މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުހައްމަދު ސައީދުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

މިނިސްޓަރު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ، އިދިކޮޅު އެމްޑީޕީގެ 13 މެންބަރުން ސޮޔާއެކުއެވެ.

މިދިޔަ އޯގަސްޓް މަހުގެ އެއްވަނަ ދުވަހު މިނިސްޓަރުގެ އިތުބާރު ނެތް ކަމަށް އެ މެންބަރުން މަޖިލީހަށް ހުށަހެޅި ގަރާރުގައި ބުނެފައި ވަނީ ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ސައީދު އިހުމާލުވެވަޑައިގެންފައިވާ ކަމަށެވެ.

މަޖިލީހަށް ޖަވާބުދާރީވުމުގެ ވާޖިބު އަދާކުރުމުގައި ވެސް އިހުމާލުވެ، މިނިސްޓަރުން ކުރުން މަނާކޮށްފައިވާ އަމަލުތަކެއް ހިންގަވާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން ސައީދުގެ އިތުބާރު ގެއްލިފައިވާ ކަމަށް ކަނޑައަޅައި، އޭނާ މަގާމުން ވަކިކުރަން ގަރާރުގައި ވަނީ ހުށަހަޅައިފައެވެ.

އެ ގަރާރުގެ ބަހުސް ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްގެންދާނީ އެއްގަޑިއިރަށް ކަމަށް މަޖިލީހުގެ އާއްމު ކޮމިޓީން ވަނީ ނިންމައިފައެވެ.

މި މައްސަލައިގެ ބަހުސް މަޖިލިސް ތަޅުމުގައި ކުރިއަށްދާ އިރު، މިނިސްޓަރަށް އަމާޒުކޮށް މެންބަރުން ދައްކާ ވާހަކަތަކަށް، މަޖިިލިސް ތަޅުމުގައި ޖަވާބުދާރީވާން އެއް ގަޑިއިރުގެ ވަގުތެއް މިނިސްޓަރަށް ދިނުމަށް ވެސް އާއްމު ކޮމިޓީން ވަނީ ކަނޑައަޅައިފައެވެ.

މަޖިލީހުގައި އަމަލުކުރަމުން އަންނަނީ ބިލެއް ނުވަތަ މައްސަލައަކަށް ބަހުސްކުރަން ކަނޑައަޅާ ވަގުތު، މަޖިލީހުގައި ތަމްސީލު ކުރާ ސިޔާސީ ޕާޓީތަކަށް، މެންބަރުން ތިބި އަދަދަށް ބަލައިގެން ދިނުމާ އެކު މިނިވަން މެންބަރުންނަށް ވެސް ވަކި ވަރަކަށް ވަގުތު ދޭ އުސޫލަކަށެވެ.