އަރަބި ރީޖަންގެ މަޝްރަހު ގޯސްވަމުންދާތީ ސައުދީ އަރަބިއްޔާގައި ބާއްވަން ތާވަލުކޮށްފައިވާ އޭޝިއާގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް، އޭޝިއަން ކަޕުވެސް ފަސްކޮށްފިއެވެ.

ސައުދީއަށް ހޫތީންގެ ބައެއް ހަމަލާތައް އަމާޒުވެފައިވާ އިރު، އެގައުމުގެ ވެރިރަށް ރިޔާދަށް މިހާތަނަށް ބައެއް މިސައިލް ހަމަލާތައްވެސް އަމާޒުވެފައިވާ ކަމަށް ނޫސްތަކުން ބުނެފައިވެއެވެ. އޭގެ އިތުރުންވެސް ސައުދީގެ އެހެން ބައެއް ސިޓީތަކަށްވެސް ހޫތީންގެ ހަމަލާތައް އަމާޒުވެފައިވާކަމުގެ ރިޕޯޓުތައް ކޮށްފައިވެއެވެ.

މިއަދު އޭއެފްސީން ބުނެފައި ވަނީ އަންނަ އަހަރު ޖެނުއަރީ ހަތްވަނަ ދުވަހު ސައުދީގައި ފަށަން އޮތް އޭޝިއަން ކަޕް އަންނަ އަހަރު ޑިސެމްބަރު 23 ވަނަ ދުވަހު ފަށަން ފަސްކޮށްފައިވާ ކަމަށެވެ. އެ ނިންމުން ނިންމީ ސައުދީގެ ފުޓުބޯޅަ އިދާރާއި ލޯކަލް އޮގަނައިޒިން ކޮމިޓީ (އެލްއޯސީ)އާވެސް މަޝްވަރާކޮށްފައި ކަމަށް އޭއެފްސީން ބުނެފައިވެއެވެ.

ޖުމުލަ 24 ޓީމަކުން ވާދަކުރާ އޭޝިއަން ކަޕްގެ ސަލާމަތީ ކަންކަމަށް މީގެ ކުރިން ބައެއް ގައުމުތަކުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ޖަޕާނުންވެސް ވަނީ މުބާރާތާ ދޭތެރޭ ސުވާލުތަކެއް އުފައްދައިފައެވެ.

އޭއެފްސީން ނެރުނު ބަޔާނުގައި ބުނީ ސައުދީ ރީޖަންގައި ބަދަލުވަމުންދާ ހާލަތާ ގުޅިގެން ޓީމުތަކަށް ދަތުރުފަތުރު ހަމަޖެއްސުމާއި ލޮޖިސްޓިކް ކަންކަމަށް ދަތިވާނެ ކަމަށާއި، އެކަންކަން ހަމައަކަށް އަޅުވަން މުބާރާތް ފަސްކުރަން މަޖުބޫރުވެފައިވާ ކަމަށެވެ.

އޭއެފްސީން ބުނެފައި ވަނީ މުބާރާތުގެ އާ ތާރީހު ކަނޑައަޅައި، އެކަން މިހާރު ފީފާއަށް ހުށަހަޅާފައިވާ ކަމަށެވެ.

ސައުދީގެ މަޝްރަހު ގޯސްވުމުން މިއަހަރު އެގައުމުގައި ބާއްވަން އޮތް އޭޝިއަން އިންޑޯ އެންޑް މާޝަލް އާޓްސް ގޭމްސް (އައިމެގް)ވެސް ފަސްކުރަން ވަނީ ނިންމައިފައެވެ. އެ ގޭމްސްގައި ރާއްޖެއިންވެސް ވާދަކުރެއެވެ.