ފެނަކަ ކޯޕަރޭޝަންގެ ކުރީގެ ޕްރޮކިއުމަންޓް ހެޑް، މަރިޔަމް ދީނާގެ މައްޗަށް އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން ދެންމެ ކޮށްފިއެވެ.

ދީނާގެ މައްޗަށް ދައުލަތުން ދައުވާ ކުރީ، ފެނަކަ އާއި ބްލޭޒަން އިންކް ކުންފުންޏާ ދެމެދު 2019 ވަނަ އަހަރު ހެދި އެއްބަސްވުމުގެ ދަށުން ބްލޭޒަން އިންކް ކުންފުނިން މަސައްކަތް ފުރިހަމަ ނުކުރަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރު ކުރުމެއް ނެތި، އެ މަސައްކަތަށް ވާ ފައިސާ ބްލޭޒަން އިންކް ކުންފުންޏަށް ދޫކުރި މައްސަލައިގަ އެވެ.

އެ މައްސަލައިގައި ދީނާގެ މައްޗަށް ކުރީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާ އޭނާގެ މައްޗަށް ސާބިތުވާ ކަމަށް މީގެ ކުރިން ކޯޓުން އޮތީ ކަނޑައަޅައިފަ އެވެ.

މިއަދު އޮތީ މި މައްސަލައިގެ ހުކުމް އިއްވުމެވެ.

މިކަަމަށްޓަކައި ކޯޓުގައި މިއދު ބޭއްވި އަޑުއެހުމުގައި ދައުލަތުން އެދުނީ ދީނާގެ މައްޗަށް ކުށުގެ އަސާސީ އަދަބު އިއްވުމަށެވެ. އެ ކުށަކީ ބޮޑު އަދަބެއް ކަނޑައަޅަން ޖެހޭ ކަމެއް ކަމަށް ދައުލަތުން ގަބޫލުކުރިޔަސް، ދީނާއަކީ ތުއްތު ކުދިންތަކެއް އެކަނި ބަލާ މީހަކަށް ވެފައި އޭނާއަށް މިކަމުން ސީދާ މަންފާއެއް ލިބިފައި ނުވާތީ އަދަބު ބޮޑުކުރަން ދައުލަތުން ބޭނުމެއް ނުވެއެވެ.

ނަމަވެސް ދީނާގެ ވަކީލު އެދުނީ އޭނާގެ މައްޗަށް އެންމެ ލުއި އަދަބު އިއްވަައިދިނުމަށެވެ.

އެގޮތުން ޖަލު އަދަބުގެ ބަދަލުގައި ޖޫރިމަނާ އާއި ގޭބަންދު އަދަބަށް ބަދަލުކޮށްދޭން އެދުނެވެ. އެގޮތަށް އެދުނީ އޭނާއަކީ ބަލި މީހަކަށްވެފައި، އެކަނި ތުއްތު ކުދިންތަކެއް ބަލަހައްޓާތީ އެވެ. ވަކީލު ވިދާޅުވިގޮތުގައި ދީނާގެ ނޭވާލާ މައްސަލަތަކެއް ހުންނާތީ ވައި ބަންދުވާ ތަންތަނުގައި ނޫޅުމަށް ޑޮކްޓަރުން އިރުޝާދު ދީފައިވެ އެވެ.

ނަމަވެސް، މައްސަލަ ބައްލަވާ ގާޒީ އާދަމް މުހައްމަދު ނިންމެވީ ދީނާގެ މައްޗަށް ޖަލު އަދަބު ކަނޑައެޅުއްވުމަށެވެ. އެއީ، އޭނާއަކީ ޖަލުގައި ނުބެހެއްޓޭނެ ވަރުގެ މީހެއް ކަމަށް އެެއްވެސް ޑޮކްޓަރަކު ލިޔުމެއް ދީފައި ނެތުމުންނާއި އޭނާ ކުރި ކުށަކީ މުޅި މުޖުތަމައު ފަސާދައަށް ހުށަހެޅޭ ކުށަކަށްވާތީ އެވެ. ގާޒީ އިއްވެވީ ދައުލަތުން އެދުނު ގޮތަށް ކުށުގެ އަސާސީ އަދަބު ކަމަށްވާ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.

މި މައްސަލައިގައި ދެން ދައުވާކުރި ފެނަކައިގެ ކުރީގެ އެމްޑީ މުހައްމަދު ސައީދުގެ މައްޗަށް މީގެ އަހަރެެއްހާ ދުވަސް ކުރިން ވަނީ ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.