ރާއްޖޭގައި ކަނޑުއަޑީގައި ޑައިވަރުންތަކެއް ހިންގި ހަމަނުޖެހުން އިންސާފުވެރިކަމާއެކު ތަހުގީގުކުރުމަށް ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން ގޮވާލައިފިއެވެ.

އެންބީއޭއެމްއިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ، މޯލްޑިވްސް ލެޖެންޑް ލިވްއަބޯޑާއި އިންފިނިޓީ އެކްސްގެ ޑައިވިން ޓީމުތަކުގެ މެންބަރުންތަކެއް ހިމެނޭހެން ދާދި ފަހުން ހިނގި މި ހާދިސާގެ ވީޑިއޯ ސޯޝަލް މީޑިއާއާއި ބައިނަލްއަގުވާމީ ޕްލެޓްފޯމްތަކުގައި ފުޅާ ދާއިރާއެއްގައި ދައުރުވެފައިވާ ކަމަށާއި، މިއީ ފުރިހަމަ ތަހުގީގެއް ކުރަންޖެހޭ ސީރިއަސް މައްސަލައެއް ކަމަށެވެ. އަދި އެއްވެސް ފަރާތަކުން ގާނޫނާ ހިލާފު އަމަލެއް ނުވަތަ އިހުމާލެއް ވެފައިވާ ނަމަ، ރާއްޖޭގެ ގާނޫނުތަކާ އެއްގޮތަށް އެކަން ސާބިތުކޮށް ފިޔަވަޅު އަޅަންޖެހޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

މި މައްސަލައިގައި އަވަސް އަރުވާލައިގެން ގޮތް ނިންމުމާއި، އާންމުކޮށް ތުހުމަތުތައް ކުރުމާއި، ރާއްޖޭގެ ބޯޓިން އަދި ޑައިވިން ދާއިރާގެ އެތެރޭގައި އެއްބަޔަކު އަނެއްބަޔަކަށް އިނގިލި ދިއްކުރުން ހުއްޓާލުމަށް އެންބީއޭއެމްއިން ވަނީ އިލްތިމާސްކޮށްފައެވެ. އެ ޖަމިއްޔާއިން ފާހަގަކުރި ގޮތުގައި، ވަކި ބައެއްގެ އަމަލުތަކުގެ ސަބަބުން މުޅި ދާއިރާގެ އަގު ވައްޓާލައި، ރާއްޖެއަކީ ޑައިވްކުރުމަށް ނުރައްކާތެރި މަންޒިލެއްގެ ގޮތުގައި ސިފަކޮށްގެން ނުވާނެއެވެ.

އެހެންކަމުން، ކަށަވަރުކުރެވިފައިވާ ހެކިތަކުގެ މައްޗަށް ބިނާކޮށް، ދެފުށް ފެންނަ ފުރިހަމަ ތަހުގީގެއް ހިންގައި ޒިންމާވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ދިވެހި ފުލުހުންނާއި ޓޫރިޒަމް މިނިސްޓްރީ އަދި ކަމާބެހޭ އެހެން އިދާރާތަކަށް އެ ޖަމިއްޔާއިން ވަނީ ގޮވާލައިފައެވެ.

