3 ނޮވެންބަރު 1988ގެ އުދުވާނީ ހަމަލާއަށް 38 އަހަރުވީއެވެ. މި އުދުވާނީ ހަމަލާއަކީ ފަހުގެ ތާރީޚުގައި ދިވެހިރާއްޖޭގެ ގައުމީ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް ކުރިމަތިވި އެންމެބޮޑު ނުރައްކާތެރި އުދުވާނީ ހަމަލާއެވެ. 18 ދިވެހިން ޝަހީދުވިއެވެ. އެއީ ސިފައިންގެ 8 ބޭކަލުންނާއި އާންމު ރައްޔިތުންގެ 11 ބޭކަލުންނެވެ. ދިވެހި ގައުމާއި ރައްޔިތުންނަށް މާއްދީ އަދި މައުނަވީ ނުހަނު ބޮޑެތި ގިނަގުނަ ގެއްލުންތައް ލިބުނެވެ. ނަފުސާނީ ގޮތުންވެސް ދިވެހި ރައްޔިތުންނަށް ލިބުނު ގެއްލުންތައް ގިނަގުނައެވެ.

ނޮވެންބަރު 3، 1988ގެ އުދުވާނީ ހަމަލާގައި ދިވެހިރާއްޖޭގެ އަސްކަރިއްޔާގެ މައިމަރުކަޒަށް ލިބުނު ގެެއްލުންތައް އަދި ޓެރަރިސްޓުން އަތުން އަތުލެވުނު ބައެއް ހަތިޔާރު ---

ދިވެހިރާއްޖޭގެ ގައުމީ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް ލޮޅުން އަރާފައި އެދުވަހު 18 ވަރަކަށް ގަޑިއިރުވިއެވެ. މި އުދުވާނީ ހަމަލާއިން، ދިވެހި ގައުމަށް ނަސްރު ލިބުނީ، ދިވެހި ސިފައިންގެ ހިތްވަރުގަދަ ގައުމީ ޖިހާދާއި، ދިވެހި ސަރުކާރުގެ ހަރުދަނާ ސިޔާސަތާއި، ދިވެހި ރައްޔިތުންގެ ހިންމަތާއި މިންނަތުންނެވެ. އެކުވެރި އިންޑިޔާގެ އަސްކަރީ އެހީއާއިވެސް އެކުގައެވެ.

3 ނޮވެންބަރު 1989 އިން ފެށިގެން 3 ނޮވެންބަރު މި ފާހަގަކުރެވެނީ ދިވެހިރާއްޖޭގެ ނަސްރުގެ ދުވަސް ކަމުގައެވެ. ވީމާ، ނަސްރުގެ ދުވަސް ފާހަގަކުރާތާ 37 އަހަރުވީއެވެ. 3 ނޮވެންބަރު 1988ގެ އުދުވާނީ ހަމަލާއަށްފަހު، ދިވެހި ގައުމު، ސިޔާސީ، ޚާރިޖީ އަދި އަސްކަރީ ގޮތުން އަލުން މިވަނީ އާރާސްތު ކުރެވިފައެވެ. ޚާރިޖީ ގޮތުން ބަލާއިރު، ކުދި ގައުމުތަކުގެ މިނިވަންކަމާއި މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ރައްކާތެރިކުރުމަށް ރާއްޖެއިން ހުށަހެޅި ގަރާރުތަކެއް އ.ދ. މަޖިލީހުން ވަނީ ފާސްވެފައެވެ. އަދި ދިވެހި އަސްކަރިއްޔާ ވަރުގަދަކޮށް ހަރުދަނާ ބަދަލުތަކާއި ބޮޑެތި ކުރިއެރުން ގެނެވުނެވެ.

ރާއްޖޭގެ މިހާރުގެ އާބާދީގެ ހުރިހާ ޒުވާނުން އުފަންވީ 3 ނޮވެންބަރު 1988ގެ ފަހުންނެވެ. މިހާރު ރާއްޖޭގެ އާބާދީގައި 321000 (ތިންލައްކަ އެކާވީސް ހާސް) އަށްވުރެ ގިނައީ ޒުވާނުންނެވެ. 1988 (މީގެ 38 އަހަރު ކުރި) ނޮވެންބަރު 3ގެ އުދުވާނީ ހަމަލާ ކުރިމަތިވިއިރު، ރާއްޖޭގެ އާބާދީ 2 ލައްކަ ހަމަނުވެއެވެ. މިހާރު (2026) ރާއްޖޭގެ އާބާދީ ފަސްލައަކަ ތިރީސްހާހަށްވުރެ އިތުރެވެ. ވީމާ، 38 އަހަރުގެ ތެރޭގައި އާބާދީ ދެގުނައަށްވުރެވެސް މާބޮޑަށް އިތުރުވުމެވެ. އަދި އާބާދީ ދެބައިކުޅަ އެއްބަަޔަށްވުރެވެސް ޒުވާނުން ގިނަވުމެވެ. 1965 (މީގެ 61 އަހަރު ކުރި) ރާއްޖެ މިނިވަންވީ އިރު، ރާއްޖޭގެ އާބާދީ 1ލައްކަ ހަމަނުވެއެވެ.

