ނަސްރުގެ ދުވަހުގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ދިވެހި ސިފައިންގެ އަސްކަރީ ހުށަހެޅުން ދައްކާލައިފިއެވެ.
ޖުމްހޫރީ މައިދާނުގައި މިއަދު ހަވީރު ބޭއްވި އެ ހަރަކާތް ބައްލަވައިލެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެ ކަނބަލުންނާއި ދައުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
އެ ހުށަހެޅުމުގައި ސިފައިން ދައްކާލާފައިވަނީ ޓެރިސްޓް ހަމަލާއަކުން ސަލާމަތްވުމަށް ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަނެއްގެ މަންޒަރެވެ. ބޭރުގެ ޓެރަރިސްޓް ޖަމާއަތަކުން ރާއްޖެއަށް ދޭން މަސައްކަތްކުރި ޓެރަރިސްޓް ހަމަލާގެ މައުލޫމާތު އިންޓެލިޖެންސަށް ލިބުމާއެކު، ކަނޑުމަތީގައި އެމީހުންގެ އުޅަނދުތައް އެއާކޯގެ ޑްރޯނުން ދައްކާލިއެވެ.
އެއާއެކު އޮޕަރޭޝަން ކުރިއަށްގެންދިޔައީ ކޯސްޓްގާޑްގެ ހާއްސަ ޓީމެއް އެކުލަވާލައި އެ އުޅަނދުތައް ނައްތާލުމަށާއި އޭގެ ތެރެއިން އުޅަނދެއްގައި ރަހީނުކޮށްފައި ތިބި މީހުން ސަލާމަތްކުރުމަށް ކުރި މަސައްކަތް ދައްކާލިއެވެ. އެގޮތުން އެ އޮޕަރޭޝަންގައި ކޯސްޓްގާޑުން ކަނޑުއަޑިން މަސައްކަތްކޮށް، މީހުން ރަހީނުކޮށްފައި ބޭތިއްބި އުޅަނދަށް އަރައި ގޮވާ ތަކެއްޗާއި ހަތިޔާރު ބޭނުންކޮށްފައިވެއެވެ.
ކަނޑުމަތީގެ އުޅަނދުތަކުގައި ތިބި ޓެރަރިސްޓުންނަށް ދިން ހަމަލާއަށްފަހު އެއްގަމުން މެރިން ކޯ އިން ކުރިއަށްގެންދިޔަ އޮޕަރޭޝަން ފެނިގެންދިޔައެވެ. އެމްއެންޑީއެފްގެ ސްޕެޝަލް އޮޕަރޭޝަންސް ގްރޫޕު (އެސްއޯޖީ) އަދި އެލީޓް ފޯސް، ސްޕެޝަލް ފޯސަސް އިން ކުރިއަށްގެންދިޔަ އޮޕަރޭޝަންތައް ވެސް ދައްކާލިއެވެ. އެގޮތުން ޓެރަރިސްޓް ހަމަލާގެ އިސްމީހާ އެސްއޯޖީން އަތުލައިގަތުމާއެކު ދިވެހީންތަކެއް ރަހީނުކުރުމުން، ސްޕެޝަލް ފޯސަސް އިން އެމީހުން ސަލާމަތްކުރި ގޮތް ދައްކާލިއެވެ.
އެ ހުށަހެޅުމުގައި އެމްއެންޑީއެފުން ކަނޑުމަތީގައި އަދި އެއްގަމުގައި ބޭނުންކުރާ ފަހުގެ އުޅަނދުތައް ފެނިގެންދިޔައެވެ. އެގޮތުން ތުރުކީން ރާއްޖެއަށް ހަދިޔާކުރި ޔޫއޭވީ ޑްރޯންގެ އިތުރުން ކަނޑުމަތިން ހަނގުރާމަ މަތީ މަނަވަރު "ދަރުމަވަންތަ" އަދި ފާސްޓް އިންޓަސެޕްޓާ ކްރާފްޓް އުޅަނދުތައް ފެނިގެންދިޔައެވެ. އަދި އެއްގަމުން، ހަތިޔާރު ހިމެނޭ މެރިން ކޯގެ މެކެނައިޒްޑް އިންފެންޓަރީ ސްކޮޑްރަންގެ އުޅަނދުތައް ވެސް ފެނިގެންދިޔައެވެ.
އެމްއެންޑީއެފް
އެމްއެންޑީއެފް
އެމްއެންޑީއެފް
އެމްއެންޑީއެފް
ކޮމެންޓް