ޖަރުމަނު ލީގުގެ އެއްވަނައިގައި އޮތް ބަޔާން މިއުނިކުން ފްރައިބާގް ބަލިކުރި މެޗުގައި ކޯޗު ވިންސެންޓް ކޮމްޕެނީއަށް އޮތް ލޯބި ދައްކާލައިފިއެވެ.

ބަޔާނުން ފްރައިބާގް ކައިރިން ރޭ މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ. އެމެޗަށް ބަޔާން ނުކުތީ ކޯޗު ވިންސެންޓް ކޮމްޕެނީއާ ނުލައެވެ. ކޮމްޕެނީ މިދިޔަ ހުކުރު ދުވަހު ބަޔާންގެ ރިޒާވް ޓީމުގެ ތަމްރީނުތަކުގައި ހުއްޓާ ކުއްލިއަކަށް ހާލު ދެރަވެގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ޖެހިފައިވެއެވެ. އޭނާއަށް ދިމާވި މައްސަލަ ބަޔާނުން ހާމަ ނުކުރި ނަމަވެސް، މިހާރު ހާލު ސްޓޭބަލް ކަމަށް ބުނެފައިވެއެވެ.

ބަޔާނުން 16 ވަނަ މިނެޓުގައި ލީޑު ނެގީ ޑަޔޮޓް އުޕަމެކާނޯއެވެ. މައިކަލް އޮލީސޭ ދުއްވާލި ބޯޅައިގައި އުޕަމެކާނޯ ލީޑު ނެގި އިރު، ދަނޑުގެ އެކި ހިސާބުތަކުން ކޮމްޕެނީއަށް ހާއްސަ ބެނާތައް ފެނިގެން ގޮސްފައިވެއެވެ.

ބަޔާނުން ވަނީ ހާފު ނިމުމުގެ ކުރިން އިތުރު ގޯލެއްވެސް ޖަހައިފައެވެ. އެ ގޯލް ޖަހައިދިނީ ސާގް ނަބެރީއެވެ. އެއީ ނަތަނިއެލް ބްރައުންގެ ރަނގަޅު މަސައްކަތަކާއެކު ތަނަވަސްކުރި ފުރުސަތެކެވެ.

ދެވަނަ ހާފު ނިމެން ދަނިކޮށް ފްރައިބާގްގެ ގޯލެއް ފެނިގެން ދިޔައެވެ. އެއީ ބަޔާންގެ ޓޮމް ބިސްޗޮފް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އެ ގޯލާއެކު ބަޔާނުން ހާސްކަމަށް ދިޔުމުގެ ކުރިން، އޮލީސޭ އެންމެ ފަހުމިނެޓުގައި ޖަހައިދިން ގޯލާއެކު ބަޔާން މޮޅު ޔަގީންކުރިއެވެ.

ބަޔާނުން ހަތް މެޗުން 17 ޕޮއިންޓާއެކު އެއްވަނައިގައި އޮތް އިރު، އެޓީމު ފުލުގައި ޑޯޓްމުންޑް އޮތީ ވިއްދާފައެވެ. އެއީ ހަތް މެޗުން ހަމަ އެ އަދަދަށް ޕޮއިންޓް ހޯދައިގެންނެވެ. ދެޓީމުގެ ފަރަގަކީ ފައިދާ ގޯލްގެ ފަރަގެވެ. ފްރައިބާގް ތިންވަނައިގައި އޮތީ ހަތް މެޗުން 13 ޕޮއިންޓާއެކުގައެވެ.