މިދިޔަ ހަފުތާގައި އެއްވަނައިގައި އޮތް ބާލޯނާވެސް ބަލިކުރި ރެއާލް މެޑްރިޑުން މިރޭ ލީގުގައި ކުޅުނު މެޗުގައި ރޭސިން ސަންޓަންޑާ ކައިރިންވެސް މޮޅުވެއްޖެއެވެ.

ރެއާލުން އެންމެފަހުން ކުޅުނު ފަސް މެޗުންވެސް މޮޅުވެ ރަނގަޅު ފޯމެއްގައި އޮތް އިރު، އެޓީމުން މިހާރު ވަނީ އެއްވަނައިގައި އޮތް ބާސެލޯނާއާ ތިން ޕޮއިންޓަށް ގާތް ކޮށްފައެވެ. މިރޭ ރެއާލުން ރޭސިން ކައިރިން 3-0 އިން މޮޅުވި އިރު، އެޓީމު ތިންވަނައިގައި އޮތީ 11 މެޗުން 27 ޕޮއިންޓާއެކުގައެވެ.

ދެވަނައިގައި އެތުލެޓިކޯ މެޑްރިޑް އޮތީ 11 މެޗުން 28 ޕޮއިންޓާއެކުގައެވެ. އެއްވަނައިގައި އެންމެފަހުގެ ޗެމްޕިއަން ބާސާ އޮތީ 11 މެޗުން 30 ޕޮއިންޓާއެކުގައެވެ. ބާސާއިން މިހާތަނަށް ލީގުގައި ބަލިވެފައި ވަނީ ހަމައެކަނި ބާސާ ކައިރިންނެވެ.

ރެއާލަށް ފެށުން ރަނގަޅުވީ 11 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީންނެވެ. މިދިޔަ ހަފުތާގައި ބެލޮންޑިއޯގެ ދެވަނަ މަގާމު ލިބުނު ކިލިއަން އެމްބާޕޭއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ލީޑު ނަގައިދިނީވެސް އޭނާއެވެ.

އޭގެ 10 މިނެޓު ފަހުން ޖޫޑް ބެލިންހަމް ވަނީ ރެއާލްގެ ލީޑު ފުޅާކޮށްފައެވެ. މެދު ރޮނގެއްހާ ހިސާބުން ބޯޅަ ހިފައިގެން ގޮސް ބެލިންހަމް ބޯޅަ ގޯލަށް ވައްދާލީ ކުރިއަށް ޖެހުނު ރޭސިންގެ ކީޕަރު ބޯމަތިން ބޯޅަ ޗިޕް ކޮށްލައިގެންނެވެ. ހާފު ނިމުމުގެ ކުރިން ރެއާލުން ތިންވަނަ ގޯލެއް ޖަހައި މެޗުވެސް ޔަގީންކުރިއެވެ. އެ ގޯލް ޖަހައިދިނީ ޔާން ޑިއޮމާންޑޭއެވެ.

ދެވަނަ ހާފުގައި އެމްބާޕޭގެ ހަމަލާއެއް ދަނޑިއަށްވެސް އަމާޒުވި އިރު، ފަހުކޮޅުގައި ރޭސިންނަށް ރެފްރީ ދިން ޕެނަލްޓީއެއް ވީއޭއާރްގެ އެހީގައި ކެންސަލް ކުރިއެވެ. އެއީ އޮރެލިއަން ޗުއަމެނީ އަތުގައި ބޯޅައިން ޖެހުމުން ދިން ޕެނަލްޓީއެކެވެ. އެ ޕެނަލްޓީ ކެންސަލް ކުރީ ޗުއަމެނީ ގަސްދުގައި ނުޖައްސާ ކަމަށް ރެފްރީ ނިންމުމުންނެވެ.