ ޚިލާފު ހޫރެއް ފަދަ އަންހެންކުއްޖާއެވެ. ސިމްރާއާއި އޭނަ ބައްދަލު އެވީ ދިރިއުޅުމުގެ ވަރަށް ދަތި ހާލަތެއްގައި ވަނިކޮށެވެ. އެބައްދަލުވުމުން ދިރިއުޅުމުގެ އުދާސްތަކާއި ދުރުވެލުމުގެ ފުރުސަތު ލިބިގެން ހިނގައްޖެއެވެ. އެކަމަށް ޝުކުރުވެރިވެވުނެވެ. ސިކުނޑީގައި ގިނަވެފައިވާ ޚިޔާލުތަކާ ދުރުވެލަން ލިބުނީތީއެވެ.
''އެކަނި ހުރެގެން ހޭން ފެށީ ކޮންދުވަހަކުތަ؟...'' އިވުނު އަޑާއެކު ޚިޔާލީ ދުނިޔެއިން ޒުވައިލްއަށް ނިކުމެވުނެވެ. އަޑު އައި ދިމާއަށް ޒުވައިލް ބަލައިލިއެވެ. ޓެރެސްއަށް ނިކުންނަން ހުރި ދޮރު ކައިރީ ހުރި އުމާމާ ފެނުމާއެކު، ޒުވއިލް އުނދޯލިން ތެދުވީ ކުއްލިޔަކަށެވެ. ކަންބޮޑުވުން އޭނަގެ ދެލޮލުން ފެނުނެވެ. ވައިސޫރީގެ ބާރުމިނުގައި އުމާމާގެ ގާތަށް ދިޔައެވެ. ޒުވައިލްއަށް އޭނަގެ ތިއްތަގެ އަތުގައި ހިފާލެވުނީ ނިކަން އަވަހަށެވެ.
''އައިމް ފައިން...'' ބަލި އަޑަކުން އުމާމާ ބުނެލިއެވެ. ޒުވައިލް އޭނަގެ އަތުގައި ހިފަން އުޅުމުން، ދުރަށް ޖެހިލަން އުމާމާ އުޅުނެވެ. ނަމަވެސް ވަރުދެރަވެފައި ހުރި ހަށިގަނޑު އަރިއަޅައިލަން އުޅުނުހެން ހީވުމުން ޖެހުނީ ޒުވައިލްގެ އެހީތެރިކަން ޤަބޫލުކުރާށެވެ.
''ތިއްތަ އަޅުގަނޑަށް ގޮވާލި ނަމަ، އޭރުން ސިޑިން އަރަން އެހީވެވުނީހެއްނު...'' ޒުވައިލްގެ އަޑުގައި ވަނީ ކަންބޮޑުވުމެވެ.
''އަދި އެހާ ވަރު އެބަހުއްޓޭ...'' ޒުވައިލްގެ އަތުގައި ޖަހާލަމުން އުމާމާ ބުނެލިއެވެ. ''ދެން ތިއްތަގެ ސުވާލަށް ޖަވާބުދީބަލަ...''
ލަސްފިޔަވަޅުތަކެއްގައި އުމާމާ ގޮވައިގެން ޒުވައިލް މިސްރާބުޖެހީ އުނދޯއްޔާއި ދިމާއަށެވެ. އުނދޯލީގައި އުމާމާ ބައިންދަމުން އޭނަ އަވަސްވެގަތީ ތިރިއަށް ފޭބުމަށެވެ. ސިކުންތެއް ވެސް ނުވަނީސް އައީ އުމާމާގެ ބޯ ރަޖާގަނޑު ހިފައިގެންނެވެ. ބަލި ހާލަތު ހުންނަ ގޮތުން އުމާމާއަށް ހުންނަނީ އަބަދު ފިނިވެފައެވެ. އެހެންކަމުން ރަޖާގަނޑެއްގެ އެހީ ބޭނުންވެއެވެ.
''މަންމަ ނަމާދަށް ހުރި ގަޑި ބަލާފަ ދޯ މައްޗަށް ތިއެރީ؟...'' ޒުވައިލް ޝަކުވާކޮށްލިއެވެ.
''ބުނެފީމެއްނު ރަނގަޅޭ!...'' ހަރުކަށިކަމާއެކު އުމާމާއަށް ބުނެވުނެވެ. އެންމެން އޭނައަށް އެހާ ބަލައިގެން އުޅެތީ އުމާމާ ދެރަވެއެވެ. ރެޔާދުވާލު އޭނަގެ ހިދުމަތުގައި ތިބޭތީއެވެ. އޭނަ ކެއްސާލިޔަސް ނޫނީ ބުރަކޮށް ނޭވާ ލިޔަސް އެލާޓަށް އައިސްފައެވެ. އެކަމާ އުމާމާ ރުޅި އާދެއެވެ. ޢާއިލާއަށް ބޮޑު ތަކުލީފަކަށް ވެފައިވާކަމުގެ އިހުސާސްކުރެވެއެވެ. ނަމަވެސް އެއީ ހަޤީޤަތާ ހިލާފުކަމެއްކަން އޭނައަށް އެނގެއެވެ. ލޯބިވާ ފިރިމީހާ ޝަރަފާއި، ޢާއިލާގެ ކޮންމެ މެންބަރެއްގެ ފަރާތުން ލިބޭ އަޅާލުމަކީ އޭނަ ދެކެ ވާ ލޯބީގެ ރަމްޒެކެވެ. އުމާމާ ދެރަވަނީ އެކަމާއެވެ. އޭނަގެ އަތަކު ވަގުތެއް ނެތެވެ. ޑޮކްޓަރުންގެ ފަރާތުން އުއްމީދީ ޖަވާބެއް ނުލިބެއެވެ. ކަނިވެ ނިމެވުންދާ ހަޔާތުގެ ހުޅުކޮޅާ ހަނގުރާމަކޮށްކޮށް އޭނަ ވަރުބަލި ވެއްޖެއެވެ. ބަލީގެ ވޭނާއި ތުރާލުން މިންޖުވުމުގެ ދޮރުތައް ބަންދުވަނީއެވެ. ޢާއިލާގެ ހުރިހާ އުފަލެއް ގެއްލި، ހިތާމަޔާއި މޮޅިވެރިކަމުގެ ސައިލެއްގެ ތެރެއަށް ގެނބިގެންދާ މަންޒަރު ބަލަން ރުހެވޭނީ ވެސް ކިހިނެއް ހެއްޔެވެ؟ ދުނިޔެއަކީ ހާދަ ބޭއިންސާފުވެރި ތަނެއް ހެއްޔެވެ؟ އެއްބަޔަކަށް އުފަލާއި ހިތްހަމަޖެހުމެވެ. އަނެއްބަޔަކަށް ކަރުނައާއި ހިތްދަތިކަމެވެ.
''ސޮރީ...'' ޒުވައިލް އިސްޖަހާލިއެވެ.
ޒުވައިލްގެ އުމުރުން އެންމެ 12 އަހަރުގައި ހިތާމަވެރި އެކްސިޑެންޓެއްގައި އޭނައާއި އުމާމާގެ މައިންބަފައިން ވަނީ މިދުނިޔެއާއި ވަކިވެފައެވެ. އޭރު އުމާމާގެ އުމުރުން 18 އަހަރެވެ. މައިންބަފައިންގެ ވަކިވުމުން ޒުވައިލްއަށް ލިބުނު ހިތާމައާއި ހިތްދަތިކަމަށް ލުޔެއް ގެނެސްދިނީ އުމާމާ އެވެ. ޒުވައިލްގެ ހުރިހާ ޒިންމާއަކާއި ހަވާލުވީ ވެސް އުމާމާ އެވެ. ކަލިނަރީ ދާއިރާއިން ޑިގްރީއަށް ކިޔެވުމުގެ ޚިޔާލު ދޫކޮށްލައި އޭނަ އޮފީހަކުން ވަޒީފާއެއް ހޯދައިގެން ދާން ފެށިއެވެ. އޭނަގެ ހުވަފެންތައް މަޑުޖައްސާލީ ޒުވައިލްއަށް އުފާވެރި މުސްތަޤުބަލެއް