ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް) އާއި އިތުރު ފަސް ހޮސްޕިޓަލެއްގެ ގަވަނިން ބޯޑުތައް އުވައިލައްވައި، މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް (އެމްޓީއެޗްޖީ) އުފައްދަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިރޭ ބުނި ގޮތުގައި، މި ބަދަލު ގެންނެވީ ސަރުކާރުގެ ސިއްހީ ނިޒާމު ހަރުދަނާކުރެއްވުމަށް ރައީސް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ސަރުކާރުގެ ޓާޝަރީ ހޮސްޕިޓަލްތަކާއި ޓާޝަރީ ފެންވަރަށް ތަރައްގީކުރަމުންދާ ހޮސްޕިޓަލްތައް އެއް ގަވަނިން ބޯޑެއްގެ ދަށުން، ހައިބްރިޑް ސެންޓްރަލައިޒްޑް މޮޑެލްއަކަށް ހިންގަމުންދާނެ އިންތިޒާމު ހަމަޖެއްސެވުމަށެވެ.

މި ނިންމެވުމާއެކު އެމްސީޖީއެޗްގެ އިތުރުން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލާއި، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި، ގަން ރީޖަނަލް ހޮސްޕިޓަލާއި، ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް އަދި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ ގަވަނިން ބޯޑުތައް ވަނީ އުވައިލައްވައިފައެވެ. އަލަށް އުފެއްދެވި އެމްޓީއެޗްޖީގެ ގަވަނިން ބޯޑަކީ ރައީސްގެ އިރުޝާދުގެ ދަށުން އެމަނިކުފާނަށް ޖަވާބުދާރީވާ، އަދި މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާއާ ގުޅިފައިވާ ގޮތަށް ހިނގަމުންދާނެ ބޯޑެކެވެ. އަދި ރައީސް މުއިއްޒުގެ އިރުޝާދުފުޅުގެ ދަށުން، މި ބޯޑާއި ބޯޑުން ބަލަހައްޓަމުން ގެންދާ ތަންތަނުގެ ކަންކަން ވިލަރެސްކުރައްވާނީ ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޯ ޓާޝަރީ ހެލްތު ސާވިސަސްއެވެ.

ޖުމްލަ 18 މެންބަރުންގެ މައްޗަށް އެކުލެވޭ އެމްޓީއެޗްޖީގެ ގަވަނިން ބޯޑުގެ ޗެއާޕާސަނަކަށް އައްޔަންކުރައްވާފައިވަނީ ސިއްހީ ދާއިރާގައި ގިނަ ދުވަހު މަސައްކަތްކުރައްވާފައިވާ ތަޖުރިބާކާރެއް ކަމަށްވާ ޑރ. އަބްދުލްއަޒީޒު ޔޫސުފް (ވ. އަކީލާ) އެވެ. ޑރ. އަބްދުލްއަޒީޒު ޔޫސުފަކީ އެމްސީޖީއެޗް އުވާލި އިރު، އެ ގްރޫޕުގެ ވެސް ޗެއާޕާސަންކަމުގެ މަގާމު ފުރުއްވި ބޭފުޅާއެވެ. އަދި އެމްޓީއެޗްޖީގެ ވައިސް ޗެއާޕާސަނަކަށް އައްޔަންކުރައްވާފައިވަނީ އައިޓީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ހުސައިން ހަލީމް (ކުންނާރުގެ، ގދ. ތިނަދޫ) އެވެ.

