ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ އޮފީހެއް ޗައިނާގެ ވެރިރަށް ބެއިޖިންގައި ހުޅުވައިފިއެވެ.
މޯލްޑިވިއަން އިއްޔެ ބުނި ގޮތުގައި މިއީ މޯލްޑިވިއަންގެ ހިދުމަތްތައް ބައިނަލްއަގުވާމީ ފެންވަރުގައި އިތުރަށް ފުޅާކޮށް ވަރުގަދަކުރުމުގެ ގޮތުން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. މިއީ ބެއިޖިންގައި މޯލްޑިވިއަންގެ އޮފީހެއް ހުޅުވި ފުރަތަމަ ފަހަރެވެ.
ބެއިޖިންގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ އޮފީސް ހުޅުއްވައިދެއްވީ މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑްގެ ޗެއާމަން އަހުމަދު ޝަފީއު އާއި މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް އާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ ސަލީމުގެ އިތުރުން ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަޒީލް ނަޖީބެވެ.
މޯލްޑިވިއަންއިން ބުނީ މި އޮފީސް ހުޅުވުމާ ގުޅިގެން ޗައިނާގެ މާކެޓުގައި އެއާލައިންގެ ހަރަކާތްތައް ވަރުގަދަކޮށް، އެ ގައުމުގެ ވިޔަފާރި ޕާޓްނަރުންނާއި ކަސްޓަމަރުންނާ އޮންނަ ގުޅުން އިތުރަށް ބަދަހިކުރެވިގެންދާނެ ކަމަށެވެ.
މީގެ އިތުރުން ދެ ގައުމުގެ ދެމެދުގައި އޮތް ވައިގެ ދަތުރުފަތުރާއި ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިވެ، ދަތުރުކުރާ ފަސިންޖަރުންނަށް ފަސޭހަކަމާ އެކު ހިދުމަތްތައް ފޯރުކޮށްދިނުމަށާއި ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް މި އޮފީހުގެ ސަބަބުން ބޮޑު ބާރަކަށް ވާނެ ކަމަށެވެ.
މޯލްޑިވިއަންއިން މިހާރުވެސް އަންނަނީ އެ އެއާލައިންގެ އޭ330-200 މަރުކާގެ މަތިންދާބޯޓު ބޭނުންކޮށްގެން ޗައިނާގެ ތިން ސިޓީއަކަށް ދަތުރުތައް ބާއްވަމުންނެވެ. އެއީ ބެއިޖިން އަދި ޝަންހާއީ ޗެންޑޫއެވެ.
ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ގައުމެވެ. މިއަހަރު ވެސް އެގައުމުން ރާއްޖެއަށް 327,531 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.
މޯލްޑިވިއަން އެއިރޯ
މޯލްޑިވިއަން އެއިރޯ
މޯލްޑިވިއަން އެއިރޯ
މޯލްޑިވިއަން އެއިރޯ
ކޮމެންޓް