މި ހާދިސާގެ އިތުރުން، ދިވެހިންގެ ހަގީގީ ހިއްސާއެއް ނުވަތަ ހިންގުމުގެ ބައިވެރިވުމެއް ނެތި، ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކުގެ ނަމުގައި ބޭރުގެ އުޅަނދުފަހަރުން ފަތުރުވެރިކަމުގެ ހަރަކާތްތައް ހިންގާ މައްސަލައިގައި ވެސް އެންބީއޭއެމްއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ބަޔާނުގައި ބުނި ގޮތުގައި، އިންފިނިޓީ އެކްސްއަކީ ކުރިން ބޭރުގެ އުޅަނދެއްގެ ގޮތުގައި އޮޕަރޭޓްކުރުމަށް ފަހު، ގަވާއިދުތަކަށް އައި ބަދަލުތަކާ ގުޅިގެން ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއްގެ ދަށަށް ބަދަލުކުރި އުޅަނދެކެވެ. ނަމަވެސް، އޭގައި ދިވެހިންގެ ހަގީގީ ބައިވެރިވުމާއި ހިންގުމުގެ ބާރު އޮތް މިންވަރާ މެދު ސުވާލު އުފެދިފައިވާތީ، ދިވެހި ވިޔަފާރިތަކަށް ލިބިދޭ ރައްކާތެރިކަން ގެއްލޭ ގޮތަށް ބޭރުގެ ފަރާތްތަކުން ނުސީދާކޮށް ވިޔަފާރި ހިންގިޔަ ނުދިނުމަށްޓަކައި، އެފަދަ ކުންފުނިތަކުގެ އަސްލު މިލްކުވެރިކަމާއި މެނޭޖްމަންޓް އޮތް ގޮތް ބެލުމަށް އެ ޖަމިއްޔާއިން އެދިފައިވެއެވެ.

މީގެ އިތުރުން، އިންފިނިޓީ އެކްސްގެ ކޮޓަރިތަކާއި ޖާގައިގެ މައުލޫމާތުގައި ހުރި ފަރަގުތަކަށް ވެސް އެންބީއޭއެމްއިން ވަނީ ސަމާލުކަން ގެނެސްފައެވެ. އެ ޖަމިއްޔާއިން ބުނި ގޮތުގައި، ޓޫރިޒަމް މިނިސްޓްރީގެ ދަފުތަރުގައި ގޯލޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ދަށުން ރަޖިސްޓްރީކޮށްފައިވާ އެ އުޅަނދުގައި 20 ކޮޓަރި އަދި 40 އެނދު ހުންނަ ކަމަށް އޮތް ނަމަވެސް، ލިވްއަބޯޑް.ކޮމް ހިމެނޭހެން ބައިނަލްއަގުވާމީ ބުކިން ޕްލެޓްފޯމްތަކުގައި އިޝްތިހާރުކޮށްފައިވަނީ 19 ކެބިން އަދި އެންމެ ގިނަވެގެން 30 ފަތުރުވެރިންގެ ޖާގަ ހުންނަ ކަމަށެވެ. އެހެންވެ، އެ އުޅަނދަށް ހުއްދަދީފައިވާ ޖާގައާއި ލައިސަންސްގެ ސައްހަކަން ކަށަވަރުކޮށް، ހުރިހާ އުޅަނދުތަކެއްގެ މައްޗަށް ވެސް ހަމަހަމަކަމާއެކު ގަވާއިދުތައް ތަންފީޒުކުރުމަށް ޓޫރިޒަމް މިނިސްޓްރީއަށް ވަނީ ގޮވާލައިފައެވެ.

އެންބީއޭއެމްގެ ބަޔާނުގައި ބުނީ، ބޭރުގެ އިންވެސްޓްމަންޓްތަކާ ގުޅޭ ހުރަސްތަކުން ރެކިގެން ހިންގާ ނާއިންސާފު ވާދަވެރިކަމުން ދިވެހި ވިޔަފާރިތަކާއި ވަޒީފާގެ ފުރުސަތުތައް ހިމާޔަތްކުރުމަށް މޮނިޓަރިން ވަރުގަދަކުރަންޖެހޭ ކަމަށެވެ. އަދި ސާބިތުނުވާ ތުހުމަތުތަކުން މުޅި ސިނާއަތަށް ގެއްލުންވާނެތީ، މި ހާދިސާއާ ގުޅޭ މައުލޫމާތު ފެތުރުމުގައި ޒިންމާދާރުވުމަށާއި، ފަތުރުވެރިންގެ ރައްކާތެރިކަމާއި ގާނޫނު ތަންފީޒުކުރުމުގައި ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތްކުރުމަށް އެ ޖަމިއްޔާއިން ވަނީ ގޮވާލައިފައެވެ.