ޑެޕިއުޓީ މެނޭޖަރުގެ މަގާމު އިއާދަ ނުކޮށްދިން މައްސަލައަަކާ ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މީހަކު ހުށަހެޅި މައްސަލައަށް ޖަވާބުދާރީވާން ފެނަކަ ކޯޕަރޭޝަނަށް ޓްރައިބިއުނަލުން އަމުރުކޮށްފިއެވެ.
ގއ. ދެއްވަދޫ ފެނަކަ ބްރާންޗްގެ ޑިޕިއުޓީ މެނޭޖަރުކަމުގެ މަގާމު އިއާދަ ނުކުރި މައްސަލަ ޓްރައިބިއުނަލަށް ހުށަހަޅާފައި ވަނީ، އެރަށު ތަރިވިދާގެ އަހްމަދު ޝަފީގުއެވެ.
މި މައްސަލައިގައި ބުނެފައިވަނީ އޭނާއަކީ ފެނަކަ ކޯޕަރޭޝަންގެ ދެއްވަދޫ ބްރާންޗްގައި 20 މާޗް 2017 އިންފެށިގެން ޑިޕިއުޓީ މެނޭޖަރުގެ ގޮތުގައި ވަޒީފާ އަދާކުރަމުން އައި މީހެއް ކަމަށެވެ.
ނަމަވެސް އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލުމުން 15 ފެބްރުއަރީ 2026 އިން ފެށިގެން ވަގުތީގޮތުން ވަޒީފާއިން ސަސްޕެންޑް ކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
އިންތިހާބުގައި ނުހޮވުމުން ވަޒީފާއަށް އަލުން ރުޖޫއަ ކޮށްދިނުމަށް އެދި މިދިޔަ އޭޕްރީލް މަހުގެ ހަ ވަނަ ދުވަހު، ފެނަކައަށް ހުށަހެޅި ސިޓީއަށް ޖަވާބެއް ދީފައި ނުވާ ކަމަށް ބުނެ އޭނާ އެ މައްސަލަ ޓްރައިބިއުނަލަށް ހުށަހަޅާފައި ވަނީ، މިދިޔަ އޯގަސްޓް މަހުގެ 31 ގައެވެ.
މި މައްސަލައިގައި ޝަފީގު ޓްރައިބިއުނަލްގައި އެދިފައި ވަނީ، އޭނާ އެ މަގާމަށް އިއާދަކޮށްދީފައި ނުވަނީ ގާނޫނާއި ގަވާއިދާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށެވެ.
އޭގެ އިތުރުން، އޭނާގެ ސަސްޕެންޝަނާ މެދު ފެނަކައިން އިތުރު ގޮތެއް އަންގާފައި ނުވާތީ، އެހެން ވަޒީފާއެއް އަދާކުރުމުގެ ހައްގު ވެސް ލިބިފައި ނުވާތީ ފެނަކައިގައި އޭނާ އަދާކުރި ވަޒީފާ އަނބުރާ އިއާދަ ކޮށްދިނުމަށާއި، އޭޕްރީލް މަހުން ފެށިގެން ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅި ތާރީހާ ހަމައަށް، އޭނާ ވަޒީފާ އަދާކުރަމުންދިޔަ އިރު ލިބެމުން އައި މުސާރަ އާއި އިނާޔަތްތައް އޭނާއަށް ލިބެންޖެހޭ ކަމަށް ކަނޑައަޅައި އެގޮތަށް އަމަލު ކުރުމަށް ފެނަކައަށް އަމުރުކޮށް ދިނުމަށް ވެސް އެދިފައިވެއެވެ.
ނަމަވެސް މި މައްސަލައާ ގުޅިގެން ފެނަކައިން ވަނީ އިޖުރާއީ ނުކުތާއެއް ނަގައިފައެވެ.
