ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މުވައްޒަފުން ރެކްރޫޓު ކުރުމާއި ޕްރޮމޯޝަން ދިނުމާއި މުސާރަ އާއި އިނާޔަތްތަކާ ގުޅޭ ހާއްސަ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަން ތަހުގީގުކޮށް، އެ މައްސަލައާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އެކުލަވާލާ ރިޕޯޓް ރައްޔިތުންގެ މަޖިލީހުން ފާސްކުރާތާ 30 ދުވަހުގެ ތެރޭގައި އެ ތަހުގީގުން ފާހަގަވި ކަންކަން ކޮމިޓީއަށް ހުށަހަޅަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އަންގަން މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.
އެ ކޮމިޓީން މިގޮތަށް މިއަދު ފާސްކުރީ ފެނަކައިގެ އޮޑިޓް ރިޕޯޓް ކޮމިޓީން ދިރާސާ ކުރުމަށްފަހު، އެކުލަވައި ރިޕޯޓުގައި، މައްސަލަތަކަށް އަޅަން ކަނޑައެޅި ފިޔަވަޅު ތެރޭގައި ހިމަނައިގެންނެވެ.
އޭސީސީން އެ ތަހުގީހުތައް ކުރަމުންދާ އިރު، ތަހުގީގު ކުރިއަށްދާ ގޮތުގެ މައުލޫމާތު މަހަކު އެއްފަހަރު ކޮމިޓީއަށް ހުށަހެޅުމަށާއި އެ މައްސަލަތައް ނިންމުމުން މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް ކޮމިޓީއާ ހިއްސާ ކުރުމަށް އޭސީސީއަށް އެންގުމަށްވެސް ވަނީ ފާސްކޮށްފައެވެ.
ފެނަކަ ރައިޓް ސައިޒް ކުރުމަށްޓަކައި އޮޕަރޭޝަން ފުޅާވަމުންދާ މިންވަރާއި ކުންފުނީގެ ވަޒީފާތަކުގައި ތިބި މުވައްޒަފުންނާ ހަވާލު ކޮށްފައިވާ މަސައްކަތްތަކާއި ވޯކްލޯޑް ބެލުމަށް ޖޮބް އެނެލެސިސްއެއް ހެދުމަށް އެ ކުންފުންޏަށް އެންގުމަށްވެސް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
އަދި އޭގެ ނަތީޖާއަށް ބިނާކޮށް ކުންފުނީގެ ވަޒީފާތަކުގައި ތިބެންޖެހޭ މުވައްޒަފުންގެ އަދަދު ކަނޑައެޅުމަށާއި ކުންފުންޏަށް އިތުރު މުވައްޒަފުން ބޭނުންވާކަން ކަށަވަރު ކުރުމަށްފަހު ނޫނީ ކުންފުނީގެ ވަޒީފާތަކަށް އިތުރު މުވައްޒަފުން ނުނެގުމަށް އެންގުމަށް ވެސް ވަނީ ފާސްކޮށްފައެވެ.
ކުންފުނި ރައިޓް ސައިޒް ކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ނުވަތަ ނިމުނު ގޮތާއި ކުންފުނީގެ އަދަދަށް އައިސްފައިވާ ބަދަލުތަކުގެ ތަފްސީލް ވެސް މި ރިޕޯޓް މަޖިލީހުން ފާސްކުރާތާ ތިން މަސް ދުވަހުގެ ތެރޭގައި ކޮމިޓީއަށް ހުށަހަޅަން ޖެހޭނެ ކަމަށްވެސް ވަނީ ފާސްކޮށްފައެވެ.
ކޮމިޓީއަށް މިކަންތައްތައް ހުށަހެޅުއްވީ، ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މަމްދޫހެވެ. ތާއީދު ކުރެއްވީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން މަރުޒޫގެވެ.
އިބްރާހިމް ޒަކީ
ފެނަކަ ކޯޕަރޭޝަން
ކޮމެންޓް