ފީފާއިން ޔޫތު ފުޓުބޯޅަ ކުރިއެރުވުމަށް ކުރާ މަސައްކަތް އިތުރުކުރުމުގެ ގޮތުން ބާއްވަމުންދާ 15 އަހަރުން ދަށު ވޯލްޑް ކަޕް އެންޑް ފެސްޓިވަލް 2026ގެ ރާއްޖޭން މިއަދު އަންގުއިލާއާ ދެކޮޅަށް ކުޅުނު މެޗު 3-3 ގެ ނަތީޖާއަކުން އެއްވަރު ކޮށްފިއެވެ.

ފީފާއިން ކޮންމެ އަހަރަކުވެސް ބާއްވަން ނިންމާފައިވާ 15 އަހަރުން ދަށުގެ ފެސްޓިވަލް މިފަހަރު އަމާޒުކޮށްފައި ވަނީ ފިރިހެން ކުދިންނަށެވެ. ފީފާއިން ބުނީ އަންނަ އަހަރު އަންހެން ކުދިންނަށް ހާއްސަކޮށް ވޯލްޑް ކަޕް ނޫނީ ފެސްޓިވަލް ބާއްވަން ނިންމާފައިވާ ކަމަށެވެ. މިއަހަރުގެ މުބާރާތް މިމަހު 22 އިން 31 އަށް އަޒަރުބައިޖާންގައި ކުރިއަށްދާ އިރު، މިހާތަނަށް ރާއްޖޭން ވަނީ ގްރޫޕް ސްޓޭޖުގެ ހަތަރު މެޗެއްގައި ކުޅެފައެވެ.

ފުރަތަމަ މެޗުގައި ދެކުނު އެފްރިކާ ކައިރިން 8-0 އިން ބަލިވި ނަމަވެސް، ދެން ފްރާންސާ ދެކޮޅަށް ކުޅުނު މެޗުގައި ފަރަގު ކުޑަކޮށްފައިވެއެވެ. އެ މެޗުން ރާއްޖެ ބަލިވީ 6-0 ގެ ނަތީޖާއަކުންނެވެ. އަދި އޭގެފަހުން ކޮސޯވޯ ކައިރިން ރާއްޖެ 3-0 އިން ބަލިވި ނަމަވެސް، މިއަދު ވަނީ އަންގުއިލާ ކައިރިން އެއްވަރު ކޮށްފައެވެ.

އެމެޗުގައި އަންގުއިލާއިން ޕޮގްސަން ސްޕޯންޑެލްއާއި ފްލެނިން ޖެކޮބްގެ ގޯލްތަކުން 3-0 ގެ ލީޑެއް ނެގިއެވެ. ފްލެނިން މެޗުގައި ދެ ގޯލް ޖެހިއެވެ. އެ ތިން ގޯލާއެކު އަންގުއިލާއިން ލީޑު ކުރި ނަމަވެސް، ރާއްޖޭން ފަހަތުން އަރައި އެއްވަރުކުރީ މީކާ ކަލީމް، އިބްރާހީމް ޔޫސުފް އަދި ހަސަން އިބްރާހީމް ޖެހި ގޯލްތަކުންނެވެ.

ރާއްޖެއަށް ދެން ބާކީ އޮތީ އެސްޓޯނިއާއާ ދެކޮޅަށް ކުޅޭ މެޗެވެ.

ފީފާގެ 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ސަރަހައްދީ ގައުމުތަކުގެ ނަތީޖާތަކަށް ބަލާއިރު ނޭޕާލުން ވަނީ ހަތަރު މެޗުން އެއް މެޗު ކާމިޔާބުކޮށްފައެވެ. އެއީ އެލް ސަލްވަޑޯއާ ދެކޮޅަށް ކުޅުނު މެޗެވެ. ބަންގްލަދޭޝްއިން ތިން މެޗުގެ ތެރެއިން ދެމެޗު އެއްވަރުކުރި އިރު، އިންޑިއާ ދަނީ ފޯމު ދައްކަމުންނެވެ. އެޓީމުން ގްރޫޕް ކޭގެ އެއްވަނައިގައި އޮތީ ހަތަރު މެޗުން ތިން މެޗު ކާމިޔާބު ކޮށްގެންނެވެ. ބޫޓާނަށް ގްރޫޕް ކިއުގައި ހަތަރު ބައްޔާ ކުރިމަތިލާން ޖެހިފައިވާ އިރު، ޕާކިސްތާނަށް ފަސް މެޗުން ދެ މެޗު އެއްވަރުކުރެވިފައިވެއެވެ.