ތިނަދޫ ސިޓީގައި ގްރޫޕް ހަދައިގެން އަންހެނަކު ރޭޕްކޮށް، ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.

ފުލުހުން ބުނި ގޮތުގައި، ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވަނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ 20 އަހަރުގެ އަހްމަދު ނޫހު ނިޔާޒެވެ.

މި އަމުރު ނެރެފައިވަނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން ބައެއް މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ދެވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުންނެވެ. އެގޮތުން، ކޯޓަށް ހާޒިރުކުރި މީހުންގެ ތެރޭގައި ހިމެނޭ 20 އަހަރުގެ މުހައްމަދު މިޝަލް އަހްމަދު ޒުހައިރު އިތުރު 30 ދުވަހަށް ބަންދުކުރުމަށާއި، 35 އަހަރުގެ ނަޖުމުﷲ ހަސަން 45 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މީގެ އިތުރުން، 26 އަހަރުގެ މުހައްމަދު ސާލިހު އަހުމަދާއި 32 އަހަރުގެ އަހްމަދު ސާނިޖު ސާދިގު އިތުރު ފަސް ދުވަހަށް ބަންދުކުރުމަށް ވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށް ބަންދުގައި ތިބި މީހުން:

  • މުހައްމަދު މައިސަން ޝިޔާޒު (21އ)
  • އަހްމަދު އިފްތިޝާމް ޒަރީރު (24އ)
  • ނަޖުމުﷲ ހަސަން (35އ)
  • އާޒިމް މުފީދު (24އ)
  • އަލީ ހުޒާމް ސައީދު (31އ)
  • މުހައްމަދު ސާލިހު އަހްމަދު (26އ)
  • އަހްމަދު ނޫހު ނިޔާޒު (20އ)
  • މުހައްމަދު މިޝަލް އަހަމަދު ޒުހައިރު (20އ)
  • އަހްމަދު ސާނިޖު ސާދިގު (32އ)

ތިނަދޫގައި ބަޔަކު 22 އަހަރުގެ އަންހެނަކާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިމަހުގެ 20 ގައެވެ. މި މައްސަލައިގެ ތަހުގީގުގެ ތެރެއިން ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް އެ ކުދިން އެކްސްޕްލޮއިޓް ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއްވެސް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައިގެ ތަހުގީގަށް މާލެއިން ފުލުހުންގެ ހާއްސަ ޓީމެއް ފޮނުވައި، އެ ޓީމުން މިހާރު ދަނީ ތިނަދޫގައި ހަރަކާތްތެރިވަމުންނެވެ.