ށ. ފުނަދޫގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުގެ މޭޖާ ކްރައިމް އިންވެސްޓިގޭޝަންގެ ހާއްސަ ޓީމެއް މާދަމާ ހެނދުނު އެ ރަށަށް ފޮނުވުމަށް ހަމަޖައްސައިފިއެވެ.

ފުލުހުން މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ބުނި ގޮތުގައި، މި ޓީމު އެ ރަށަށް ދިއުމަށް ހަމަޖެހިފައިވަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށާއި، ސީން ޕްރޮސެސްކޮށް ތަހުގީގުގައި އެހީތެރިވުމަށެވެ.

މިއަދު ހެނދުނު މި ހާދިސާ ހިނގާފައިވަނީ ފުނަދޫ ޕެޓްރޯލް ޝެޑުގައި ރޯވެގެންނެވެ. ފުލުހުން ބުނި ގޮތުގައި، ޕެޓްރޯލް ޝެޑުގައި ރޯވި އަލިފާންގަނޑު ފެތުރި، އެ ސަރަހައްދުގައި ހުރި ސައިކަލާއި އިންޖީނު މަރާމާތުކުރާ ގަރާޖަކަށާއި ގުދަނަކަށް ވަނީ އަލިފާނުގެ އަސަރުކޮށްފައެވެ. މީގެ އިތުރުން، ވެހިކަލް ޕާކުކުރާ ކުޑަ ގަރާޖަކަށާއި މީހުން ދިރިއުޅެމުންދިޔަ ގެއަކަށް ވެސް އަލިފާން ފެތުރި، އެ ތަންތަން ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައިފައެވެ. މި ހާދިސާ ހިނގި ސަރަހައްދު މިހާރު ވަނީ ކޯޑަންކޮށް ބަންދުކޮށްފައެވެ.

މި އަލިފާނުގެ ހާދިސާއާ ގުޅިގެން ޖުމްލަ 18 މީހަކަށް އަނިޔާވެގެންނާއި ސިއްހީ ފަރުވާ ބޭނުންވެގެން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭގެ ތެރޭގައި ދުމުގެ އަސަރުކުރުމުގެ ސަބަބުން ފަރުވާދިން ފަޔާފައިޓަރަކާއި ހޮސްޕިޓަލުގެ މުވައްޒަފެއް ހިމެނެއެވެ. އަދި އަނެއް 16 މީހުންނަކީ ހާދިސާގެ ތެރެއިން އެއްޗެއް ގޮވުމާ ގުޅިގެން ރައްކާތެރިކަން ހޯދުމަށް މަސައްކަތްކުރުމުގެ ތެރޭގައި އެކި ވަރުގެ އަނިޔާ ލިބުނު މީހުންނާއި، ކަންބޮޑުވެ ހާސްވުމުގެ ސަބަބުން ސިއްހީ ފަރުވާ ބޭނުންވި މީހުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

އަމިއްލަ ފަރާތަކުން ފުނަދޫގައި ހިންގާ "ފަތްމިނި" ޕެޓްރޯލް ޝެޑްގައި ރޯވި އަލިފާން ކޮންޓްރޯލް ކުރެވިފައިވަނީ 11:00 ހާއިރެވެ. މި ހާދިސާގައި އަށް މީހަކު ފިހުނު އިރު، މިހާރު ފަރުވާދެމުން އަންނަނީ ދެ މީހަކަށް ކަމަށް ށ. އަތޮޅު ހޮސްޕިޓަލުން މައުލޫމާތުދެއެވެ.

މި އަލިފާނުގެ ހާދިސާގައި އެއް ގެ އަނދައި ވަރަށް ބޮޑެތި ގެއްލުންތަކެއް ވެފައިވެއެވެ. މީގެ އިތުރުން، އެ ގެއާ ކައިރީގައި ހުރި އިތުރު ތިން ގެއަކަށް ވެސް އަލިފާނުގެ ސަބަބުން އެކި ވަރުގެ ގެއްލުންތައް ވަނީ ވެފައެވެ.

މި ހާދިސާއާ ގުޅިގެން އެއް ގެއެއްގައި ދިރިއުޅޭ 11 މީހުންނަށް ފަސް ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމު، ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (އެންޑީއެމްއޭ) އިން ވަނީ ހަމަޖައްސައިދީފައެވެ.