އިންޑިއާގެ ޓްރިވެންޑްރަމްގައި ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ގެއްލިގެން ހޯދަމުންދަނީ ރ. މީދޫ، އަތަމާގެ، އަލީ އިބްރާހީމް (އައްޔަބޭ) އެވެ.

އާއިލާގެ ފަރާތުން އަލީ އިބްރާހީމްގެ ދަރިއަކު "ވަން" އަށް މިރޭ ބުނި ގޮތުގައި އޭނާގެ ބައްޕަ ގެއްލިފައިވަނީ ބޭސްފަރުވާއަށް ޓްރިވެންޑްރަމްއަށް ގޮސް އުޅެނިކޮށެވެ. މިއަދު ހެނދުނު 5:30 އިން ފެށިގެން އަލީ އިބްރާހީމް ވީނުވީއެއް ނޭނގި ގެއްލިގެން ދަނީ ހޯދަމުންނެވެ.

އާއިލާއިން ދީފައިވާ މައުލޫމާތަށް ބަލާ އިރު، އަލީ އިބްރާހީމް އެންމެ ފަހުން ފެނުނުއިރު ލައިގެން ހުރީ ދަނބު ކުލައިގެ ޓީޝާޓަކާއި މަޑު ނޫ ކުލައިގެ މުންޑެކެވެ. އޭނާ ގެއްލުނު މައްސަލަ މިހާރު އިންޑިއާ ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށް ވެސް އާއިލާއިން ބުންޏެވެ.

މިކަމާ ގުޅިގެން އާއިލާއިން ވަނީ އޭނާ ފެނުނު މީހަކު ނުވަތަ އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ، ވީ އެންމެ އަވަހަކަށް އެކަން އަންގައިދިނުމަށް އެދިފައެވެ. އެގޮތުން އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ، ވަޓްސްއެޕް ނުވަތަ ވައިބާ މެދުވެރިކޮށް 9129561 960+ އަށް ގުޅައި ހިއްސާކުރުމަށް އާއިލާއިން އެދެއެވެ.