ރާއްޖޭގައި ވިޔަފާރިކުރާ ދާއިމީ ތަނެއް ނެތް ފަރާތްތަކުން ފޯރުވައިދޭ އިންބައުންޑް ޓުއަރިޒަމް ޕްރޮޑަކްޓާއި އެ ޕްރޮޑަކްޓްތައް ފޯރުވައިދޭ ހިދުމަތްތަކުން ނަގަމުން އައި ޓެކްސް ނެގުން ހުއްޓާލަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލުގެ ބަހުސް މިއަދު ފަށައިފިއެެވެ.

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނެސް އެ ފަރާތްކުން ޓެކްސް ނަގަން ފެށީ މި މަހުގެ އެކަކުން ފެށިގެންނެވެ.

ސަރުކާރުގެ ފަރާތުް ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހީމް ދީދީ މިއަދު ބިލް ހުށަހެޅުއްވީ ހަމަ އެ ގާނޫނަށް އިސްލާހު ގެނެސް އެ ޓެކްސް ކަނޑާލުމަށެވެ. ޖީއެސްޓީ ދައްކަމުން ނުދާ ފަރާތްތަކާ މެދު މީރާއަށް އެޅޭނެ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުމަކީ ވެސް މި ބިލުގެ މަގްސަދެއް ކަމަށް ބަޔާންކޮށްފައިވެއެވެ.

އެއްވެސް ފަރާތަކުން ޓެކުހާ ގުޅޭ މަންފާއެއް ލިބިފައިވުން ނުވަތަ އެ ފަރާތަކުން ކޮށްފައިވާ މުއާމަލާތުގެ ސަބްސްޓެންސަށް ބަލާއިރު އެކަން ކުރީ ޓެކުހުގެ މަންފާއެއް ހޯދަން މަގުފަހި ކުރުމަށް ކަމަށް ބެލެވޭ ހާލަތުގައި އެއީ ޓެކްސް ދެއްކުމުން އެއްކިބާވުމުގެ މުއާމަލާތެއް ކަމަށް ބެލެވޭނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.

ޖީއެސްޓީ ދެއްކުމުން އެއް ފަރާތްވާން އެއްވެސް ފަރާތަކުން އަމަލުކޮށްފިނަމަ އެ މުއާމަލާތަކީ ޓެކުހުގެ ބޭނުމަށް ބަލައިގަނެވިދާނެ މުއާމަލާތެއް ނޫން ކަމަށް ކަނޑައެޅުމުގެ އިހުތިޔާރު ކޮމިޝަނާ ޖެނެރަލަށް ވަނީ ލިބިދީފައެވެ.

ބިލުގައި ޓެކުހާ ގުޅޭ މަންފާގެ ގޮތުގައި ބަލާނެ ހާލަތްތަކަކީ ކޮބައިކަން ތަފްސީލުކޮށް ދީފައިވެއެވެ. އޭގެ ތެރޭގައި ޖީއެސްޓީގެ ގޮތުގައި ދައްކަން ޖެހޭ އަދަދު ކުޑަވުމާއި ޖީއެސްޓީ ދައްކަން ޖެހޭ ތާރީހު ލަސްވުން ފަދަ ކަންކަން ހިމެނެއެވެ.

ބިލުގައި ބުނެފައިވާ ގޮތުގައި އެ ގާނޫނަށް އަމަލުކުރަން ފަށާނީ، ބިލު ފާސްވެ، ތަސްދީގުކޮށް، ގެޒެޓް ކުރާ ހިސާބުންނެވެ.

ބިލުގައި ހިމަނާފައިވާ އަންދާޒާތަކަށް ބަލާއިރު، ބިލު ތަންފީޒުކުރުމާ އެކު އިންބައުންޑް ޓުއަރިޒަމްއިން ކުރިން ލިބޭނެ ކަމަށް ލަފާކުރި އާމްދަނީ ދަޢުލަތަށް ނުލިބޭނެކަން ފާހަގަކޮށްފައިވެއެވެ. ކުރިން އަންދާޒާކޮށްފައިވާ ގޮތުން، އޮފް ޝޯ ބުކިން ޕްލެޓްފޯމާއި ފޮރިން ޓުއާ އޮޕަރޭޓަރުންގެ އަތުން ނަގާ ޖީއެސްޓީއާ އެކު 1608.5 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބޭނެކަމަށް ބެލެވުނެވެ.