ކަށަވަރުކޮށްދިނުމަށެވެ. އުނިވެފައިވި މަންމައާއި ބައްޕަގެ ލޯބިދެވޭތޯ ބެލިއެވެ. މަންމައާއި ބައްޕަގެ ފަޅުކަން އިންތިހާއަށް އިހުސާސް ކުރެވުނަސް އުމާމާ ހުރީ ވަރުގަދަ އަޒުމެއްގެ މަތީގައެވެ. ޝަރަފާއި ކައިވެނި ކުރި ހިސާބުން ޝަރަފްގެ ޢާއިލާގެ ފަރާތުން ވެސް އުމާމާއަށް އެއްބާރުލުން ލިބުނެވެ. ޝަރަފްގެ މަންމަ ނުސައިބާ އަމިއްލަ ދަރިންތަކެއް ފަދައިން އުމާމާއާއި ޒުވައިލް ބަލައިގަތެވެ. ބައެއްފަހަރު ޝަރަފަށް ވުރެން ބޮޑަށް ޒުވައިލް ދެކެ ލޯބިވާ ކަހަލައެވެ. ލޭގެ ގުޅުމެއް ނެތަސް ނުސައިބާގެ ހިތުގައި ވަނީ މައިވަންތަކުގެ ލޯތްބެވެ. ލޯތްބާއި އޯތާތެރިކަން ދޭން ކޮންމެހެން ލޭގެ ގުޅުމެއް އޮންނަން ނުޖެހޭނެކަމުގެ ހެއްކެކެވެ.
އުމާމާގެ ހުފަފެންތަކުގައި ހަޤީޤީ ކުލަ ޖައްސާލަ ދިނީ ޝަރަފެވެ. ކަލިނަރީ ދާއިރާއިން ކިޔެވުމަށް ހިތްވަރުދިނެވެ. އޭރު އުމާމާއާއި ޝަރަފްގެ ކައިވެންޏަށް ކުއްޖަކު ލިބިއްޖެއެވެ. އުމާމާ ކޮލެޖަށް ދިއުމުން ދަރިފުޅުގެ ކަންތައް ގޭގެ އެންމެން ބެލެހެއްޓިއެވެ. ރެސްޓޯރެންޓް ހުޅުވުމުގެ ހުރިހާ ޒިންމާތަކެއް ނެގީ ޝަރަފެވެ. އޭރު ޒުވައިލް އުޅުނީ ކޮލެޖްގައެވެ. ވިޔަފާރީގެ ދާއިރާއިން ކިޔަވަމުން ދާތީ އޭނަ ޚިޔާލުތައްދީ ހެދިއެވެ.
ނުސައިބާއަކީ މާލޭގައި ގޯއްޗެއް އޮންނަ މީހެކެވެ. ބައްޕަ ނިޔާވުމުން، ބައްޕަގެ ގޮތިން ލިބުނު ބައިގައި އޭނަ ހުންނަނީ ފަސް ބުރީގެ އިމާރާތެއް އަޅާފައެވެ. މަތީ ފަންގިފިލާ ފިޔަވާ ދެން ހުންނަ ފަންގިފިލާތައް ހުންނަނީ ކުއްޔަށް ދީފައެވެ. އެހެންކަމުން އެއީ ފުދުންތެރި ޢާއިލާ އެކެވެ. އުފާވެރިކަމުގެ ހުނުންތަކުން އަބަދު ގޭތެރެ އޮންނަނީ ގުގުމާލާފައެވެ. މައިންބަފައިންގެ ވަކިވުމުން ލިބުނު ޒަހަމްތަކާއި އުދާސްކަމުން ޒުވައިލްއަށް އަރައިގަންނަން ފަސޭހަވީ އެއުފާވެރި މާހައުލުގެ ސަބަބުންނެވެ. ކޯސް ފުރިހަމަކޮށްފައި ޒުވައިލް ބޭނުންވީ ޢާއިލާގެ މެންބަރުން އޭނައަށް ވެދިން އިހުސާންތެރިކަމުގެ އަގު އަދާކޮށްދޭށެވެ. ނަމަވެސް