މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އަށް ދިގު މުއްދަތަކަށް ހިދުމަތް ކުރި މުވައްޒަފުންނާއި ފާހަގަކޮށްލެވޭ މަސައްކަތްތައް ކުރި މުވައްޒަފުންގެ އަގުވަޒަން ކުރުމަށް 2026 ވަނަ އަހަރުގެ ސްޓާފް އެވޯޑް ނައިޓް ބާއްވައިފިއެވެ.

މެންހެޓަން ގްރޭންޑް ހޮޓެލްގައި ބޭއްވި މި ހަފުލާގައި ތަފާތު 12 ދާއިރާއަކުން 40 މުވައްޒަފަކަށް އެވޯޑް ހަވާލުކުރިއެވެ.

މީގެ އިތުރުން ކުންފުންޏަށް ދިގު މުއްދަތަކަށް ހިދުމަތްކޮށްފައިވާ 69 މުވައްޒަފަކަށް ވަނީ ހިދުމަތުގެ އަގުވަޒަންކުރުމުގެ އެވޯޑް ދީފައެވެ.

މުވައްޒަފުންނަށް އެވޯޑްތައް ހަވާލުކޮށްދެއްވީ އެމްޑަބްލިޔުއެސްސީގެ ބޯޑުގެ އެކްޓިން ޗެއާޕާސަން އައިޝަތު ރޫހީ އާއި މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީގެ އިތުރުން ކުންފުނީގެ ބޯޑު ޑިރެކްޓަރުންނާއި ސީނިއާ މެނޭޖުމަންޓް ޓީމުގެ ބޭފުޅުންނެވެ.

އެމްޑަބްލިޔުއެސްސީގެ ސްޓާފް އެވޯޑް ނައިޓުގެ ތެރެއިން-- ފޮޓޯ: އެމްޑަބްލިޔުއެސްސީ

މި ހަފުލާގައި ދެވުނު އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ "ޗެއާޕާސަންސް އެވޯޑް ފޯ އެކްސެލެންސް" ހާސިލުކުރެއްވީ އެ ކުންފުނީގެ ސީނިއާ އިލެކްޓްރިކަލް އިންޖިނިއަރު ހަސަން ޖަނާހް މޫސާއެވެ. މި އެވޯޑަކީ ކުންފުނީގެ ކުރިއެރުމަށާއި ތަރައްގީއަށް އިހްލާސްތެރި ހިދުމަތްތަކެއް ކޮށްދީ، ކުންފުނީގެ ތަސައްވުރު ކުރިއެރުވުމަށް މެދުނުކެނޑި މަސައްކަތްކޮށްދެއްވި ފަރާތަކަށް ދެއްވާ ހާއްސަ އިނާމެކެވެ.

މިރޭގެ ރަސްމިއްޔާތުގައި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވަނީ އެ ކުންފުނީގެ އާ އިސްނެގުން ކަމަށްވާ "ވަން އެމްޑަބްލިޔުއެސްސީ" ރަސްމީކޮށް އިފްތިތާހުކޮށްދެއްވައިފައެވެ.

މި ހަރަކާތަކީ މުވައްޒަފުން އެކި ދާއިރާތަކުގައި މަސައްކަތްކުރި ނަމަވެސް، އެއް އާއިލާއެއްގެ ގޮތުގައި އެއް އަމާޒަކަށް މަސައްކަތްކުރުމުގެ ރޫހު އާލާކޮށް، އެއްބައިވަންތަކަމުގެ މައްޗަށް ބިނާވެފައިވާ ހަރުދަނާ މާހައުލެއް ގާއިމުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ -- ފޮޓޯ: އެމްޑަބްލިޔުއެސްސީ

ޙަފުލާގައި ވާހަކަދައްކަވަމުން ފަހުމީ ވިދާޅުވީ މުވައްޒަފުންގެ ކުރިއެރުމަށްޓަކައި ކުރު އަދި ދިގު މުއްދަތުގެ ސްކޮލާޝިޕް ފުރުސަތުތައް ފަހިކޮށްދީފައިވާ ކަމަށެވެ. އަދި މަސައްކަތުގެ މާހައުލުގައި ދުޅަހެޔޮކަމާއި ހިތްހަމަޖެހުން ގާއިމުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ފެނާއި ނަރުދަމާގެ ހިދުމަތަކީ ރައްޔިތުންގެ އަސާސީ ބޭނުމަކަށްވާތީ، އެ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް ޒަމާނީ ޓެކްނޮލޮޖީއާއި ވަސީލަތްތައް އިތުރުކުރަމުން އަންނަ ކަމަށްވެސް ފަހުމީ ވިދާޅުވިއެވެ.