މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މި އަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދަން ހަމަޖައްސައިފިއެވެ.

އެމްއެންޑީއެފުން މިއަދު ބުނި ގޮތުގައި މި ހަރަކާތްތައް ފަށަން ހަމަޖައްސާފައިވަނީ ނޮވެންބަރު 3 ވާ އަންގާރަ ދުވަހު، އިސްލާމީ މަރުކަޒުގައި ސިފައިން ބައިވެރިވެގެން ބޮޑު ޖަމާއަތުގައި ކުރާ ފަތިސް ނަމާދުންނެވެ.

ފަތިސް ނަމާދަށް ފަހު، އެ ދުވަހުގެ ހެނދުނު 6:00 ގައި ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި ގާޑް މައުންޓް ކުރުމުގެ ރަސްމިއްޔާތު އޮންނާނެއެވެ. އަދި އެ ދުވަހުގެ ހަވީރު 4:15 ގައި ޖުމްހޫރީ މައިދާނުގައި ސިފައިންގެ އަސްކަރީ ހުށަހެޅުމެއް އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދަން ވަނީ ހަމަޖައްސައިފައެވެ. މީގެ އިތުރުން، ނޮވެންބަރު 3 ވަނަ ދުވަހުގެ ރޭ ބާއްވާ ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި، ސިފައިންގެ ގައުމީ ލަވަ އަލްބަމް ނެރުމަށް ވެސް އެމްއެންޑީއެފުން ވަނީ ހަމަޖައްސައިފައެވެ.

މާލޭގައި ބާއްވާ ހަރަކާތްތަކުގެ އިތުރުން، އެމްއެންޑީއެފްގެ ހުރިހާ އޭރިއާ ކޮމާންޑުތަކެއްގައި ވެސް ސިފައިން ބައިވެރިވެގެން ޖަމާއަތުގައި ފަތިސް ނަމާދުކުރާނެއެވެ. އަދި އެ ކޮމާންޑުތަކުގައި ނަސްރުގެ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތާއި ނަސްރުގެ ދުވަހުގެ ދުވުން ކުރިއަށްގެންދާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ހަމައެއާއެކު، ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ސިފައިންގެ ފޮޓޯ މައުރަޒާއި، އަސްކަރީ ހުށަހެޅުމާއި، ކުޑަކުދިންގެ ހަވީރު ހއ. ދިއްދޫ އަދި ހއ. ބާރަށުގައި ބާއްވަން ވަނީ ހަމަޖައްސައިފައެވެ. ހއ. ދިއްދޫއަކީ 3 ނޮވެންބަރު 1988 ގެ އުދުވާނީ ހަމަލާގައި ޝަހީދުވި އެ ރަށު ޗާންދަނީއާގެ، ޝަހީދު އަލްމަރްހޫމް އުމަރު އަހްމަދު ނިސްބަތްވާ ރަށެވެ. އަދި ހއ. ބާރަށަކީ އެ ހަމަލާގައި ޝަހީދުވި އެ ރަށު ސޯސަން، ޝަހީދު އަލްމަރްހޫމް އިބްރާހީމް ހުސައިން ނިސްބަތްވާ ރަށެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި، ދިއްދޫގައި މި ހަރަކާތްތައް އޮންނާނީ ނޮވެންބަރު 13 އަދި 14 ވަނަ ދުވަހުއެވެ. އަދި ބާރަށުގައި މި ހަރަކާތްތައް ކުރިއަށްގެންދަން ހަމަޖައްސާފައިވަނީ ނޮވެންބަރު 20 އަދި 21 ވަނަ ދުވަހުއެވެ.