ގަތުލުއާންމަކީ ޖިނާއީ ކުށަކަށް ހަދަން ސަރުކާރުގެ ފަރާތުން ގާނޫނުލްއުގޫބާތަށް އިސްލާހު ހުށަހެޅީ، 42 އަހަރު ކުރިން ބައިވެރިވި މުއާހަދާއަކުން އެކަން ލާޒިމުކުރާތީކަމަށް އެޓާނީ ޖެނެރަލް އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) އެ އިސްލާހު ހުށަހެޅުއްވި މަގްސަދަކީ ރާއްޖެއިން ބައިވެރިވެފައިވާ ގަތުލުއާންމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާބެހޭ ބައިނަލްއަގުވާމީ މުއާހަދާއާ އެއްގޮތްވާ ގޮތުގެމަތިން ގަތުލުއާންމު ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމެވެ.
އުޝާމް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގަތުލުއާންމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާބެހޭ ބައިނަލްއަގުވާމީ މުއާހަދާ ނުވަތަ ޖެނޮސައިޑް ކޮންވެންޝަންގައި ރާއްޖެއިން ބައިވެރިވެފައިވަނީ 1984 ވަނަ އަހަރުގެ އެޕްރީލް މަހުގެ 24 ވަނަ ދުވަހު ކަމަށެވެ. އުޝާމް ވިދާޅުވީ އެ މުއާހަދާގެ ފަސް ވަނަ މާއްދާގައި، އެ މުއާހަދާއަށް އަމަލުކުރުމަށްޓަކައި އެ މުއާހަދާގައި ބައިވެރިވެފައިވާ ގައުމުތަކުން ހަދަންޖެހޭ ގާނޫނުތައް ހެދުމާއި، ޖެނޮސައިޑްއާ ގުޅޭ ކުށްތަކަށް ގާނޫނުގެ ދަށުން އަދަބު ކަނޑައެޅުން ލާޒިމްކޮށްފައިވާ ކަމަށެވެ.
"އޭގެ ފަހުން 42 އަހަރު ވެގެން ދިޔައިރުވެސް ދިވެހިރާއްޖެއިން މި ޒިންމާ އަދާކޮށްފައެއްނުވޭ. މުސްލިމުންނާ ދެކޮޅަށް ގަތުލްއާންމުގެ ކުށްތައް ހިންގާފައިވާ އަދި ހިންގަމުންދާ ގައުމުތަކާ ދެކޮޅަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގައި ހިނގަމުންދާ މައްސަލަތަކެެއް ކަމުގައިވާ، 'ދަ ގެމްބިއާ ވ. މިޔަންމާ' އަދި 'ސައުތު އެފްރިކާ ވ. އިސްރާއީލު' މައްސަލަތަކަށް ދިވެހި ސަރުކާރުން ވަނީ ތަދައްހުލުވެ، ޖެނޮސައިޑްގެ ކުށްތައް ހިންގާ ގައުމުތައް ޖަވާބުދާރީ ކުރުވައި، ހަރުކަށި ފިޔަވަޅު އެޅުމަށް ވަކާލާތުކޮށްފައިވާނެ" އުޝާމް ވިދާޅުވިއެވެ.
އެހެން ގައުމުތަކުން ޖެނޮސައިޑް ކޮންވެންޝަނަށް ކަމޭހިތުމަށް ރާއްޖެއިން ގޮވާލާއިރު، ރާއްޖެއިން އެ މުއާހަދާގެ ދަށުން ކުރުން ލާޒިމްކޮށްފައި އޮތްކަމެއް ކޮށްފައި ނެތުމަކީ، އެކަމުގެ ސަބަބުން ރާއްޖެއިން ހުށަހަޅާފައިވާ ގާނޫނީ ނުކުތާތަކަށް އަސަރުކުރާނެކަމެއްކަމަށް އުޝާމް ވިދާޅުވިއެވެ.
ގާނޫނުލްއުގޫބާތަށް ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހަކީ، ޖެނޮސައިޑް ކޮންވެންޝަންއާ އެއްގޮތްވާ ގޮތުގެމަތިން ގަތުލުއާންމު ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، އެ ކުށުގެ އަދަބު ބަޔާންކުރުމަށްޓަކައި ހުށަހަޅާފައިވާ އިސްލާހެއްކަމަށް އުޝާމް ވިދާޅުވިއެވެ.
އުޝާމް ވިދާޅުވީ މިއީ ބައިނަލްއަގްވާމީ ގާނޫނުގެ ދަށުން ރާއްޖެއިން ކުރުން ލާޒިމްކޮށްފައިވާކަމެއް ކަމަށެވެ.