އެކަމަށް އުމާމާ އެއްބަހެއް ނުވިއެވެ. ކޯހުގެ އެންމެ މަތިން ފާސްވުމުން ޒުވައިލްއަށް އޮތީ ބޭރުގެ ރަނގަޅު ކުންފުންޏަކުން އިންޓާންޝިޕެއްގެ ނަސީބު ލިބިފައެވެ. އުމާމާ ބޭނުންވީ އެފުރުސަތުގެ ބޭނުން ޒުވައިލް ހިފާށެވެ. ޒުވައިލްއަށް ގިނަގުނަ ކާމިޔާބީތައް ލިބުމަށް އެދޭތީއެވެ. އުމާމާގެ ބަލިހާލަތު ގޯސްވުމުގެ ކުރިން ޒުވައިލް އުޅުނީ މެލޭޝިޔާގައެވެ. އޭނަ މަސައްކަތްކުރަމުން ދިޔަ ކުންފުނީގެ އެންމެ މަތީ މަޤާމުގައެވެ. އުމާމާގެ ސިއްހަތު އަޑިއަޅާލުމުން އެހުރިހާކަމެއް ދޫކޮށް އޭނަ އެހުރީ އުމާމާގެ ގާތަށް އައިހެވެ. ތަޤުދީރުގެ ނިޔާއާއި ހަނގުރާމަކުރަން ތައްޔާރަށެވެ.
''ޒުވައިލް...'' ޒުވައިލްގެ އަތުގައި އުމާމާ ބާރަށް ހިފާލިއެވެ.
''ތިއްތަ އެހެން ބުނި އެއްޗެއް ނޫނޭ، އައިމް ޖަސްޓް ޓަޔާޑް...'' މޮޅިވެރިކަމާއެކު އުމާމާ ބުނެލިއެވެ.
''ވަޑް ކޭން އައި ޑޫ؟...'' އުމާމާއަށް ބަލަމުން ޒުވައިލް ސުވާލުކުރިއެވެ. އޭނައަށް ވާނެނަމަ އުމާމާގެ ހުރިހާ ވޭނެއް އުފުލީހެވެ. ކޮންމެ ފަދަ ޤުރުބާނީއެއް ވީހެވެ. އުމާމާ ދެކެ ވާ ލޯބީގެ ހައްޤުޤައެވެ.
''ފޯރ ނައު؟، ތިއްތަގެ ސުވާލަށް ދަވާބުދީބަލަ، އެކަނިމާއެކަނި ހޭން އޮންނާނީ ކަމެއް ވެގެންތާ...'' އުމާމާ ބުނެލިއެވެ.
''ތިއްތަ ކައިރީ ވަރަށް ކުރިން ބުނީމެއްނު އަންހެންކުއްޖެއްގެ ވާހަކަ؟...'' ދުރު ހަނދާނެއް އާލާކޮށްދެމުން ޒުވައިލް ބުނެލިއެވެ.
''ކާކުތަ؟... ޒުވައިލްއަށް ކަމުދާ ކުއްޖަކު ހުރީތަ؟...'' އުމާމާގެ މޫނުން ޝައުޤުވެރިކަން ފާޅުވިއެވެ. މިފަނާވަނިވި ދުނިޔެއަށް ލޯމަރާލުމުގެ ކުރިން އޭނަ ބޭނުންވަނީ ޒުވައިލް އުފަލުގައި އުޅޭ މަންޒަރު ދުށުމުގެ ނަސީބު ލިބޭށެވެ.
''އިޓްސް ކޮމްޕްލިކޭޓެޑް... ކޮލެޖުން ދިމާވި ކުއްޖެއްގެ ވާހަކަ ބުނީމެއްނު...'' ޒުވައިލް ބުނެދިނެވެ.
''އޯހ، ހަނދާން ވެއްޖެ، ކިހިނެއްތަ ޒުވައިލްގެ ފުރަތަމަ ކްރަޝް ހަނދާންނައްތާލެވޭނީ...'' ލުއި ހިނިތުންވުމަކާއެކު އުމާމާ ބުންޏެވެ.
