މިހާރުވެސް ފުޓުބޯޅަ އާއިލާގެ ގިނަ ބައެއްގެ ތާއީދު އެބައޮތް ކަމަށާއި، އެއްވެސް އިރެއްގައި އިސްތިއުފާ ދިނުމަށް ނުވިސްނަވާ ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެއެވެ.

މިދިޔަ އަހަރުތަކުގައި އިންފަންޓީނޯއާއި ފީފާއަށް ވަނީ އެކިއެކި ކަންކަމުގައި ޕްރެޝަރު ބޮޑުވެފައެވެ. އެގޮތުން އިޒްރޭލާ ދޭތެރޭ ފިޔަވަޅު އަޅަން ފަސްޖެހުމުގެ އިތުރުން ގައުމުތަކުގެ ސިޔާސީ ކަންކަމުގެ ތެރެއަށް ވަނުންވެސް އެކަމުގެ ސަބަބުތަކުގެ ތެރޭގައި ހިމެނެއެވެ. އިންފަންޓީނޯއާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ގުޅުން މާބޮޑުވެ، ފީފާގެ ސުލްހައިގެ އިނާމު ޓްރަމްޕަށް އެރުވުމުން އެކަމަށްވެސް ވަނީ ނުރުހުން އަމާޒުވެފައެވެ.

އޭގެ އިތުރުން މިފަހަކަށް އައިސް އިންފަންޓީނޯ އިއުލާނުކުރެއްވި ފީފާ ފޯވަޑް އެންޓަޕްރައިސް (އެފްއެފްއީ)ގެ ޕްލޭނާއެކު ގައުމުތަކުން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ. ޔޫއެފާއާއި ކޮންކެކަފްގެ އިތުރުން އޭއެފްސީންވެސް ވަނީ އެކަމުގައި އިންފަންޓީނޯއަށް އިތުބާރު ގެއްލުނު ކަމަށް ބުނެފައެވެ. އެ ސްޓޭންޑްގައި އަދިވެސް ޔޫއެފާއާއި ކޮންކެކަފްއިން ތިބި ނަމަވެސް، އޭޝިއާއިން ވަނީ ދާދިފަހުން އިންފަންޓީނޯއަށް ތާއީދު ކޮށްފައެވެ.

މިހާރު އަޒަރްބައިޖާންގައި ކުރިއަށްދާ ފީފާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕް ފިއެސްޓާގެ ތެރެއިން ބީބީސީ ސްޕޯޓްސްއަށް ދިން އިންޓަވިއުއެއްގައި އިންފަންޓީނޯ ވަނީ ވަރަށް ބޮޑަށް އިތުބާރާއެކު ވާހަކަ ދައްކަވައިފައެވެ.

"ކަންކަމާ ދެބަސްވުން އެއީ މައްސަލައެއް ނޫން. އެއީ އެތައް ގައުމަކުން އެތައް ފަހަރަކު ފެންނަ މަންޒަރެއް. ކަންކަމާ ތަފާތު ހިޔާލު ގެންގުޅުމަކީ އެއްވެސް މައްސަލައެއް ނޫން. އެހެންވިޔަސް އެކުގައި ކުރިއަށްދާން ޖެހޭނެ،" މިހާރު ކެމްޕޭނުގައި ގިނަ ދަތުރުތަކެއް ކުރައްވަމުން ގެންދަވާ އިންފަންޓީނޯ ވިދާޅުވިއެވެ.

އެފްރިކާއާއި އޭޝިއާގެ ތާއީދުވެސް އިންފަންޓީނޯއަށް އޮތް އިރު، އޭނާ ވިދާޅުވީ އޭޝިއާގެ ފުރިހަމަ ތާއީދާއެކު އިތުބާރު އެބައޮތް ކަމަށެވެ. އިންފަންޓީނޯ ދާދިފަހުން ފީފާ ކައުންސިލްގައި މައާފަށް އެދިވަޑައިގެންފައިވާ އިރު، އޭއެފްސީގެ ރައީސް ޝެއިހް ސަލްމާން ބިން އިބްރާހީމް އަލް ހަލީފާ ޔޫ ޓާން ނެންގެވީ އޭގެ ފަހުންނެވެ.

"އަހަރެން މިއައީ ޓޯކިޔޯއިން، އެ ބައްދަލުވުމުގައި މުޅި އޭއެފްސީގެ އެންޑޯސްމަންޓް އަހަންނަށް ލިބިއްޖެ. އަދި ކޭޕް ވާޑުން އަހަންނަށް މުޅި އެފްރިކާގެ ތާއީދު ލިބުނު. އަހަރެން މިދަނީ މުޅި ދުނިޔޭގެ ހުރިހާ އެސޯސިއޭޝަންތަކާ ވާހަކަ ދައްކަމުން،" އިންފަންޓީނޯ ވިދާޅުވިއެވެ.

މިހާރުވެސް ފީފާގެ ރައީސްކަން ކުރައްވަމުން ގެންދަވާ ކުރިއަށް އޮތް ދައުރަށް ބާއްވާ އިންތިހާބުގައިވެސް ވާދަކުރައްވާނެކަން މިހާރު ވަނީ އިއުލާނުކުރައްވައިފައެވެ. ފީފާގެ އުސޫލު ބުނާ ގޮތުން ރައީސަކަށް އެންމެ ގިނަވެގެން މަގާމު އަދާކުރެވޭނީ ތިން ދައުރަށެވެ. އިންފަންޓީނޯ 2016 އިން ފެށިގެން ފީފާގެ ރައީސްކަން ކުރައްވަމުންދާ އިރު، އޭނާ ފުރަތަމަ މަގާމާ ހަވާލުވެވަޑައިގަތީ އޭރުގެ ރައީސް ސެޕް ބްލެޓާ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އެއީ ދައުރުގެ މެދުތެރެއިންނެވެ. އެހެންކަމުން މިއީ އިންފަންޓީނޯ އާންމު އުސޫލުގެ ދަށުން އިންތިހާބު ވެގެން ފީފާގެ ރައީސްކަން ކުރައްވާ ދެވަނަ ދައުރެވެ. ކުރިން ފަހަރު އިންފަންޓީނޯ މަގާމާ ހަވާލުވެލެއްވީ ދައުރުން ބޭރު ބޭއްވި ހާއްސަ ޖަލްސާއެއްގެ އަގުލަބިއްޔަތުންނެވެ.