މީގެ އިތުރުން، ފަންނީ ތަޖުރިބާކާރުންގެ ގޮތުގައި ޕްރައިމަރީ ހެލްތުކެއާގެ ތަޖުރިބާކާރު ނަޔާޒު އަހްމަދު (ނޯތުވޭ، ޅ. ހިންނަވަރު) އާއި، ޕަބްލިކް ހެލްތު ދާއިރާގެ ތަޖުރިބާކާރު ޑރ. މަރްޔަމް ޖެނިފާ (އޭޑީރީޑް، ސ. ފޭދޫ) އަދި ނާސިން ދާއިރާގެ ތަޖުރިބާކާރު ފާތިމަތު އާފިޔާ ވަހީދު (ދަފްތަރު ނަންބަރު ރސ 13524) މި ބޯޑުގައި ހިމެނިވަޑައިގަންނަވައެވެ. ސަރުކާރުގެ ވުޒާރާތަކުން މި ބޯޑު ތަމްސީލުކުރައްވަނީ މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާގެ ފަރާތުން ތަސްލީމާ (ގ. ދޮންބަގީޗާގެ) އަދި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސްގެ ފަރާތުން އާދަމް ބަދުރުﷲ (ކަރަންކާވިލާ، ށ. މާއުނގޫދޫ) އެވެ.

މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކުން މި ބޯޑުގައި ހިމެނިވަޑައިގަންނަވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމް (މ. ރަނިކަ) އާއި، އެ ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯ އަދި ސިއްހީ ދާއިރާގެ ތަޖުރިބާކާރު ޑރ. އިބްރާހީމް ޔާސިރު އަހްމަދު (މއ. ވެނީލާގެ) އާއި، ހުޅުމާލެ ހޮސްޕިޓަލްގެ އިސް މުވައްޒަފެއް ކަމަށްވާ މޫސާ ކަލީމް ގާސިމް (ރިހާބު، އދ. މަހިބަދޫ) އާއި، ވިލިމާލެ ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު މަބްރޫކް (ހިކިފިނިފެންމާގެ، އއ. ތޮއްޑޫ) އަދި އެ ހޮސްޕިޓަލްގެ އިސް މުވައްޒަފެއް ކަމަށްވާ އާލިމް ޝަކީލް (ސިޔާމާމަންޒިލް، އއ. ފެރިދޫ) އެވެ.

އަތޮޅުތަކުގެ ހޮސްޕިޓަލްތަކުގެ އިސްވެރިންގެ ތެރެއިން ބޯޑުގައި ހިމެނިވަޑައިގަންނަވަނީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ ސީއީއޯ ނާޒިމާ އަލީ (މޫންފްލެޓް، ހދ. ކުޅުދުއްފުށި) އާއި، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ ސީއީއޯ ޑރ. އަހްމަދު އަދީލް ނަސީރު (ސްޓާރްސް، ސ. ހިތަދޫ) އާއި، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯ ހުސައިން އާސިފް (ވައިލެޓްވިލާ، ރ. އުނގޫފާރު) އާއި، ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ސީއީއޯ އަހްމަދު އަޝްރަފް (ސޯސަންގެ، ގދ. ތިނަދޫ) އާއި، ގަން ރީޖަނަލް ހޮސްޕިޓަލްގެ ސީއީއޯ އަބްދުލްހަންނާން އަބްދުއްރަހީމް (މުކުރިމަގު، ވައިނުޖެހޭގެ، ލ. ގަން) އަދި ފުވައްމުލަކު ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެހުންނެވި އިސްވެރިޔާ ފަތުހުﷲ ނަސީމް (އެވިސީނާ، ސ. މީދޫ) އެވެ.

އެމްޓީއެޗްޖީގެ ގަވަނިން ބޯޑުން ބަލަހައްޓަމުން ގެންދާނީ ޖުމްލަ 12 ތަނެކެވެ. އޭގެ ތެރޭގައި ހިމެނެނީ ދަރުމަވަންތަ ހޮސްޕިޓަލާއި، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމް) އާއި، ހުޅުމާލެ ހޮސްޕިޓަލާއި، ވިލިމާލެ ހޮސްޕިޓަލާއި، މޯލްޑިވިއަން ބްލަޑް ސާވިސަސް އަދި އެ ސާވިސަސްގެ ދަށުން ހިނގަމުންދާ ތެލަސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރެވެ. މީގެ އިތުރުން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލާއި، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލާއި، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި، ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލާއި، ގަން ރީޖަނަލް ހޮސްޕިޓަލް އަދި ފުވައްމުލަކު ހޮސްޕިޓަލްވެސް ހިނގަމުންދާނީ މި ބޯޑުގެ ދަށުންނެވެ.