މޯލްޑިވްސް އެކްސްޕޯ 2026 ގައި ހުންނަ ދިރާގުގެ އެކްސްޕީރިއެންސް ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް އައިފޯން 18 ޕްރޯއަކާއި އެހެނިހެން އިނާމުތައް ހޯދުމުގެ އެ ކުންފުނިން ފުރުސަތު ހުޅުވާލައިފިއެވެ.

ދިރާގުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނި ގޮތުގައި، އެ ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހުށަހަޅާފައިވާ އިނާމުތަކުގެ ތެރޭގައި އެންމެ ފަހުގެ އައިފޯން 18 ޕްރޯއަކާއި، ޗުއްޓީ ދަތުރެއްގެ އިތުރުން ކޮންމެ ދުވަހަކު ދޭ އިނާމުތައް ހިމެނެއެވެ.

މި ޕްރޮމޯޝަނުގެ ދަށުން، ދިރާގު ސްޓޯލަށް ޒިޔާރަތްކޮށް ޕޯސްޓްޕެއިޑް ނުވަތަ ލިމިޓެއް ނެތް ފައިބާ ކަނެކްޝަނެއް ނަގާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ފަރާތަކަށް އައިފޯން 18 ޕްރޯއެއް ލިބޭނެއެވެ. މީގެ އިތުރުން، ދިރާގުގެ އޭއައި ކޯލް އެސިސްޓަންޓް ކަމަށްވާ އައިވްއަށް ސަބްސްކްރައިބްކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ކ. ތުލުސްދޫގައި ހުންނަ ސީޒަން ޕެރަޑައިސްގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ހަމައެއާއެކު، އެ ސްޓޯލަށް ޒިޔާރަތްކޮށް އައިވް ޑޭޝް ގޭމް ކުޅެގެން ލީޑާބޯޑުގެ އެންމެ ކުރި ހޯދާ ފަރާތްތަކަށް ކޮންމެ ދުވަހަކު 25 ޖީބީގެ ހިލޭ ޑޭޓާއާއެކު ހިލޭ މައިފައި ޑިވައިސްއެއް ހޯދުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލައިފައެވެ. އަދި އެ ސްޓޯލުން ދިރާގުގެ އެންމެ ފަހުގެ އުފެއްދުންތަކާއި ހިދުމަތްތައް ތަޖުރިބާކޮށްލުމުގެ އިތުރުން، އެކްސްޕޯއަށް ހާއްސަކޮށްފައިވާ އޮފާތައްވެސް ލިބޭނެއެވެ.

މި އެކްސްޕޯގެ ތެރެއިން އާއިލާއާއި ރައްޓެހިންނާއެކު ވަގުތު ހޭދަކޮށްލުމަށް ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން އިންތިޒާމުކޮށްގެން ގޭމް ކުޅުމުގެ ހަރަކާތްތަކެއްވެސް ދަނީ ކުރިއަށްގެންދަމުންނެވެ. ޑީޖީޖީން ކުރިއަށްގެންދާ މި ހަރަކާތްތަކުގައި އެފްސީ 27، މޯޓަލް ކޮމްބެޓް، ސްޓްރީޓް ފައިޓާ 6، ނަރުޓޯ އަލްޓިމޭޓް ނިންޖާ ސްޓޯމް 6 އަދި ބްރޯލްހަލާ ފަދަ ގޭމްތައް ހިމަނާފައިވެއެވެ. މީގެ އިތުރުން، ޖީޓީ 7 ރޭސިން ސިމިއުލޭޓަރާއި ބީޓް ސޭބާ ފަދަ ވާޗުއަލް ރިއަލިޓީ (ވީއާރް) ގޭމްތައް ހިލޭ ތަޖުރިބާކޮށްލުމުގެ ފުރުސަތު ހުޅުވާލާފައިވާ އިރު، ކޮންމެ ދުވަހަކު ވަކި ޗެލެންޖްތަކެއް ފުރިހަމަކުރާ ފަރާތްތަކަށް އިނާމުތަކެއް ވަނީ ކަނޑައަޅާފައެވެ.

ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް ގުޅިގެން އިންތިޒާމުކުރާ މޯލްޑިވްސް އެކްސްޕޯ 2026 ކުރިއަށްދާނީ އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.