ފެނަކަ ކޯޕަރޭޝަންގެ ހަރަދުތައް ކުޑަކުރުމަށް ކުރިއަށްގެންދާ ރީސްޓްރަކްޗަރިންގް ޕްރޮގްރާމްގެ ދަށުން، އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވި މުވައްޒަފުންނަށް ދޭން ނިންމި ހަތަރު މަހުގެ މުސާރަ ދީ ނިންމާފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ.
ފެނަކައިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ވަޒީފާއިން ވަކިވާން އެދުނު މުވައްޒަފުންނާއެކު ވެފައިވާ އެއްބަސްވުންތަކާ އެއްގޮތަށް ހުރިހާ ފައިސާއެއް މިހާރު ދައްކާފައިވާނެ ކަމަށެވެ.
މިއީ އެ ކުންފުނީގެ މުވައްޒަފުންގެ އަދަދު މަދުކޮށް، ހިންގުން ހަރުދަނާކުރުމަށް ޖޫން މަހުގެ ތެރޭގައި ހުޅުވާލި ފުރުސަތެކެވެ.
ފެނަކައިން ބުނީ، ވަކިވި މުވައްޒަފުންނަށް މުސާރަ ނުލިބޭކަމަށް ބުނެ ބައެއް މީޑިއާތަކުން ފަތުރަމުންދަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. އަދި އެއްވެސް މުވައްޒަފަކަށް ގެއްލުންވާނެ ގޮތަކަށް ކުންފުނިން އަމަލުނުކުރާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ ދީފައެވެ.
"ކުންފުނިން އެކަށައަޅާފައިވާ އުސޫލާ އެއްގޮތަށް، ހަތަރު މަހުގެ މުސާރަ ވާނީ އެ ފަރާތްތަކަށް ހަވާލުކޮށްފައި. މީޑިއާގައި ދެކެވޭ ވާހަކަތަކަކީ އޮޅުވާލުމެއް،" ފެނަކައިން ބުންޏެވެ.
އަމިއްލައަށް ވަޒީފާއިން ވަކިވާން ދިން ފުރުސަތުގައި ޖުމްލަ 97 މުވައްޒަފަކު ވަނީ އެ ފުރުސަތުގެ ބޭނުން ހިފާފައެވެ. ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފު ހަސަން މީގެކުރިން ވިދާޅުވެފައިވަނީ، ކުންފުނީގައި 8,000 އަށްވުރެ ގިނަ މުވައްޒަފުން ތިބުމުގެ ސަބަބުން މުސާރަ ދިނުމަށާއި، ހިދުމަތަށް ބޭނުންވާ ތެލާއި ސްޕެއާޕާޓްސް ގަތުމަށް މާލީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށެވެ.
މުހައްމަދު އިޝާން
ފެނަކަ ކޯޕަރޭޝަން
ފެނަކަ ކޯޕަރޭޝަން
ކޮމެންޓް