ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ ރާއްޖެ ސުޕަ ލީގު ވޮލީބޯޅަ މުބާރާތުގެ ފައިނަލަށް ވ. ފެލިދުއާއި ބ. ގޮއިދޫ ދަތުރު ކޮށްފިއެވެ.
އަތޮޅު ތެރޭގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ރާއްޖެ ސުޕަ ލީގު ވޮލީ މުބާރާތުގެ ފިރިހެން ޑިވިޝަނުގައި ހަތް ރަށަކުން ވާދަކޮށްފައިވާ އިރު، ރޭ ކުޅެފައި ވަނީ ސެމީ ފައިނަލް ދެމެޗެވެ.
ގްރޫޕް ސްޓޭޖުގެ މެޗުތައް ދެ ގްރޫޕަކަށް ކުޅެފައިވާ އިރު، ގްރޫޕް އޭގައި ލ. ފޮނަދުއާއި ފެލިދޫގެ އިތުރުން ދެން ހިމެނުނީ ހދ. ހަނިމާދުއާއި ކ. މާފުއްޓެވެ. ގްރޫޕް ބީގައި ގޮއިދޫގެ އިތުރުން ދެން ހިމެނުނީ ތ. ހިރިލަންދުއާއި ކ. ތުލުސްދުއެވެ.
ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓުގައި ކުޅުނު ސެމީ ފައިނަލް ފުރަތަމަ މެޗުގައި މިއަދު ހަވީރު ފެލިދޫން ވާދަކުރީ ތ. ހިރިލަންދުއާ ދެކޮޅަށެވެ. އެމެޗު ފެލިދޫން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ.
ގައުމީ ވޮލީބޯޅަ ޓީމުގެ ކުރީގެ ކޯޗު މުހައްމަދު ޝަރަފްގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ފެލިދޫން ސެޓުތައް ގެންދިޔައީ 25-20، 25-23 އަދި 25-19 އިންނެވެ.
މިފަހަރުގެ މުބާރާތުގައި ފެލިދޫން ފުރިހަމަ ރެކޯޑެއް ދަމަހައްޓަމުން އަންނަ އިރު، ސެމީ މެޗުގައިވެސް އަލީ ހުޒާމް (ހުޒަންޓެ) އާއި އާދަމް ފައިރޫޒް އަދި ހުސެއިން ވިޝާމް (ބުޅިކެ)އާއި ހަސަން ނިލާމްގެ ކުޅުން ފާހަގަކޮށްލެވުނެވެ.
ރޭ ސެމީ ފައިނަލް ދެވަނަ މެޗުގައި ގޮއިދޫން ފޮނަދޫ ބަލިކުރީވެސް ސީދާ ތިން ސެޓުންނެވެ. ސްރީ ލަންކާގެ ކޯޗު ޖަޔަސޭކަރަ ޗަންނަގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ގޮއިދޫން ސެޓުތައް ގެންދިޔައީ 25-23، 26-24 އަދި 25-23 އިންނެވެ.
ޝަމާއިލް ހުސެއިންގެ ތަފާތު ބާރު އެޓޭކްތަކެއް މެޗުގައި ފެނުނު އިރު، ގޮއިދޫގެ ފަރާތުން ފެނުނީ ހިތްވަރާއެކު ކުޅުނުތަނެވެ. ހާއްސަކޮށް ދެވަނަ ސެޓު ގެއްލެން ދަނިކޮށް އެޓީމުން ވަނީ ފަހަތުން އަރައި ސެޓު ގެންގޮސްފައެވެ.
ފޮނަދުއާއި ހިރިލަންދޫ ވާދަކުރާ ތިންވަނަ ހޮވާ މެޗު މާދަމާ ހަވީރު 4:00 ގައި އޮންނަ އިރު، މުބާރާތުގެ ފައިނަލް މެޗު މާދަމާ ރޭ 8:30 ގައި އޮންނާނެއެވެ.
ރާއްޖެ ސުޕަ ލީގު - ވޮލީ
ރާއްޖެ ސުޕަ ލީގު - ވޮލީ
ރާއްޖެ ސުޕަ ލީގު - ވޮލީ
ރާއްޖެ ސުޕަ ލީގު - ވޮލީ
ކޮމެންޓް