ރައީސް ޑރ. މުހައްމަދު މުއިއްޒު، ދިވެހިންގެ އީޖާދީ ފަންނުވެރިކަމާއި އުފެއްދުންތެރިކަން ހިމެނޭހެން، ރާއްޖޭގެ ތާރީހުގައި ބާއްވާ އެންމެ ބޮޑު މައުރަޒު "މޯލްޑިވްސް އެކްސްޕޯ 2026" އިފްތިތާހުކޮށްދެއްވައިފިއެވެ.
ރައީސް އޮފީހުން މިރޭ ބުނީ ރައީސް "މޯލްޑިވްސް އެކްސްޕޯ 2026" އިފްތިތާހުކޮށްދެއްވީ އެކަމަށް ހާއްސަކޮށްގެން، ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ކަމަށެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމުގައި ރައީސްގެ އަރިހުގައި އެ މަނިކުފާނުގެ އަނބިކަނބަލުން، ސާޖިދާ މުހައްމަދުވެސް ބައިވެރިވެވަޑައިގެންނެވިކަމަށް ރައީސް އޮފީހުން ބުންޏެވެ.
"މޯލްޑިވްސް އެކްސްޕޯ 2026" އިފްތިތާހުކޮށްދެއްވުމަށްފަހު ރައީސްގެ ދެކަނބަލުން ވަނީ މައުރަޒުގެ ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި، ބައިވެރިންނާ ބައްދަލުކުރައްވާފައިކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސްގެ ދެކަނބަލުންގެ އަރިހުގައި، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި، ވަޒީރުންނާއި އެކިއެކި މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ މިއަހަރު އެކްސްޕޯގައި އަލަށް ގާއިމުކޮށްފައިވާ ވިޒިޓާ އިކޮނޮމީ ޑިސްޓްރިކްޓަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހުޅުވިފައިވާ ފަހި ފުރުސަތެއް ކަމަށެވެ. މިއަހަރު އަލަށް ގާއިމުކުރި އިންޓަނޭޝަނަލް ޑިސްޓްރިކްޓުގައި މިވަގުތު ރާއްޖެއިން މިނިވަން ވިޔަފާރީގެ އަދި ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓް ގާއިމުކޮށްފައިވާ އަދި ގާއިމުކުރުމަށް މަސައްކަތް ކުރަމުންދާ ގައުމުތަކުގެ ޓެކްނިކަލް އުފެއްދުންތައް ދައްކާލުމަށް ވަނީ ހަމަޖެހިފައިކަމަށް ރައީސް އޮފީހުން ބުންޏެވެ.
"މޯލްޑިވްސް އެކްސްޕޯ 2026" ކުރިއަށްގެންދާނީ މިރެއިން ފެށިގެން އަންނަ މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށެވެ.
ރައީސް އޮފީހުން ބުނީ ރައީސްގެ ދެކަނބަލުން، "މޯލްޑިވްސް އެކްސްޕޯ 2026"ގެ ސްޓޯލްތައް ބައްލަވާލައްވައި ބައިވެރިންނާ ބައްދަލުކޮށްލެއްވުމަށް، މާދަމާ އަދި އަންގާރަ ދުވަހުގެ ރޭވެސް އެކްސްޕޯއަށް ވަޑައިގަންނަވާނެ ކަމަށެވެ.
ރައީސް އޮފީސް
ރައީސް އޮފީސް
ރައީސް އޮފީސް
ރައީސް އޮފީސް
ކޮމެންޓް