ރިފާއު ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން ވަކި ގައުމަަށް، ނަސްލަކަށް، ދަރިފަސްކޮޅަކަށް ނުވަތަ ދީނަކަށް ނިސްބަތްވާ ޖަމާއަތަކަށް ނިސްބަތްވާ ބަޔަކު މެރުމާއި، އެފަދަ ޖަމާއަތަކަށް ނިސްބަތްވާ ބަޔަކަށް ބޮޑެތި ޖިސްމާއީ ނުވަތަ ނަފްސާނީ އަނިޔާ ދިނުމަކީ ގަތުލުއާންމުގެ ކުށްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
އެފަަދަ ޖަމާއަތަަކަށް ނިސްބަތްވާ ބަޔަކަށް، އެ ބަޔަކު އެކުގައި ނުވަތަ އޭގެ ތެރެއިން ބޮޑު ބައެއް، ޖިސްމާނީގޮތުން ހަލާކުވެދާފަދަ ދިރިއުޅުމުގެ ހާލަތަކަށް އެނގިހުރެ އަދި ގަސްދުގައި ކުރިމަތިކުރުވުމަކީވެސް ގަތުލު އާންމުގެ ކުށެކެވެ.
މީގެ އިތުރުން އެފަދަ ޖަމާއަތަކަށް ނިސްބަތްވާ ކުޑަކުދިން މަޖުބޫރުން އެހެން ޖަމާއަތަަކަށް ބަދަލުކުރުމާއި، އެފަދަ ޖަމާއަތަކަށް ނިސްބަތްވާ ބަޔަކަށް ދަރިން އުފަންވިޔަނުދިނުމަށްޓަކައި ފިޔަވަޅުތަކެއް އެޅުމަކީވެސް ގަތުލުއާންމުގެ ތެރޭގައި ހިމެނޭ ކުށެކެވެ.
އިސްލާހުގައިވާ ގޮތުން ގަތުލުއާންމުގެ ތެރޭގައި ހިމެނޭކަމެއް ހިންގާފައިވަނީ އެ ޖަމާއަތަކެއްގެ ބަޔަކު އެކުގައި ނުވަތަ އޭގެތެރެއިން ބޮޑު ބައެއް ނެތިކޮށްލުމުގެ ނިޔަތުގައިކަމަށް ވާންޖެހެއެވެ.
ގަތުލުއާންމުގެ ކުށްތަކަކީ ޖިނާޔަތުގެ އެއްވަނަ ދަރަޖައިގެ ކުށްތަކެއްކަމަށް އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.
ގަތުލުއާންމުގެ ކުށެއްގެ ދައުވާ ރައްދުވާ މީހާ ކުށްކުރީ ވެރިއެއްގެ އަމުރަކަށް ތަބާވުމުގެ ގޮތުން ކަމުގައިވުމަކީ ނުވަތަ ކުށުގެ އަމަލު ކުރުމަކީ ގާނޫނުން ހުއްދަކޮށްފައިވާ ކަމަކަށްވުމަކީ ދިފާއެއްނޫންކަމަށް އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.
ކުށްކުރީ ދައުލަތުގެ ވެރިއެއް ނުވަތަ ދައުލަތުގެ މުވައްޒަފެއް ނުވަތަ އާންމު ފަރުދެއް ކަމަށްވުމަކީ، ނުވަތަ ކުށްކުރީ ހަނގުރާމައިގެ ހާލަތުގައި ނުވަތަ އެނޫން ހާލަތެއްގައި ކަމަށްވުމަކީ ގަތުލުއާންމުގެ ކުށް މީހަކު ކުރިކަން ކަނޑައެޅުމުގައި ރިއާޔަތްކުރެވިގެންވާނެ ނުވަތަ އެކަމަށް އަސަރުކޮށްގެންވާނެކަމެއް ނޫންކަމަށް އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.
ގަތުލުއާންމުގައި ހިމެނޭ ކުށެއް ކުރުމަށް ސީދާގޮތުގައިި އަދި ފާޅުގައި ގޮވާލުމަކީވެސް ކުށެއްކަމަށް އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.
ގަތުލުއާންމުގެ ތެރޭގައި ހިމެނޭ ކުށެއް ކުރުމަށް ހިތްވަރު ދިނީ ރައީސުލްޖުމްހޫރިއްޔާ، ވަޒީރެއް، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް، ފަނޑިޔާރެއް ނުވަތަ ސަލާމަތީ ހިދުމަތެއްގެ އަމުރުވެރިކަމުގެ މަގާމުގައިހުރި މީހެއްކަމަށްވަންޏާ، އެއީ ޖިނާޔަތުގެ އެއްވަނަ ދަރަޖައިގެ ކުށެއްކަމަށް އިސްލާހުގައި ބަޔާންކޮށްފައިވެއެވެ. އޭނުން، ހާލަތްތަކުގައި އެ ކުށަކީ ޖިނާޔަތުގެ ދެވަނަ ދަރަޖައިގެ ކުށެއްކަމަށް އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.
އެޓާނީ ޖެނެރަލް އަހުމަދު އުޝާމް
އެޓާނީ ޖެނެރަލް އަހުމަދު އުޝާމް
އެޓާނީ ޖެނެރަލް އަހުމަދު އުޝާމް
ކޮމެންޓް