ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ރަށްރަށުގެ ކައުންސިލަރުންގެ މުސާރަ މިއަދުން ފެށިގެން ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުންވެސް މިއަދު ފާސްކޮށްފިއެވެ.

މަޖިލީހުން މިގޮތަށް ފާސްކުރީ އެ ފަރާތްތަކުގެ މުސާރަ ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށް މަޖިލިސް ތަޅުމަށް ހުށަހެޅި ރިޕޯޓްގައިވާގޮތަށް އެ ރިޕޯޓު ފާސްކޮށްގެންނެވެ.

އެރިޕޯޓުވާގޮތަށް މުސާރަތައް ބޮޑުކުރަން މަޖިލީހުން ފާސްކުރީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެވަގުތު ތިއްބެވި 55 މެންބަރުންގެ ތެރެއިން ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލް ހަންނާނާއި ޕީއެންސީ މެންބަރުންނާ އެކު 42 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ނަމަވެސް އެމްޑީޕީގެ 12 މެންބަރުން ވޯޓު ދެއްވީ މުސާރަ ބޮޑު ނުކުރުމަށެވެ.

މާލިއްޔަތު ކޮމިޓީގެ ރިޕޯޓުގައި އެ ކޮމިޓީން ނިންމާފައި ވަނީ، މަޖިލިސް ރައީސް އަބަދުއްރަހީމް އަބްދުﷲގެ މުސާރަ ބޮޑުކުރަން އިތުރު އެލަވަންސް އެއްގެ ގޮތުގައި 22،000 ރުފިޔާގެ އެލަވަންސެއް ދިނުމަށެވެ.

މަޖިލިސް ރައީސްއަށް އެ އެލެވަންސް ދޭން ކޮމިޓީއަށް ހުށަހެޅުއްވީ، ކެލާ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުﷲ ޝަރީފްއެވެ. ތާއީދު ކުރެއްވީ ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މަމްދޫހުއެވެ.

މި ހުށަހެޅުންތައް ތަފްސީލް ކޮށްދެމުން ކޮމިޓީގެ އިދާރީ މޭޒުން ބުނީ، އެ ބަދަލަކީ މަޖިލިސް ރައީސް އާއި ނާއިބު ރައީސް އާއި މެންބަރުންގެ މެދުގައި އުފެދިފައިވާ މުސާރައިގެ ފަރަގު ހަމަޖެހިގެންދާނެ އިސްލާހެއް ކަަމަށެވެ.

މަޖިލީހުގެ ރައީސަށް ލިބެމުން އައީ 73125 ރުފިޔާ ކަމަށާއި ނައިބް ރައީސަށް 91،000 ރުފިޔާ ކަމަށާއި މެންބަރުންނަށް ލިބެނީ ކޮމިޓީ އެލަވަންސާއެކު 82،500 ރުފިޔާ ކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.

ނަމަވެސް 22،000 ރުފިޔާގެ އެލަވަންސެއް މަޖިލިސް ރައީސަށް ހަމަޖެއްސުމުން، މަޖިލިސް ރައީސަށް 95125 ރުފިޔާ، ނައިބު ރައީސަށް 91000 އަދި މެންބަރުންނަށް ލިބޭނީ 82500 ރުފިޔާކަމުން އެ ފަރާތްތަކުގެ މުސާރައިގެ ފަރަގު ތަފާތެވެ.

ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ ވެސް 58،500 ރުފިޔާއިން 75،500 ރުފިޔާއަަށް ބޮޑުކުރަން ވެސް ކޮމިޓީ ރިޕޯޓްގައި ވަނީ ފާސްކޮށްފައެވެ.

މިގޮތަށް އެ މެންބަރުންގެ މުސާރަ ބޮޑުކުރަން ހުށަހެޅުއްވީ، ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މަމްދޫހެވެ. ތާއީދުކުރެއްވީ ފުވައްމުލަކު އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ހަމަދު އަބްދުﷲ އެވެ.

ވަޒީރުންގެ މުސާރައަށް އައި ބަދަލު އެ ކޮމިޓީގެ އިދާރީ މޭޒުން ތަފްސީލުކޮށްދެމުން ބުނެފައިވަނީ، އެއީ 2024 ވަނަ އަހަރު މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލާއެކު ޖުޑީޝަރީ އާއި މިނިވަން މުއައްސަސާތަކުގެ މެންބަރުންގެ މުސާރައަށް އައި ބަދަލާ ގުޅިގެން ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ލިބޭ މުސާރައަށްވުރެ ކޮމިޝަންތަކުގެ މެންބަރުންގެ މުސާރަ ބޮޑުކަމަށް ފާހަގަކުރެވޭތީ ކަމަށެވެ.

