ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު އަޒަރުބައިޖާންއަށް ރޭ ފުރާވަޑައިގެންފިއެވެ.

މިނިސްޓަރު އަޒަރުބައިޖާނަށް ވަޑައިގެންނެވީ މާދަމާއިން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް އަޒަރުބައިޖާންގެ ވެރިރަށް ބާކޫގައި ބާއްވާ އިންޓަކަލްޗަރަލް ޑައިލޮގްގެ ހަތް ވަނަ ވޯލްޑް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށެވެ.

ތަރިކައާ ބެހޭ މިނިސްޓްރީން މިއަދު ބުނީ އިންޓަކަލްޗަރަލް ޑައިލޮގްގެ ހަތް ވަނަ ވޯލްޑް ފޯރަމްގައި، މިނިސްޓަރު ހީނާ ވާހަކަދައްކަވާނެ ކަމަށެވެ. މިނިސްޓަރު ވާހަކަ ދެއްކެވުމަށް ހަމަޖެހިފައިވަނީ "ޑައިލޮގް ފޯ އަ ޝެއާޑް ފިއުޗާ: ބިލްޑިން ބްރިޖަސް އިން އަ ފްރެކްޗަރޑް ވޯލްޑް" މި ޝިއާރުގެ ދަށުން ކުރިއަށްދާ ފޯރަމްގެ ފުރަތަމަ ދުވަހެވެ.

"މިއީ ދޭދޭ ސަގާފަތްތަކުގެ މެދުގައި އޮންނަ މަޝްވަރާ އާއި އެކަކު އަނެކަކަށް ކުރާ އިހުތިރާމާއި ބައިނަލްއަގުވާމީ ފެންވަރުގައި އަމަލީ ގޮތުން ގުޅިގެން މަސައްކަތް ކުރުން ކުރިއެރުވުމަށްޓަކައި އެކި ގައުމުތަކުގެ ވަޒީރުންނާއި ސަގާފީ ދާއިރާގެ މާހިރުންނާއި އިލްމީ ބޭފުޅުންނާއި ދީނީ އިލްމުވެރިން އަދި ޒުވާނުންގެ މަންދޫބުން ބައިވެރިވާ މުހިންމު ބައްދަލުވުމެއް،" މިނިސްޓްރީން ބުންޏެވެ.

މި ފޯރަމްގެ ހަވާސާގައި ބާއްވާ ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ ހައި-ލެވެލް ތިން ވަނަ ބައްދަލުވުމާއި "ބާކޫ ޕްރޮސެސް" ގެ ހަ ވަނަ މިނިސްޓީރިއަލް ބައްދަލުވުމުގެ ހާއްސަ ޖޮއިންޓް ސެޝަންގައި ވެސް މިނިސްޓަރު ވާހަކަދައްކަވާނެ ކަމަށް މިނިސްޓްރީން ބުނެއެވެ. މި ސެޝަންގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލައްވާނީ، މި ޒަމާނުގައި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ބޭނުން ހިފައިގެން ސަގާފީ މަޝްވަރާތައް ކުރިއެރުވުމަށް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކަށް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

"ބާކޫ ޕްރޮސެސް" ގެ ތެރެއިން ކުރިއަށްދާ މި ފޯރަމަކީ ސަގާފީ ތަފާތުކުރުންތަކާއި އިޖުތިމާއީ ގޮތުން އެކަހެރިވުމާއި އާ ފަންނިއްޔާތުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް އަމަލީ މަސައްކަތްތަކެއް ކުރުމުގެ އަމާޒުގައި ކުރިއަށްދާ ފޯރަމެކެވެ. މި ފޯރަމްގައި ދާއިރާއާ ގުޅުންހުރި ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ބައިވެރިވެއެވެ.

މި ފޯރަމްގައި ރާއްޖެއިން ބައިވެރިވުމަކީ، ރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރި ކުރުމަށާއި ބަހާއި ޑިޖިޓަލް ދާއިރާއިން ގައުމީ ފެންވަރުގައި އިސްކަންދޭ ކަންކަން ބައިނަލްއަގުވާމީ ޕްލެޓްފޯމެއްގައި ހާމަކޮށް، ދުނިޔޭގެ އެކި ގައުމުތަކާއި ޖަމިއްޔާތަކާ އެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބިގެންދާ މުހިންމު ފުރުސަތެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.