އާންމު ރައްޔިތުންނަށް ނުލިބޭ އަގުބޮޑު ހެލްތު އިންޝުއަރެންސް ޕެކޭޖެއް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ދައުލަތުން ދޭތީ އެ ހިދުމަތް ކަނޑާލަން ގޮވާލައި ހުށަހެޅި ޕެޓިޝަނާ ގުޅިގެން، މުޅި ރާއްޖޭގައި ދެމެހެއްޓެނިވި ގޮތަކަށް ހެލްތު އިންޝުއަރެންސް ދޭނެ ގޮތްތަކެއް ބަލަން ދިރާސާއެއް ކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ނިންމައިފިއެވެ.

"ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ދޭ އަގުބޮޑު ހެލްތު އިންޝުއަރެންސް ކަނޑާލަން" ގޮވާލައި 7،000 އަށްވުރެ ގިނަ މީހުން ސޮއިކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަނަށް މަޖިލީހުގެ ތަޅުމުގައި ބަހުސްކުރުމަށް ފަހު އެ ޕެޓިޝަން ދިރާސާކުރަން ފޮނުވީ މާލިއްޔަތު ކޮމިޓީއަށެވެ.

ޕެޓިޝަން ދިރާސާ ކުރުމަށް މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި، ދެމެހެއްޓެނިވި ގޮތަކަށް އެންމެންނަށް ހެލްތު އިންޝުއަރެންސްގެ ހިދުމަތް ދެވޭނެ ގޮތެއް ދިރާސާކުރަން ހުށަހެޅުއްވީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގެވެ. ތާއީދުކުރެއްވީ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދެވެ. އެ ހުށަހެޅުން ފާސްކުރީ ކޮމިޓީގެ ބައްދަލުވުމުގައި އެ ވަގުތު ތިއްބެވި މެންބަރުންގެ އިއްތިފާގުންނެވެ.

އަޒާން ވިދާޅުވީ މެންބަރުންނަށް އިންޝުއަރެންސް ލިބެނީ ވަކި ގާނޫނެއްގެ ދަށުން ކަމަށާއި ދައުލަތުގެ އެހެން ގިނަ މުއައްސަސާތަކެއްގެ މުވައްޒަފުންނަށް ވެސް އާސަންދައިގެ އިތުރުން ހެލްތު އިންޝުއަރެންސް ލިބޭ ކަމަށެވެ. އޭގެ ތެރޭގައި ވަޒީރުންގެ މަޖިލީހާއި ކޯޓުތަކުގެ މުވައްޒަފުން ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އާންމު ރައްޔިތުންނަށް ލިބެނީ އާސަންދަ ކަމަށާއި އާސަންދައިގެ ބޭރުުން ހަމަ ދައުލަތުން ހަރަދުކޮށްގެން، އެ ހުރިހާ މުއައްސަސާތަކަށް އިންޝުއަރެންސް ލިބޭކަން އޭނާ ފާހަގަކުރެއްވިއެވެ.

އަޒާން ވިދާޅުވީ މެންބަރުންގެ ހެލްތު އިންޝުއަރެންސަކީ ކަނޑައެޅޭ ނިޒާމެއްގެ ތެރެއިން ވަކި ފްރޭމެއްގެ ތެރެއިން ދެމުންގެންދާ އެއްޗެއް ކަމަށާއި، އެކަން އެގޮތަށް އޮންނަ އިރު ހަމައެކަނި މަޖިލިސް މެންބަރުންގެ އިންޝުއަރެންސް ކަނޑާލުމަށް ވުރެ، ދެމެހެއްޓެނިވި ގޮތަކަށް ކަންކަންކުރުން މާ ރަނގަޅުވާނެ ކަމަށެވެ.

މެންބަރުންގެ ހެލްތު އިންޝުއަރެންސް ކަނޑާލަން ރައްޔިތުންތަކެއް ހުށަހަޅާނީ ކަންބޮޑުވުން އޮތުމުން ކަމަށާއި އެކަން ބަލައިގަންނަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނަމަވެސް އޭނާ ވިދާޅުވީ، އެފަދަ ބަދަލެއް ގެންނަން ޖެހޭނީ ދައުލަތުން ހެލްތު އިންޝުއަރެންސްގެ ހިދުމަތް ލިބޭ އެންމެން ހިމެނޭ ގޮތަށް ކަމަށެވެ.

އެހެންކަމުން އޭނާ ހުށަހެޅުއްވީ ކަމާ ބެހޭ ހުރިހާ އިދާރާއެއްގެ މަޝްވަރާ ހޯދައި ސަރުކާރުގެ ވިސްނުން ވެސް ބަލައިގެން އެންމެ ހަރަދުކުޑަވާނެ ގޮތަކަށް ހެލްތު އިންޝުއަރެންސްގެ ކަންތައް ބަދަލުކުރުމަށެވެ.

އަޒާންގެ ހުށަހެޅުއްވުމަށް ތާއީދުކުރައްވަމުން ޑރ. ޝަމްހީދު ހުށަހެޅުއްވީ މާލިއްޔަތު ކޮމިޓީން ކުޑަ ކޮމިޓީއެއް ނަގައިގެން މުޅި މައްސަަލަ ދިރާސާކުރާށެވެ.

މެންބަރުންނަށް ދޭ ފަދަ ހެލްތު އިންޝުއަރެންސް ޕެކޭޖެއް ހުރިހާ ރައްޔިތުންނަށް ދޭން މި ޕެޓިޝަންގެ ބަހުސްގައި މަޖިލިސް ތަޅުމުގައި ބައެއް މެންބަރުން ގޮވާލެއްވިކަން ފާހަގަކުރައްވަައި އޭނާ ވިދާޅުވީ އޭރުން ހަރަދުކުޑަވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.