ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ، އަންނަ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ބަހުސްގައި، ވާހަކަ ދައްކަވަން ކޮންމެ މެންބަރަކަށް 15 މިނިޓުގެ ފުރުސަތެއް ދޭން ރައްޔިތުންގެ މަޖިލީހުގެ އާއްމު ކޮމިޓީން ފާސްކޮށްފިއެވެ.
މަޖިލީހަށް ހުށަހަޅާ އެކި މައްސަލަތަކަށް ބަހުސް ކުރިއަށްގެންދާނެ ވަގުތާއި، ބަހުސްގައި ކޮންމެ މެންބަރަކަށް ވާހަކަދައްކަންދޭނެ ވަގުތު، މަޖިލީހުގެ ގަވާއިދުގައި ބުނާގޮތުން ކަނޑައެޅުން އޮންނަނީ އާއްމު ކޮމިޓީއަށެވެ.
އެގޮތުން ބަޖެޓް ބަހުސްގައި މެންބަރުންނަށް ވާހަކަ ދައްކަން ދޭނެ ވަގުތާއި، ބަޖެޓު ބަހުސްގައި މެންބަރުން ދައްކާ ވާހަތަކުގައި އިތުރަށް ކަންކަން އޮޅުން ފިއްލުއްވުމަށް ފިނޭންސް މިނިސްޓަރާ ކުރައްވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް މިނިސްޓަރަށް ދޭނެ ވަގުތެއް ކަނޑައަޅަން މިއަދު ބޭއްވި އާއްމު ކޮމިޓީގެ ބައްދަލުމުގައި ހުށަހެޅުންތައް ހުށަހެޅުއްވީ، ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ އެވެ.
ދީދީ ހުށަހެޅުއްވީ، ބަޖެޓް ބަހުސްގައި ކޮންމެ މެންބަރަކަށް 15 މިނިޓްގެ ފުރުސަަތެއް ދެއްވުމަށެވެ. އޭގެ އިތުރުން ބަޖެޓު ކޮމިޓީން ބަޖެޓު ދިރާސާކޮށް މަޖިލީހަށް ހުށަޅާ ރިޕޯޓަށް ބަހުސް ކުރުމަށް ކޮންމެ މެންބަރަކަށް ހަތް މިނިޓުގެ ފުރުސަތެއް ދެއްވުމަށެވެ.
އޭގެ އިތުރުން ބަޖެޓް ބަހުސްގައި މެންބަރުން ކުރާ ސުވާލުތަކަށް ޖަވާބު ދެއްވަން ފަހުގެ އެކި ވަގުތުތަކުގައި ބޭނުންކުރަން ޖުމްލަ 45 މިނެޓުގެ ވަގުތެއް ފިނޭންސް މިނިސްޓަރަށް ދެއްވުމަށެވެ. ދީދީ ވިދާޅުވީ މިދިޔަ އަހަރުވެސް އެކަންތައް ކުރިއަށްގެންދިޔައީ އެގޮތަށް ކަމަށެވެ. މެންބަރު އިބްރާހިމް ދީދީ ހުށަހެޅުއްވި ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ، ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހައްނާނު އަބޫބަކުރެވެ.
އެ ގޮތަށް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
އަންނަ އަހަރަށް ލަފާކޮށް 59.7 ބިލިޔަން ރުފިޔާގެ ބަޖެޓެއް ފިނޭންސް މިނިސްޓަ ހަސަން ޒަރީރު މަޖިލީހަށް ހުށަހެޅުއްވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
މަޖިލިސް ގަވާއިދު ބުނާގޮތުން މަޖިލިސް ތަޅުމުގައި ބަޖެޓު ބަހުސް ފަށާނީ، ބަޖެޓް މަޖިލީހަަށް ހުށަހަޅާ ދުވަހުން ފެށީގެން ހަތް ދުވަހުގެ މުއްދަތެއް ދިނުމަށް ފަހުގައެވެ.
މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބުނާ ހަތް ދުވަހުގެ މުއްދަތު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ދެއްވުމަށްފަހު، ބަޖެޓް ބަހުސް ކުރިއަށްގެންދަން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެންޑާ ކުރައްވާނެ ކަމަށެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
ކޮމެންޓް