އެގޮތުން މިނިވަން މުއައްސަސާތަކަށް 74،000 ރުފިޔާ އާއި 59،000 ރުފިޔާ ލިބޭ އިރު، އުއްތަމަ ފަނޑިޔާރަށް 91،000 ރުފިޔާ، އެހެން ފަނޑިޔާރުންނަށް 89،000 ރުފިޔާ، ކޯޓުތަކުގެ އިސް ފަނޑިޔާރުންނަށް 76،000 ރުފިޔާ، އެހެން ފަނޑިޔާރުންނަށް މުސާރައިގެ ގޮތުގައި 68،000 ރުފިޔާ ލިބޭ ކަމަށްވެސް ބުންޏެވެ. ހަމަ އެގޮތަށް އިސްގާޒީންނަށް 62،000 ރުފިޔާ އަދި ގާޒީންނަށް 60،000 ލިބޭއިރު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ލިބޭ 58،500 ރުފިޔާގެ މުސާރަ ކުޑަކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން ވަޒީޒުންގެ މަޖިލީހުގެ މެންބަރުންގެ ސީދާ މުސާރައާ ކުޅުމުގެ ބަދަލުގައި އެ މީހުންނަށް މުސާރަ ބޮޑުކުރަން ހުށަހެޅީ، އެބޭފުޅުންނަށް ލިބިވަޑައިގަންނަވާ ޑްރައިވަރުންގެ އެލަވަންސް ޕެކޭޖަށް ބަދަލު ގެނެސްގެންނެވެ.

އެގޮތުން އެ ޕެކޭޖުގައި ޕެޓްރޯލް އެލަވަންސްގެ ގޮތުގައި ހިމެނޭ، 1000 ރުފިޔާ 2000 ރުފިޔާގެ އެލަވަންސަށް ބޮޑުކޮށް، ޑްރައިވަރުގެ މުސާރައިގެ ގޮތުގައި ހިމެނޭ 6500 ރުފިޔާ 12،000 ރުފިޔާއަށް ބޮޑު ކުރަން ހުށަހެޅިއެވެ. އަދި ޑްރައިވަރުގެ ލިވިން އެލަވަންސްގެ ގޮތުގައި 3000 ރުފިޔާގެ އިތުރު އެލަވަންސެއް ހިމަނައި އެ ޕެކޭޖު، 7500 ރުފިޔާއިން 17،000 ރުފިޔާއަށް ބޮޑުކުރަން ހުށަހެޅިއެވެ.

ރަށް ރަށުގެ ރަށު ކައުންސިލަރުންނަށް އިތުރު 5000 ރުފިޔާގެ އެލަވަންސެއް ދޭން ވެސް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ރިޕޯޓްގައި އެ ކޮމިޓީން ވަނީ ފާސް ކޮށްފިއެވެ.

ކޮމިޓީން އެގޮތަށް ފާށްކުރަން ތާއީދު ކުރެއްވީ، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ހަމަދު އަބްދުﷲ އެވެ.

މިހާރު ރަށު ކައުންސިލްގެ މުސާރަ ހަމަޖެހިފައިވާ ގޮތުން، ރަށު ކައުންސިލްގެ ރައީސުންނަށް ލިބެނީ، 25500 ރުފިޔާއެވެ. ނައިބު ރައީސުންނަށް ލިބެނީ 20000 ރުފިޔާއެވެ. އަދި ކައުންސިލް މެންބަރުންނަށް ލިބެނީ 18000 ރުފިޔާއެވެ.

އެ ނިންމުމުގައި ވަނީ، ކައުންސިލަރުންނަަށް 5000 ރުފިޔާގެ އެލަވަންސެއް ހަމަޖެއްސުމުން މުސާރަތަކުގެ ފަރަގު ހަމަޖެހިގެންދާނެ ކަަމަށެވެ.

އެގޮތުން މި އެލަވަންސް ހިމެނުމުން، ރަށު ކައުންސިލްތަކުގެ ރައީސުންނަށް ލިބޭނީ 30،500 ރުފިޔާ، ނާއިބު ރައީސުންނަށް 25،000 ރުފިޔާ އަދި ކައުންސިލް މެންބަރުންނަށް 23،000 ރުފިޔާއެެވެ.

މި ބަދަލު ގެންނަން ކޮމިޓީން ނިންމި އިރު އެކަމާ ދެކޮޅު ހެއްދެވީ އެ ކޮމިޓީގެ ބައްދަލުވުމުގައި އޭރު އިންނެވި އެމްޑީޕީގެ މެންބަރު ހަނިމާދޫ ދާއިރާގެ އަބްދުލްގަފޫރު މޫސާ އެކަންޏެވެ.

ގަފޫރު ވިދާޅުވީ ދުނިޔޭގެ މަސްރަހު މިވަގުތު ހުރިގޮތުން އެއީ ކުރަން ރަނަގަޅު ކަމެއް ނޫން ކަމަށާއި އެކަމަށް ގަބޫލު ނުވެވޭނެ ކަަމަށެވެ.