އަދުގެ ދުނިޔޭގައި ގައުމުތަކުގެ ގައުމީ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ރައްކާތެރިވުން، އެންމެ ބޮޑަށް ބިނާވެފައި ވަނީ، އަސްކަރިއްޔާއަށްވުރެ ބޮޑަށް ޚާރިޖިއްޔާގެ މައްޗަށެވެ. އެގައުމަކުން ގެންގުޅޭ ޚާރިޖީ ސިޔާސަތުތަކުގެ މައްޗަށެވެ. ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމާއަތްތަކާއި ދުނިޔެއާއި އެގައުމަކާއި އޮންނަ ގުޅުންތަކުގެ މައްޗަށެވެ. އަދި އެގައުމެއްގެ ބައިނަލްއަގުވާމީ ވިޔަފާރިއާއި އިގުތިސާދީ ކަންކަމަކީވެސް އެ ގައުމެއްގެ ގައުމީ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ދެމެހެއްޓުމަށް މުހިންމު ދައުރެއް އަދާކުރާ ކަންކަމެވެ.

މިޒަމާނުގެ ދުނިޔޭގައި މައުލޫމާތާއި ޓެކުނޯލޮޖީގެ ވަސީލަތްތައްވެސް ގައުމީ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ދެމެހެއްޓުމަށް މުހިންމު ދައުރަށް އަދާކުރެއެވެ. މިކަންކަމަކީ، ނުބައިގޮތުގައި، އެކަންކަމުގެ މުއާމަލާތްތައް ކުރެވިއްޖެނަމަ، އޭގެ ނުރަނގަޅު އަސަރު މުޅިގައުމަށް ކޮށްފާނެ ފަދަ ކަންކަމެވެ.

އެޑިޓަރުގެ ނޯޓު؛

މުޙައްމަދު ޝާޠިރު އިންފޮމޭޝަންގެ ދާއިރާތަކާއި ލިޔުންތެރިކަމުގެ ދާއިރާގައި، ގައުމީ ފެންވަރުގައި މަސައްކަތްކުރާތާ މިހާރު 35 އަހަރުވެއްޖެއެވެ. އުމުރުން 20 އަހަރު ނުވަނީސް ގައުމީ ތާރީޚީ ލިޔުންތައް ނޫސްމަޖައްލާތަކުގައި ލިޔެ، ރޭޑިއޯޓީވީތަކުގައި މައުލޫމާތުދީ، 1990 ގެ އަހަރުތަކުގައި އެންމެ ޒުވާން މުއައްރިޚުގެ ގޮތުގައި މަގުބޫލުވެ، މަޝްހޫރުވިއެވެ. މުޙައްމަދު ޝާޠިރު ވަނީ ނޫސްވެރިކަމުގެ ދާއިރާގައި ދައުލަތުގެ މީޑިއާގައި 20 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތްކޮށްފައެވެ. މިގޮތުން ނޫސްވެރިކަމުގެ އެންމެހައި މަގާމުތަކެއް ނުވަތަ ރިޕޯޓަރު، ސަބްއެޑިޓަރު، އެޑިޓަރު، ސީނިއަރު އެޑިޓަރު އަދި އެގުޒެކެޓިވް އެޑިޓަރުކަން ކޮށްފައިވެއެވެ. ރާއްޖޭގެ އެންމެ ބޮޑު ނޫސް "ހަވީރު" ނޫހުގައި15 ވަރަކަށް އަހަރު ތާރީޚީ ދިރާސީ މަޒުމޫނުތައް ލިޔެފައިވެއެވެ. މީގެ އިތުރުން ތާރީޚީ އަދި ދިރާސީ ފޮތްތައް ލިޔެފައިވެސްވެއެވެ. ދިވެހިރާއްޖޭގެ ތާރީޚާއި ސަގާފަތާއި ބެހޭގޮތުން ދައުލަތުން އުފެއްދެވި ގައުމީ ކޮމެޓީތަކުގައި 25 އަހަރު މަސައްކަތްކޮށްފައިވެއެވެ. މުޙައްމަދު ޝާޠިރު، ދައުލަތުގެ ލިޔެކިޔުންތަކާއި ގައުމުގެ ރެކޯޑްސްގެ ގާނޫނީ އެންމެ އިސް މަގާމު، ޑިރެކްޓަރ ޖެނެރަލް އޮފް ނޭޝަނަލް އާކައިވްސް ކަމުގެ މަގާމު އެންމެ ފުރަތަމައަށް އަދާކޮށްފައިވެއެވެ. މިގޮތުން 7 އަހަރު އެ މަގާމު އަދާކުރިއެވެ. އަދި 5 މިނިސްޓްރީގައި (ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން، ފިނޭންްސް އެންޑް ޓްރެޒަރީ، އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް، ކޮމިއުނިކޭޝަން ސަައިންްސް އެންޑް ޓެކްނޯލޮޖީ، އެންވަޔަރަންމަންޓް ސައިންސް އެންޑް ޓެކްނޯލޮޖީ ގައި) ޑެޕިއުޓީ މިނިސްޓަރުކަން 12 އަހަރު އަދާކޮށްފައިވެއެވެ. މުޙައްމަދު ޝާޠިރު ވަނީ ދާއިރާތަކުން ގައުމީ އިނާމުތަކާއި އެވޯޑުތައް ހާސިލުކޮށްފައެވެ. މިގޮތުން ޒުވާނުންގެ ގައުމީ އިނާމު (ތާރީޚާއި ސަގާފަތުގެ ރޮނގުން)، ގައުމީ އިނާމު (ތާރީޚާއި ބެހޭގޮތުން ހޭލުންތެރިކުރުވުމުގެ ރޮނގުން)، އަދި ދިވެހި ނޫސްވެރިކަމުގެ "އަލިމަސް ގަލަން" ލިބިފައިވޭމެއެވެ.