ރާއްޖޭން ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް ދިޔަ ދެ މީހެއްގެ ހަށިގަނޑު ތެރޭގައި ފޮރުވައިގެން ގެންދިޔަ ގިނަ އަދަދެއްގެ ރަން އަތުލައިގެންފިއެވެ.

ބަންގްލަދޭޝްގެ މީޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އެގައުމުގެ ކަސްޓަމްސް އިންޓެލިޖެންސް އެންޑް އިންވެސްޓިގޭޝަން ޑައިރެކްޓްރޭޓް (ސީއައިއައިޑީ) އިން އެ ދެ މީހުންގެ ހަށިގަނޑު ތެރޭގައި ފޮރުވައިގެން ގެންދިޔަ ރަން އަތުލައިގެންފައިވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ.

އެ ގައުމުގެ ހަޒްރަތު ޝާހްޖަލާލް އިންޓަނޭޝަނަލް އެއާޕޯޓުން އެ ދެ މީހުން ހިފަހައްޓައި ބަލައި ފާސްކުރި އިރު އެ މީހުންގެ ހަށިގަނޑުގެ ތެރޭގައި ފޮރުވާފައި ހުރި 2.73 ކިލޯގެ ރަން ހުއްޓެވެ. އޭގެ މަގުމަތީ އަގަކީ 4 ކްރޯޑް ޓާކާ ނުވަތަ 5 މިލިއަން ދިވެހި ރުފިޔާ ކަމަށް ވެސް ރިޕޯޓްކޮށްފައިވެއެވެ.

ރާއްޖޭން ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް ދިޔަ ދެ މީހެއްގެ ހަށިގަނޑު ތެރޭގައި ފޮރުވައިގެން ގެންދިޔަ ރަން-- ފޮޓޯ: ސީއައިއައިޑީ

ސީއައިއައިޑީއާ ހަވާލާދީ މީޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އެމީހުންނަކީ ޔޫއެސް-ބަންގްލާ އެއާލައިނުގެ ފްލައިޓަކުން ރާއްޖެއިން ޑާކާއަށް ދިޔަ އެ ގައުމުގެ ދެ މީހުންނެވެ. އެއީ މުހައްމަދު ސުލައިމާނާއި ޖޮބައިދު އަހުމަދުއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އެ ދެ މީހުން ރަން އެތެރެކުރަން އުޅުނީ ރަނުގެ ޕޭސްޓް ބޭނުންކޮށްގެން ބިހުގެ ބައްޓަމަށް ހަދައިގެން އެމީހުންގެ ފުރަގަސްފަރާތުގައި ފޮރުވައިގެންނެވެ. އަދި ކޮންމެ މީހެއްގެ ހަށިގަނޑުން ތިން ގަނޑު ރަން ނަގާފައިވާ ކަމަށް ސީއައިއައިޑީން ބުންޏެވެ.