ދައުލަތުގެ އިދާރާއަކުން ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏަކުން ލިބެންޖެހި ނުލިބިވާ ފައިސާ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަންޖެހޭ ޓެކުހާ އަޅައިކެނޑޭނެ ނިޒާމެއް ފިނޭންސް މިނިސްޓްރީން ހަމަޖައްސައިފިއެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ސަރުކާރުން ދައްކަންޖެހޭ ފައިސާއާއި ޓެކުހުގެ ފައިސާ އަޅައިކެނޑުމަށް ބޭނުންވާ ފަރާތްތަކުން މީރާއަށް ހުށަހެޅުމުން އެކަން ކުރިއަށްގެންދެވޭނެ ކަމަށެވެ.
މި ނިޒާމުގެ ދަށުން އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ހުށަހަޅާފައިވާ ބިލްތަކުގެ ތެރެއިން މިހާތަނަށް ފައިސާ ނުދައްކާ ހުރި ބިލްތަކަށް ލިބެންޖެހޭ އަދަދު ޓެކުހުން އަޅައިކެނޑޭނެއެވެ. އެ މިނިސްޓްރީން ބުނި ގޮތުގައި، ވިޔަފާރިއަކުން މީރާއަށް ދައްކަންޖެހޭ ޓެކުހުގެ އަދަދު ސަރުކާރުން އެ ފަރާތަކަށް ދައްކަންޖެހޭ ފައިސާއަށް ވުރެ ބޮޑުވާ ނަމަ، ސަރުކާރުން ދައްކަންޖެހޭ އަދަދު އަޅައިކެނޑުމަށް ފަހު ބާކީ އޮންނަ އަދަދު ޓެކުހުގެ ގޮތުގައި އެ ފަރާތަކުން މީރާއަށް ދައްކަންޖެހޭނެއެވެ.
މީގެ އިތުރުން، އެފަދަ ވިޔަފާރިތަކުން މީރާއަށް ދައްކަންޖެހޭ ޓެކުހުގެ ފައިސާއަށް ވުރެ ސަރުކާރުން އެ ފަރާތަކަށް ދައްކަންޖެހޭ ބިލްތަކުގެ ފައިސާ ގިނަ ނަމަ، ޓެކުހަށް ވާ އަދަދު އަޅައިކެނޑުމަށް ފަހު ބާކީ ފައިސާ ސަރުކާރުން އެ ވިޔަފާރިއަކަށް ދައްކާ ގޮތަށް ވަނީ ހަމަޖައްސައިފައެވެ.
މި އިންތިޒާމުގެ ދަށުން ޓެކުހުގެ ފައިސާ އަޅައިކެނޑުމަށް އެދި ހުށަހަޅާ އިރު، އެ ފައިސާގެ ތަފްސީލާއެކު މީރާއިން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް ހުށަހެޅުމަށް މިނިސްޓްރީން ވަނީ އަންގައިފައެވެ.
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް
ކޮމެންޓް