''ނޮޓް އެ ކްރަޝް...'' ދިފާއުގައި ޒުވައިލް ބުނެލިއެވެ. އުމާމާއަށް ހެވިއްޖެއެވެ. ޒަމާންތަކަށްފަހު ހީނލެވުނީ އަދި ކިރިޔާއެވެ.
''ތިހެން ބުނާނީ، ކިހިނެއްވީ އެކުއްޖާ މަތިން ކުއްލިޔަކަށް ހަނދާންވީ؟...'' އުމާމާ ހައިރާންކަމާއެކު ސުވާލުކުރިއެވެ. ހަޔާތުގެ ވާހަކަތައް އޭނައާއި ޒުވައިލް ހިއްސާކުރާތީ އެކުއްޖާގެ ހާއްސަކަން އުމާމާއަށް އެނގެއެވެ. ޒުވައިލް އެއްބަސް ނުވިޔަސްވެހެވެ. ކުއްލިޔަކަށް އެކުއްޖާގެ ވާހަކަ ދައްކަން ފެށުމުން ސުވާލު އުފެދުނެވެ. އެކުއްޖަކާއި ބައްދަލުވުމުގެ ނަސީބެއް އުމާމާއަކަށް ލިބިފައެއް ނުވެއެވެ. ފޮޓޯއެއް ދައްކަން ޒުވައިލް އުޒުރުވެރިވުމުން ދިމާކޮށް ހެދިއެވެ. އނެމް ކުޑަމިނުން ނަމެއް ވެސް ނުބުންޏެވެ. އެއީ ހަމައެކަނި އެދެމެދުގައި އޮތް ސިއްރެކެވެ. ޒުވައިލްގެ ''މިސްޓްރިއަސް ކްރަޝް''ގެ ގޮތުގައެވެ.
''މިއަދު ދިމާވީ، ޝަރަފްބެއާއެކު ރެސްޓޯރެންޓް ބަލައިލަން ދިޔައީމެއްނު؟، އެތަނުން ދިމާވީ...'' ޒުވައިލް ބުންޏެވެ.
''އަސްލުވެސްތަ؟...'' އުމާމާއަށް ޤަބޫލެއް ނުކުރެވުނެވެ. ތަޤުދީރުގެ ރޭވުންތެރިކަން ނިކަން ދެކިބަލާށެވެ. އަހަރުތަކެއް ފަހުން އެވަނީ ޒުވައިލް އިންތިޒާރުކުރަމުން ދިޔަ އަންހެންކުއްޖާއާއި ބައްދަލުވުމުގެ ފުރުސަތު ލިބިގެން ގޮސްފައެވެ.
''ސިމްރާ ދޯ؟...'' އުމާމާ ބުނެލިއެވެ. ރެސްޓޯރެންޓްގެ ކަންތަކުގެ ތެރެއިން އޭނައާއި ސިމްރާ އޮތީ ދެފަހަރަކު ބައްދަލުވެފައެވެ. ފަހަރެއްގައި ވެސް އެއީ ޒުވައިލްއަށް ހާއްސަ އަންހެންކުއްޖާއަށް ވެދާނެކަމަށް އޭނަ ހީ ވެސް ނުކުރެއެވެ. މިހާރު އެކުއްޖާގެ މޫނު ޔަޤީންވުމުން ޒުވައިލްއަށް ކަމުދިޔަ ސަބަބު ނަގައިގަނެވި ދިމާނުކޮށް ނުހުރެވުނެވެ.
''ފައިނަލީ ޝީ ހޭޒް އެ ފޭސް...'' އުމާމާ ބުނެލިއެވެ. ''ކްރަޝް ފެނިފަ ހުއްޓުން އަރާފަ ދޯ ހުރެވުނީ؟...''
''ކްރަޝްއެއް ނޫނޭ...'' ޒުވައިލް އެއްބަހެއް ނުވިއެވެ.
''އިފް ޔޫ ސޭއި ސޯ...'' އުމާމާއަށް މަޖާކަމަކަށް ވިއެވެ.
(ނުނިމޭ)
ލޯބިން ބޭނުމޭ
ކޮމެންޓް