މާލޭގެ ބޮޑުތަކުރުފާނު މަގުން އަލަށް ތަރައްގީކުރި ސަރަހައްދުގެ މަސައްކަތްތައް ނިމި، މާދަމާ ހަވީރު 4:00 އިން ފެށިގެން އެ ސަރަހައްދު އާންމު ދަތުރުފަތުރަށް ހުޅުވާލުމަށް ނިންމައިފިއެވެ.

ބޮޑުތަކުރުފާނު މަގުގައި އަލަށް ތަރައްގީކުރި ސަރަހައްދުގައި އަލަށް ހެދި ޕާކިން ޒޯނުގައި ގަސް އިންދުމަށް ބޭއްވި ހަރަކާތަށްފަހު އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓް މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ މަގު ހުޅުވުމަށް ވަކި ހާއްސަ ރަސްމިއްޔާތެއް ބޭއްވުމުގެ ބަދަލުގައި، މަސައްކަތް ނިމުމާއެކު މާދަމާ ހަވީރުން ފެށިގެން އާންމުންނަށް އެ ސަރަހައްދު ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެހޭނެ ކަމަށެވެ.

"ދެން އަޅުގަނޑުމެންގެ ވިސްނުމަކީ މަސައްކަތް ނިމުމާއެކު މާދަމާ ހަވީރު 4 އަކުން ފެށިގެން އާންމުންނަށް މަގު ހުޅުވާލުން. ވަކި ރަސްމިއްޔާތެއް ބާއްވާ ގޮތަކަށް ނޫން އޮތީކީ. އަޅުގަނޑުމެން މަގުގެ މަސައްކަތް ނިމުމާއެކު މާދަމާ ހަވީރު 4 އަކުން ފެށިގެން އާންމުންނަށް މަގު ބޭނުން ކުރެވޭވަރަށް ހުޅުވާލާނަން" މުއްތަލިބު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ތަރައްގީކުރި ސަރަހައްދުގައި ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންދަނީ މާލޭގެ މަލަމަތި ރީތިކޮށް، މަގު ބޭނުންކުރާ ފަރާތްތަކަށް ހިތްފަސޭހަ މާހާއުލެއް ގާއިމުކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް މަގުތައް ފެހިކުރުމުގެ މަސައްކަތް މެދުނުކެނޑި ކުރިއަށްދާނެކަމަށް މުއްތަލިބު ވިދާޅުވިއެވެ.

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރަން މި ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ 144,509,024.16 (144.5 މިލިއަން) ރުފިޔާއަށް 455 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

އެ މަގު ފުޅާކުރުމުގެ މަޝްރޫއުގެ ފުރަތަމަ ސެންގަމްޓުގެ ދަށުން ވަނީ މަސްމާރުކޭޓާ ހިސާބުން ފެށިގެން ދެކުނަށް ގޮސް ޖުމްހޫރީ މައިދާނުގެ މެދަކާ ހިސާބަށް އެއްގަމުތޮށި ބޭރަށް ޖައްސައި އެ މަގު ހަތަރު ލޭނަށް ފުޅާކޮށް، ތާރު އަޅައިފައެވެ. އަދި ޗާންދަނީ މަގުން ފެށިގެން ފާލަންދޮށު ހިނގުމާ ހަމައަށްވެސް ވަނީ ތަރައްގީކޮށްފައެވެ.

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ދެން ކުރިއަށްދާނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ސަރަހައްދުން ފެށިގެން ވެސްޓް ޕާކާ ހަމައަށް އޮތް ހަލާކުވެފައިވާ މަގުތައް ހެދުމުގެ މަސައްކަތެވެ. އެއަށްފަހު އެ މަގުގެ ބާކީ ބައި ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެއެވެ.