ރާއްޖެއަށް ވަގަށް ވަނުމުން ކަސްޓަމްސް އިން ހިފަހައްޓާފައިވާ ދެ ބޯޓެއް ނަގިލި ކަނޑައިގެން އޮޔާ ގޮސް މާލޭގެ ފަރަށް އުރުމާ ގުޅިގެން ސިނަމާލެ ބުރިޖުގައި ޖެހުނު މައްސަލައިގައި، ކަމާބެހޭ ތަންފީޒީ އިދާރާތަކުގެ ވެރިން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ހުށަހަޅައިފިއެވެ.

ދޫނިދު އާއި މާލެއާ ދެމެދު އަޅާފައި އޮތް އެ ދެ ބޯޓު، މިދިޔަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ރޭ އޮޔާ ދިޔައީ ބާރުގަދަ ކޮޅިގަނޑެއްގައި ނަގިލި ކަނޑައިގެން ދިއުމުގެ ސަބަބުން ކަމަށް އޭރު އެމްއެންޑީއެފުން ބުނެފައިވެއެވެ.

އެ މައްސަަލައާއި އެހެން ބައެއް މައްސަަލަތަކާ ގުޅޭ ގޮތުން ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)އަށް ފުލުހުންނާއި ސިފައިން ހާޒިރުކުރަން ހުށަހެޅުއްވީ އިދިކޮޅު އެމްޑީޕީގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާ އެވެ.

ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ގަފޫރުގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ މާފަންނު އުތުރު ދާއިރާގެ އެމްއެންޕީގެ މެންބަރު މުހައްމަދު ނާޒިމާއި މަހިބަދޫ ދާއިރާގެ ޕީއެންސީ މެންބަރު އަހުމަތު ތޯރިގު (ޓޮމް) އެވެ.

ކޮމިޓީ ބައްދަލުވުން ވަކި ހިސާބަކުން ސިއްރު ކުރުމުން ގަފޫރުގެ ހުށަހެޅުއްވުމާ މެދު ކޮމިޓީން ނިންމި ގޮތެއް ސާފެއް ނުވިއެވެ.