އެ ނުކުތާ ފާހަގަ ކުރަމުން ފެނަކައިން ބުނީ، ކައުންސިލް އިންތިހާބުގައި ވާދަކުރާކަން އެންގުމާ ގުޅިގެން އެ ކުންފުނިން ޝަފީގަށް ފޮނުވި، 15 ފެބްރުއަރީގެ ސިޓީން ފެށިގެން، ގަވާއިދު ބުނާގޮތުން އޭނާ ވަޒީފާއިން ވަގުތީގޮތުން ވަކިވާނެ ކަމަށެވެ.
އެހެންކަމުން އޭނާއަށް އެ މުއްދަތުގެ މުސާރަ އާއި އިނާޔަތްތައް ނުލިބޭނެ ކަމަށްވެސް ބުނެފައިވެއެވެ. އަދި އިންތިހާބުގައި ނުހޮވި، ވަޒީފާއަށް އަނބުރާ އަންނަން ބޭނުންނަމަ އިންތިހާބު ނިމޭތާ ތިން ދުވަހުގެ ތެރޭގައި ލިއުމުން އަންގަން ޖެހޭނެކަން އޭނާއަށް އަންގާފައިވާނެ ކަމަށްވެސް ބުނެފައިވެއެވެ.
އެގޮތުގެމަތިން އޭޕްރީލް ހަތަރެއްގައި އިންތިހާބު ބޭއްވުމުން ހައެއް އޭޕްރީލްގައި ވަޒީފާއަށް އަނބުރާ ރުޖޫއަ ކުރުމަށް އެދި އޭނާ ސިޓީ ހުށަހެޅި ކަމަށާއި އޭގެ ފަހުން 30 ޖުލައި އާއި 13 އޯގަސްޓްގައި އޭނާ އިތުރު ސިޓީ ފޮނުވި އިރު 13 އޮގަސްޓްގެ ސިޓީގައި 20 އޮގަސްޓްގެ ކުރިން ފެނަކައިން ޖަވާބެއް ނުލިބިއްޖެނަމަ މައްސަލަ ޓްރައިބިއުނަލަށް ހުށަހަޅާނެކަން އަންގާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
ފެނަކައިން ބުނެފައި ވަނީ ވަޒީފާއާބެހޭ ގާނޫނުގެ ދަށުން ވަޒީފާއިން ވަކިކުރާ މުވައްޒަފުންނަށް ޓްރައިބިއުނަލަށް ޝަކުވާ ހުށަހެޅުމުގެ ހައްގު ލިބިގެން ވަނީ ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން ތިން މަސްދުވަހުގެ މުއްދަތުގައި ކަމަށެވެ.
ޓްރައިބިއުނަލްގެ ގަވާއިދުގައި، ވަޒީފާއާގުޅޭ މައްސަލަތައް ޓްރައިބިއުނަލަށް ހުށަހަޅަންވާނީ ހަ މަސްދުވަހުގެ ތެރޭގައި ކަމަށް ކަނޑައަޅާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
ނަމަވެސް، ގާނޫނަކުން ނުވަތަ ގަވާއިދަކުން ވަކި ބާވަތެއްގެ މައްސަލައެއް ޓްރައިބިއުނަލަށް ހުށަހެޅުމަށް، ވަކި މުއްދަތެއް ކަނޑައަޅާފައިވާނަމަ، އެ ފަދަ މައްސަލަތަކުގައި މައްސަލަ ހުށަހަހެޅުމުގެ މުއްދަތު ކަމުގައި ބަލަންވާނީ އެ ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި ކަނޑައަޅާފައިވާ މުއްދަތު ކަމަށްވެސް ގަވާދުގައި ބުނާ ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން އެ މުއްދަތު ފާއިތުވުމަށްފަހު ހުށަހަޅާ މައްސަލައެއް ބަލައިގަނެވޭނީ މަގުބޫލު ސަބަބެއް އޮތްނަމަ ކަމަށްވެސް ގަވާއިދުގައި ބަޔާންކޮށްފައިވާ އިރު، ޝަފީގު އެ މައްސަލަ ހުށަހެޅި ފޯމުގައި ގާނޫނުގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި މައްސަލަ ހުށަހަނާޅައި ލަސްވި ސަބަބު ބަޔާންކޮށްފައިނުވާ ކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން ޝަފީގު ޓްރައިބިއުނަލަށް މައްސަަލަ ހުށަހަޅާފައި ވަނީ، ގަވާއިދުގައިވާ މުއްދަތު ފާއިތުވުމަށްފަހު މައްސަލަ ބަލައިގަނެވޭނެ މަގުބޫލު ސަބަބެއް ނެތި ކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން ފެނަކައިން ޓްރައިބިއުނަލްގައި އެދިފައި ވަނީ، މި މައްސަލައަކީ ޓްރައިބިއުނަލުން ބަލައި، ގޮތެއް ނިންމުމުގެ އިހްތިސާސް ލިބިގެންވާ މައްސަލައެއް ނޫން ކަމަށް ކަނޑައަޅައި، މައްސަލަ ހުށަހެޅި ފޯމް ބާތިލްކޮށްދިނުމަށެވެ.
މި މައްސަލައިގައި ފެނަކައިން ފާހަގަކުރި އިޖުރާއީ ނުކުތާ އާއި އެއަށް މައްސަލަ ހުށަހެޅި ފަރާތުން ދިން ޖާބަށް ބަލައި، ޓްރައި ބިއުނަލުން ފާހަގަ ކޮށްފައިވަނީ، ކުންފުނީގެ ގަވާއިދުގައިވާ ގޮތުގެމަތިން 15 ފެބްރުއަރީން ފެށިގެން ޝަފީގު، ވަޒީފާއިން ވަގުތީގޮތުން ސަސްޕެންޑް ކުރެވިފައިވާ ކަމާއި އެ މުއްދަތުގައި މުސާރަ އާއި އިނާޔަތްތައް ނުލިބޭ ކަމާއި އިންތިހާބު ކާމިޔާބު ނުކުރެވިގެން އަލުން ވަޒީފާއަށް އަންނަން ބޭނުންނަމަ، އިންތިހާބު ނިމޭތާ ތިން ދުވަހުގެ ތެރޭގައި އެކަން އަންގައިދިނުމަށް ފެނަކައިން އެދިފައިވާކަން އެނގެން އޮންނަ ކަމަށެވެ. އަދި ޝަފީގު ވަޒީފާ އިއާދަކޮށް ދިނުމުގެ ސިޓީ ފޮނުވާފައި ވަނީ ކުންފުނިން ކަނޑައަޅާފައިވާ މުއްދަތުގައި ކަމަށްވެސް ބުނެފައިވެއެވެ.
އެއާ ގުޅިގެންވެސް ގިނަ ކަންތައްތަކެއް ފާހަގަކޮށް، މި މައްސަލައަކީ ޓްރައިބިއުނަލަށް ބެލުމުގެ އިހްތިސާސް ލިބިގެންވާ މައްސަލައެއް ކަމަށް ވަނީ ކަނޑައަޅައިފައެވެ. އެހެންކަމުން ޝަފީގު މައްސަލަ ހުށަހެޅި ފޯމު ފެނަކައިން އެދުނު ގޮތަށް ބާތިލް ކުރާނޭ ގާނޫނީ އަސާސެއް ނެތް ކަމަށް ކަނޑައަޅައި، މި މައްސަލައަށް ޖަވާބުދާރީ ވުމަށް ފެނަކައަށް އަންގާ އަމުރުކުރާކަމަށް ޓްރައިބިއުނަލްގެ ނިންމުމުގައި ބުނެފައިވެއެވެ.
އިބްރާހިމް ޒަކީ
ފެނަކަ ކޯޕަރޭޝަން
ކޮމެންޓް