ވ. އާރަށް ކުއްޔަށް ދިނުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން ކުރާ ދައުވާގައި، ހުށަހެޅި އޯޑިއޯ ހެކިތަކެއް ކްރިމިނަލް ކޯޓުގެ ޝަރީއަތަށް ބަލައިގަތް މައްސަލައިގައި، ޔާމީންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކުރި މައްސަލަ ބަލައިނުގަތުމަށް ނިންމައި ކޯޓުން ބޭރުކޮށްލައިފިއެވެ.

މި މައްސަަލަ ބަލައިނުގަތުމަށް ނިންމެވީ ހައި ކޯޓުގެ ރަޖިސްޓްރާއެވެ.

އާރަށު މައްސަލައިގައި ދައުލަތުން ވަނީ ރައީސް ޔާމީނާ ދެކޮޅަށް އެ މަނިކުފާނުގެ ކޯލް ރެކޯޑިންތަކެއް ކަމަށް ބުނާ އޯޑިއޯ ރެކޯޑިންތަކެއް ހެކީގެ ގޮތުގައި ހުށަހަޅާފައިފައެވެ. ނަމަވެސް، އެ ރެކޯޑިންތައް ހެކީގެ ގޮތުގައި ބަލައިނުގަތުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ދަށު ކޯޓުގައި ތަކުރާރުކޮށް އެދިވަޑައިގެންނެވިއެވެ.

ނަމަވެސް މި މައްސަލައަށް ދަށު ކޯޓުން ގޮތެއް ނިންމަވަމުން، މައްސަލަ ބައްލަވާ ގާޒީ ކަނޑައެޅުއްވީ، ދައުލަތުން ހުށަހެޅި އެ އޯޑިއޯ ރެކޯޑިންތައް ހެކީގެ ގޮތުގައި ބަލައިގަނެވޭނެ ކަމަށެވެ. ދަށު ކޯޓުގެ މި ނިންމެވުމާ މެދު ހިތްޕުޅުހަމަޖެހިވަޑައިނުގެން، އެ ނިންމުން އިސްތިއުނާފު ކުރުމަށް ރައީސް ޔާމީންގެ ގާނޫނީ ޓީމުން ހައިކޯޓަށް މައްސަލަ ހުށަހެޅީ މިދިޔަ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހުއެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅި މި އިސްތިއުނާފީ މައްސަލައާ މެދު ގޮތެއް ނިންމަވައި، ހައިކޯޓުގެ ރަޖިސްޓްރާ އިއްޔެ ވަނީ އެ މައްސަލަ ބަލައިނުގަތުމަށް ނިންމަވައިފައެވެ.

ވ. އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދެ ދައުވާއެއް އުފުލާފައިވެއެވެ. އެއީ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދައުވާއެވެ. މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި އޮތީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ ގުޅޭގޮތުން ގޮތް ނިންމުމެވެ.

ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހެޅިއިރު ދައުލަތުގެ ވަކީލު އަހުމަދު ޝަފީއު ވަނީ ރައީސް ޔާމީނުގެ ފަރާތުން ހުށަހަޅާފައިވާ ބައެއް ޝަފަހީ ހެކި ބަލައިނުގަތުމަށް އެދިފައެވެ. އެއީ ރައީސް ޔާމީނު ކުރެއްވީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއްކަން ސާބިތުކޮށްދިނުމަށް ރައީސް ޔާމީނުގެ ފަރާތުން ހެކީގެ ގޮތުގައި ހުށަހެޅި މީހުންނެވެ. އެ ހުށަހެޅުން ޝަރީއަތުން ވަނީ ބަލައިގެންފައެވެ.

ރައީސް ޔާމީނުގެ ފަރާތުން ހުށަހެޅި ހުށަހެޅުންތަކުގެ ތެރޭގައި ދައުލަތުގެ ބައެއް ހެކި ބަލައިނުގަތުމަށް އެދި ހުށަހެޅި ހުށަހެޅުން ހިމެނެއެވެ. އޭގެ ތެރެއިން ޝަރީއަތުން ބަލައިގަތީ ހަމައެކަނި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމަކީ އާރަށު މައްސަލައިގެ ހެއްކެއްގެ ގޮތުގައި ބަލައިނުގަނެވޭނެކަމަށް ކަނޑައަޅައިދިނުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމެވެ.